14 އޯގަސްޓް 2017 - 13:53

މައްކާ (އޮގަސްޓް 14) - މި އަހަރުގެ ހައްޖުގެ އަޅުކަމުގައި ބައިވެރިވާނެ ކަމަށް ބެލެވޭ ދެ މިލިއަން މީހުންނަށް އެހީތެރިވުމުގެ ގޮތުން 138،000 މީހުން ހަރަކާތްތެރިވާނެ ކަމަށް އޮފިޝަލުން ބުނެފި އެވެ.
ސެންޓްރަލް ހައްޖު ކޮމިޓީގެ ބައްދަލުވުމެއްގައި ހައްޖު މިނިސްޓަރު މުހައްމަދު ސާހިލު ބަންތާން ވިދާޅުވީ ހައްޖުވެރިންނަށް އެހީތެރިވުމަށް 95،000 މީހުން މިނިސްޓްރީގެ ފަރާތުން ހަރަކާތްތެރިވާނެ ކަމަށެވެ. މީގެ އިތުރުން ވޮލަންޓިއަރުންނާއި ސްކައުޓުންގެ 43،000 މީހުން ހަރަކާތްތެރިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
މައްކާގެ އަމީރު އަދި ހައްޖު ކޮމިޓީގެ ޗެއާމަން ޕްރިންސް ޚާލިދު އަލް ފައިސަލް ރިޔާސަތު ބެލެހެއްޓި ބައްދަލުވުމުގައި ވަނީ ހައްޖުވެރިންނަށް އެންމެ ރަނގަޅު ގޮތުގައި ޚިދުމަތް ދިނުމާ ބެހޭ ގޮތުން އެކުލަވާލާފައިވާ އޮޕަރޭޝަނަލް ޕްލޭނާ ގޮތުން މަޝްވަރާ ކޮށްފަ އެވެ. ބައްތާން ވިދާޅުވީ ހައްޖުވެރިންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި ޚިދުމަތް ދިނުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާތަކަށް އަންގާފައިވާ ކަމަށެވެ.
ހައްޖު މިނިސްޓަރު ވިދާޅުވީ ސައުދީ އަރަބިއާގެ ބޭރުން މި އަހަރު 1.7 މިލިއަން މީހުން ހައްޖަށް އަންނާނެ ކަމަށެވެ. އަދި ސައުދީން ވެސް 211،000 މީހުން ހައްޖުގެ އަޅުކަން އަދާކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ސައުދީގެ ދެ ހަރަމްގެ ޖެނެރަލް ޕްރެސިޑެންސީން ބުނީ ހައްޖު ޕްލޭން ތަންފީޒު ކުރުމުގައި 10،000 މީހުން ހަރަކާތްތެެރިވާނެ ކަމަށެވެ. އޭގެ ތެރޭގައި އިންޖިނޭރުންނާއި އެޑްމިނިސްޓްރޭޓަރުންނާއި ޓެކްނީޝަނުން ހިމެނޭ ކަމަށް ވެސް ބުނެފައިވެ އެވެ. މައްކާ މުނިސިޕަލްޓީން ވެސް ވަނީ 23،000 މީހުން ހައްޖުގެ އެކި ކަންކަމަށް ޚާއްސަ ކޮށްފަ އެވެ. އޭގެ ތެރޭގައި ސާފު ކުރާ މީހުންނާއި ސުޕަވައިޒަރުން ހިމެނެ އެވެ. މައްކާ ހެލްތު ޑިޕާޓްމަންޓުން ބުނީ ހައްޖުވެރިންނަށް ސިއްހީ މައްސަލައެއް ދިމާވެދާނެތީ 4،000 އެނދު ތައްޔާރުކޮށްފައިވާ ކަމަށެވެ. މައްކާ އާއި މަދީނާ، މިނާ، އަރަފާތު އަދި މުޒްދަލިފާގައި ޖެނެރަލް ހޮސްޕިޓަލްތަކުގެ އިތުރުން 128 ހެލްތު ސެންޓަރު ގާއިމްކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ހައްޖުވެރިންނަށް ދިމާވެދާނެ ކަމަކަށް އަވަސް ފަރުވާ ދިނުމަށް 100 އެމްބިއުލެންސް ތައްޔާރުކޮށްފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ. ހައްޖުވެރިންނަށް ލުއި ފަސޭހަ ކޮށްދިނުމުގައި ސައުދީ ރެޑް ކްރެސެންޓުން ވެސް 10،000 މީހުން ހަރަކާތްތެރިވާނެ އެވެ.
މި އަހަރުގެ ހައްޖުގެ އަޅުކަމަށް މިހާތަނަށް ވަނީ 570،568 މީހުން މައްކާ އަށް ގޮހެވެ.