މިއީ އާދަޔާހިލާފު ތަޖުރިބާއެއް: ކުޑަ އިއްސެ
މިއީ އާދަޔާހިލާފު ތަޖުރިބާއެއް: ކުޑަ އިއްސެ

ދުނިޔޭގެ ޗެމްޕިއަނުން ވާދަކުރާ ފޯ ސީޒަންސް ސާފިން ޓްރޮފީގައި މި ފަހަރު ހުނަރު ދައްކާލި ރާއްޖޭގެ ސާފަރު އިސްމާއިލް މިގްލާލް (ކުޑަ އިިއްސެ) ވަނީ މި މުބާރާތުގެ ދެ ޑިވިޝަނެއްގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. ފައިނަލުން ފުރުސަތު ނުލިބުނު ނަމަވެސް ކުޑަ އިއްސެ ދެކެނީ މިއީ ހަޔާތުގެ އެންމެ އުފާވެރި އަދި އާދަޔާހިލާފު ހަނދާންތަކުގެ ގޮތުގަ އެވެ.

މިއީ އާދަޔާހިލާފު ތަޖުރިބާއެއް: ކުޑަ އިއްސެ
މިއީ އާދަޔާހިލާފު ތަޖުރިބާއެއް: ކުޑަ އިއްސެ

"މިއީ ހަޔާތުގެ އެންމެ އާދަޔާ ހިލާފު ތަޖުރިބާ. ޗެމްޕިއަނުން ވާދަކުރާ މުބާރާތެއްގައި ރާޅާ އެޅުމުގެ ފުރުސަތު ލިބުމުން އުފާކުރަން. އަދި ހާއްސަކޮށް މިއީ އަހަރެންގެ އައިޑަލްސް. މި މީހުންނާ އެއް އިވެންޓެއްގައި ބައިވެރިވުމަކީ ވެސް އަހަރެން ދެކޭ ގޮތުގައި ޝަރަފެއް. ވަރަށް ގިނަ ކަންތައްތަކެއް އެމީހުންގެ ފަރާތުން ދަސްވެއްޖެ،" ކުޑަ އިއްސެ ބުންޏެވެ.

ކުޑަ އިއްސެ ސެމީ ފައިނަލުގައި ވާދަކުރީ ޓްވިން ފިން ޑިވިޝަނާއި ތުރަސްޓާ ޑިވިޝަންގަ އެވެ. ޓްވިން ފިން ޑިވިޝަންގެ ސެމީން ކުޑަ އިއްސެ ފުރުސަތު ހޯދީ 2001 ވަނަ އަހަރުގެ ދުނިޔޭގެ ޗެމްޕިއަން އެމެރިކާގެ ސީޖޭ ހޮގްބުޑް ބަލިކުރުމަށް ފަހު އެވެ. އަދި ތުރަސްޓާ ޑިވިޝަން އިން ސެމީ އަށް ދިޔައީ ބްރެޒިލްގެ އެއް ވަނަ މާޔާ ގަބެއިރާ ބަލިކުރުމަށް ފަހު އެވެ.

ޓްވިން ފިން ޑިވިޝަންގެ ސެމީ ފައިނަލުގައި ކުޑަ އިއްސެ ބަލިވީ އެމެރިކާގެ ރޮބް މަޗާޑޯ އަތުންނެވެ. އަދި ތުރަސްޓާ ޑިވިޝަނުގެ ސެމީން ކެޓީ ހޮގްބުޑާ ވާދަކޮށެވެ.

ކުޑަ އިއްސެ ވަނީ އޭނާގެ 25 އަހަރުގެ ކެރިއަރުގައި ބައިނަލްއަގްވާމީ އެކި މުބާރާތްތަކުގައި ވަނީ ރާޅާ އަޅައިފަ އެވެ. އަދި ފާހަގަކޮށްލެވޭ ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ވަނަތަކެއް ވެސް ހޯދި އެވެ. އޭގެ ތެރޭގައި 2014 ގެ އިންޑިއާގެ ކޮވެލޯން ޕޮއިންޓް ކްލާސިކް މުބާރާތާއި 2015 ގައި މެލޭޝިއާގައި އޮތް ޓިއޮމަން ސާފް ފެސްޓިވަލްގެ ކާމިޔާބީ ފާހަގަކޮށްލެވެ އެވެ.

މި މުބާރާތަށް ނުކުތްއިރު ކުޑަ އިއްސެ އަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެންމެ ރަނގަޅަށް ތައްޔާރުނުވެ މުބާރާތަށް ނުކުންނަން ޖެހުމެވެ.

"ހަގީގަތުގައި އެންމެ ރަނގަޅަށް ތައްޔާރުނުވެ މުބާރާތަށް މި ނުކުންނަން ޖެހުނީ. އެއީ ރާޅުގަނޑު ބަންދުކޮށްފައި އޮތުމުން. ދެން ސާފް ޕޮއިންޓް (ތަނބުރުދޫ) އަށް ދާން ފެރީގެ ކަންތައްތައް އެންމެ ރަނގަޅަކަށް ނޫން ހުރީ. އެކަމަކު މި ފުރުސަތުގެ ބޭނުން ދޫކޮށްލަން ބޭނުމެއް ނުވި،" މުބާރާތުގެ ކުރިން ކުޑަ އިއްސެ ބުންޏެވެ.

މިއީ ފޯ ސީޒަންސް އިން މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ދިވެހި ސާފަރަކަށް ދިން ދެ ވަނަ ފަހަރެވެ. މި ދިޔަ އަހަރު މި މުބާރާތުގައި ވާދަކުރީ އިބްރާހިމް އަރީފް (އިބޫ) އެވެ. އޭނާ ވަނީ މިދިޔަ އަހަރުގެ މުބާރާތުގެ ތުރަސްޓާ ޑިވިޝަންގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ.

ފޯ ސީޒަންސް ސާފިން ޓްރޮފީ މި ފަހަރު ވެސް ކާމިޔާބުކުރީ އޮސްޓްރޭލިއާގެ ތާޖް ބޮރޯ އެވެ. އޭނާ ފައިނަލުގައި ވާދަކުރީ މަޗާޑޯއާ އެވެ.

ޓްރޮފީ ދިފާއުކުރުމުން އަންނަ އަހަރުގެ މުބާރާތުގައި ވެސް ބައިވެރިވުމުގެ ފުރުސަތު ބޮރޯ ވަނީ ހޯދައިފަ އެވެ. މި ފަހަރުގެ މުބާރާތް ފޯ ސީޒަންސް އިން ކުރިއަށް ގެންދިޔައީ ވޯލްޑް ސާފިން ލީގުގެ އެހީތެރިކަމާ އެކު އެވެ.