އިދިކޮޅު 12 މެމްބަރެއްގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި
އިދިކޮޅު 12 މެމްބަރެއްގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި

ރައްޔިތުންގެ މަޖިލިހުގެ އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހުގެ އިދާރާ އަށް ވަން މައްސަލާގައި 12 މެމްބަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.

މިިދިޔަ މަހުގެ 24 ވަނަ ދުވަހު އިދިކޮޅު މެމްބަރުން ގަދަކަމުން މަޖިލީހަށް ވަން މައްސަލާގައި 12 މެމްބަރެއްގެ މައްސަލަ ފުލުހުން ޕީޖީ އަށް ފޮނުވާފައިވާ ކަން އެ އޮފީހުން ކަށަވަރުކޮށްދެ އެވެ. އެ މައްސަލަތަކުގައި ދައުވާ ކުރުމާ މެދު ޕީޖީން އަދި ވަކި ގޮތެއް ނުނިންމަ އެވެ.

ދައުވާކުރަން ފޮނުވީ ކޮން މެމްބަރުން ތަކެއްގެ މައްޗަށް ކަން ސާފު ނުވިޔަސް އެނގިފައިވާ ގޮތުގައި މަޖިލިހުގެ އިދާރާ އަށް ގަދަކަމުން ވަން ކަމަށް ބުނެ މިހާތަނަށް ފުލުހަށް ހާޒިރުކުރި ހުރިހާ މެމްބަރުންގެ މައްސަލަ ވެސް ވަނީ ޕީޖީ އަށް ފޮނުވައިފަ އެވެ. މިހާތަނަށް އަށް މެމްބަރަކު އެ މައްސަލާގައި ފުލުހަށް ހާޒިރު ކޮށްފައިވާއިރު، ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް އެ ދުވަހު މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި އިތުރު ތިން މެމްބަރަކު ވަނީ ހައްޔަރުކޮށްފަ އެވެ.

މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި ފުލުސް އޮފީހަށް ހާޒިރުކުރީ ހިންނަވަރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒާއި ހިތަދޫ އުތުރު ދާއިރާގެ މުހައްމަދު އަސްލަމާއި ހެންވޭރު ދެކުނު ދާއިރާގެ މުހައްމަދު އަބްދުލް ކަރީމް (ރުކުމާ) އާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި ހިތަދޫ މެދު ދާއިރާގެ އިބްރާހިމް މުހައްމަދު ދީދީ އާއި މާފަންނު ހުޅަނގު ދާއިރާގެ މުހައްމަދު ފަލާހް އާއި ނޮޅިވަރަމް ދާއިރާގެ ހުސެއިން އަރީފް އަދި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން އެވެ.

ގޮނޑި ގެއްލިފައިވާ ކަމަށް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް މަޖިލިހުގެ އިދާރާ އަށް ވަން މައްސަލާގައި ހައްޔަރުކުރީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަތު އަމީތެވެ. އެ ތިން ބޭފުޅުން އަދިވެސް ތިބީ ބަންދުގަ އެވެ.

އެ ބޭފުޅުންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ މައްސަލަތައް މިހާރު އޮތީ ހުކުމް އިއްވުމުގެ މަރުހަލާގަ އެވެ.

މަޖިލީހަށް ގަދަކަމުން ވަން މެމްބަރުން އެތަނުން ނެރުނީ ސަލާމަތީ ބާރުތަކުން މަޖިލީހަށް ވަދެ އެވެ.