15 އޯގަސްޓް 2017 - 06:14

އިންޑިއާގެ އެންމެ މަޝްހޫރު އަންހެން ލަވަ ކިޔުންތެރިންގެ ތެރޭގައި ހިމެނޭ ސުނިދީ ޗޯހަން މިހާރު އިނީ ފުރަތަމަ ދަރިފުޅަށް ބަލިވެ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އޭނާ ކައިވެނިކޮށްގެން އުޅެނީ މިއުޒިކް ކޮމްޕޯޒަަރު ހިތޭޝް ސޯނިކްއާ އެވެ. އެ ދެ މީހުން ކައިވެނި ކުރީ އެޕްރީލް 15، 2012 ގަ އެވެ.
މިއީ ސުނީދީ، 34، ގެ ދެ ވަނަ ކައިވެންޏެވެ. އޭނާ ފުރަތަމަ ކައިވެނި ކުރީ އޭކް ޕަހޭލީ ލީލާ (2015) ގެ ޑައިރެކްޓަރު އަދި ސްކްރީން ރައިޓަރު ބޮބީ ހާނާ އެވެ. އެ ދެ މީހުން 2002 ގައި ކުރި ކައިވެނި ދެމިއޮތީ އަހަރެއްހާ ދުވަހަށެވެ.
ދެވަނަ ކައިވެންޏަށް ފަސް އަހަރު ފަހުން ފުރަތަމަ ދަރިފުޅަށް ބަލިވެއިންކަން، ރީތި އެތައް ލަވައެއް އެހުންތެރިންނާ ހަމައަށް ގެނެސް ދީފައިވާ ސުނީދީ ވަނީ ޕިކްންވިލާ އަށް ކަށަވަރު ވެސް ކޮށްދީފަ އެވެ.
ސުނީދީ ލަވަ ކިޔުންތެރިއެއްގެ ގޮތުގައި ނިކުތީ އުމުރުން އެންމެ 13 އަހަރުގަ އެވެ. އޭނާ އާންމުންގެ ތެރޭގައި އެންމެ ބޮޑަށް ވިދާލީ ލަވަ ޝޯ "މޭރީ އާވާޒް ސުނޯ" ކާމިޔާބު ކުރި ހިސާބުންނެވެ.
ސުނީދީ އެންމެ ފުރަތަމަ ފިލްމަކަށް ލަވައެއް ރެކޯޑް ކުރީ 1999 ގަ އެވެ. އެ އަހަރު ރިލީޒް ކުރި "މަސްތު" ފިލްމުގެ "ރުކީ ރުކީ ސީ ޒިންދަގީ" އާ އާ އެކު އޭނާވެގެން ގޮސްފައި ވަނީ އިންޑިއާގެ ވަރަށް މަގުބޫލު ލަވަ ކިޔުންތެރިއަކަށެވެ.
އެގޮތުން މިހާތަނަށް ސުނީދީ ވަނީ ވަރަށް ގިނަ އަދަދެއްގެ ލަވަ ކިޔައިފަ އެވެ. ފާހަގަކޮށްލެވޭ ބައެއް ލަވަތަކުގެ ތެރޭގައި ދޫމް (2004) ގެ "ދޫމް މަޗާލޭ"، އޯމްކާރާ (2006) ގެ "ބީޅީ ޖަލައިލޭ" އަދި އާޖަ ނަޗްލޭ (2007) ގެ "އާޖަ ނަޗްލޭ" ހިމެނެ އެވެ.
މި މަހު ރިލީޒް ކުރި ޝާހްރުކް ހާނާއި އަނުޝްކާ ޝަރްމާގެ "ޖަބް ހެރީ މެޓް ސޭޖަލް" އިން ވެސް ސުނީދީގެ އަޑު އިވިގެން ދާނެ އެވެ.