28 ޖޫން 2016 - 08:02

ޖޫން 27ގެ ބަޔާ ގުޅޭ
"މީނަޔާ ކަލޭ ހިތާވެގެން ރޭވީ ހައިދަރު މަރާލަން، އޭގެ ފަހުން ކަލޭ ޕްލޭންކުރީ ޝިޔާމް މަރާލަން،" ކުރިމަތީގައި އިން މީހާ ބުންޏެވެ.
އެއަށް ދޭނެ ޖަވާބެއް ސާދިޔާއަކަށް ނޭނގުނެވެ. އިތުރު ދޮގެއް ހަދައިގެން އޭނާ ސަލާމަތްނުވާނެކަން އެނގެ އެވެ. އެހެންކަމުން ދެ ލޯ ބޮޑުކޮށްގެން ކުރިމައްޗަށް ބަލަހައްޓައިގެން އިނުން ނޫން ގޮތެއް ނުފެނުނެވެ.
"ޝިޔާމަށް ސްޓްރޯކް ޖެހުނީ އެރޭ ހަމަ އެއްވެސް ވާހަކައެއް ނުދައްކާ އެނދުގައި އޮވެގެންނެއް ނޫން. އޭނާ އަށް އެނގުނީ ކަލޭގެ ރޭވުން، އޭނާ އަށް އެނގުނީ ހައިދަރަށް ކަލޭ ކުރަމުން ދިޔަ އަނިޔާ،" އެހެން ބުނެފައި ފިރިހެންމީހާ ތެދުވި އެވެ. ދެން މަޑުމަޑުން ކުރިއަށް އައިސް ސާދިޔާގެ ކުރިމަތީގައި އުޑުފައިން އިށީނެވެ.
"ޝިޔާމްގެ ފައިސާ އިން ކަލޭ ކުރަމުން އައި ވައްކަން ވެސް ފަޅާއެރި. އެހާ ހިސާބުން ޝިޔާމަށް ރޭކާލީ ހައިދަރަށް އަންނަ ބަދަލުތަކަކީ އަނިޔާކަން. ޝިޔާމަކީ ރުޅިއަޔަސް އެއްޗެކޭ ބުނަން ކެރޭ މީހެއް ނޫން. އޭނާ އަކީ ވަރަށް މަޑުމައިތިރި މީހެއް. ދުވަހަކު ވެސް އޭނާ މީހަކާ ދިމާއަށް ހަޅޭއްލަވާފައެއް ނެތް. ހައިދަރުގެ މަންމަ، އެ ކުއްޖާ އެއްލާލައިފައި ދިޔަ ދުވަހު ވެސް ޝިޔާމް އެއްޗެކޭ ނުބުނޭ. އޭނާ ކެތްތެރިކަމާ އެކު ދަރިފުޅު ބަލަމުން ގެންދިޔައީ. ހައިދަރަށް ނުހިނގުނަސް، ވާހަކަ ނުދެއްކުނަސް، އެއީ ޝިޔާމްގެ އެއް ބައި. އެ ކުއްޖާ ދެކެ އޭނާ ވީ ލޯބި ކަލެއަށް އެނގޭތަ؟"
މޫނު ނިވާކޮށްގެން އިން މީހާގެ ނޫ ކުލައިގެ ކަޅިއާ ދިމާއަށް ސާދިޔާ ބަލަހައްޓައިގެން އިނެވެ. އޭނާ ވެސް އިނީ ބަލަހައްޓައިގެންނެވެ. ހިމޭންކަމުގެ ކުޑަ ވަގުތުކޮޅެކެވެ. އަރުޝަދާއި ސާދިޔާ ބާރަށް ލަމުން ދިޔަ ނޭވާ ނޫން އެހެން އަޑެއް ނެތެވެ.
އޭނާ ތެދުވި އެވެ. ދެން މަޑުމަޑުން އެކި ކޮޅުކޮޅަށް ހިނގަން ފެށި އެވެ.
"ހައިދަރަށް ކަލޭ ދިން ވިހައެއް ވިއްޔާ ތައްޔާރުކުރީ ތި ކަލޭގެ. ޝިޔާމްގެ ހާލު ވެސް މަޑުމަޑުން ދެރަކުރަމުން ދިޔައީ އޭނާ ބުނި ގޮތަށް ހަދައިގެން. އެކަމަކު މިއަދު ކަލޭމެންގެ އެ ޕްލޭން ވޯކްނުކުރާނެކަން މިހާރު އެނގޭނެ. ދެން އޮތީ އަހަރެމެންގެ ޕްލޭން،" އޭނާ އެހެން ބުނެފައި، ކުރިމަތީގައި ހުރި ބައިގެ ދޮރު ހުޅުވާލައިފައި އެތަނަށް ވަނެވެ. ބިއްލޫރިގަނޑުން އޭނާގެ ހަރަކާތްތައް ފެނެ އެވެ. އެތެރޭގައި ހުރި މޭޒުގެ އެއް ކަނަކަށް މަޑުކޮށްލުމަށް ފަހު، އެއްޗެއް ނެގި އެވެ. ދެން އެ ހިފައިގެން އައިސް، ސާދިޔާގެ ކުރިމަތީގައި ހުރި މޭޒު މަތީގައި ބޭއްވި އެވެ. އެއީ ބައިންޑްކޮށްފައި އޮތް ގަނޑުތަކެކެވެ. އެންމެ ފުރަތަމަ ގަނޑުގައި ޖަހާފައި ވަނީ "ކޭސް ނަންބަރު 2: ހައިދަރުގެ އަނިޔާވެރި މަރު" މިހެންނެވެ.
"މި އޮތީ ކަލޭމެން ކުރި ހުރިހާ ކަމެއްގެ ތަފްސީލް. މީނައާ ކަލޭ ބައްދަލުވި ގޮތް ވެސް އޮންނާނެ...."
"އަހަންނަށް މައާފުކޮށްދީ...ސާދިޔާ އަހަންނަށް އޮޅުވާލީ،" ވާހަކަ މެދުކަނޑާލައިފައި، ރޮއިގަންނަ ފާޑަކަށް އަރުޝަދު ބުންޏެވެ.
"މި ތަނަށް އަހަރެމެން ކިޔައީ އިންސާފުގެ ޗެމްބަރު. މިތަނުގައި އެއްވެސް މީހަކަށް މައާފުކުރުމެއް ނޯންނާނެ. މި ތަނުގައި އޮންނާނީ އަހަރެމެން ބުނާ ގޮތަކަށް ކަލޭމެން ކަންތައް ކުރުން،" އެމީހާ ބުންޏެވެ.
ސާދިޔާ އިނީ ކުރިމައްޗަށް ބަލަހައްޓައިގެންނެވެ. އަރުޝަދާ ދިމާއަށް މޫނު އަނބުރާލާކަށް އޭނާ ބޭނުމެއް ނުވި އެވެ. މި ހުރިހާ ކަމެއް، އެހާ ތަފްސީލުކޮށް މި މީހުންނަށް އެނގެނީ އަރުޝަދު ކިޔައިދިނީމާކަން އޭނާ އަށް ވިސްނެ އެވެ. އެކަމަކު ސިއްރުތައް ކިޔައިނުދީ މި މީހުންގެ އަތްދަށުން ސަލާމަތްނުވާނެކަން ވެސް އެނގެ އެވެ.
ސާދިޔާ ހަނދާން އެބަ ހުއްޓެވެ. އޭނާ ގެއިން ނުކުމެ ކާރަށް އެރި އެވެ. އެކަމަކު ކާރު އިސްޓާޓްކުރަން އުޅެއުޅެ އެކަމެއް ނުވި އެވެ. އޭނާ ދާން އުޅުނީ ހެންވޭރުގައި ހުރި އޭނާގެ އަމިއްލަ ގެއަށެވެ. އެ ގޭގެ އެންމެ މަތީ ބައިގައި ހުރި އޭނާގެ އެޕާޓްމަންޓްގެ އެނދެއްގައި އަރުޝަދު އޮތްކަން އޭނާ އަށް އެނގެ އެވެ. ދެ މީހުން މިނިވަންކަމާ އެކު އުފާ ހާސިލްކުރަމުން އައީ އެ އެޕާޓްމަންޓްގަ އެވެ. ކައިވެނި އޮތީ މާ ދުރަކު ނޫނެވެ.
ކާރު އިސްޓާޓް ނުވުމުން ކާރުން ފައިބައި، ޓެކްސީއެއް ލިބޭތޯ ބަލައިލި އެވެ. އޭރު ހަމަ ކައިރީގައި ޖެހިގެން ޓެކްސީއެއް ހުއްޓާފައި އޮތެވެ. އޭނާ، ޑްރައިވަރުގެ މޫނަށް މާ ބޮޑަށް ބަލައިލުމެއް ނެތި، ފަހަތަށް އަރާ، ދާން ވާ ތަން ބުންޏެވެ.
ކާރު ތެރެއިން ފާޑެއްގެ ވަހެއް އޭނާ އަށް ދުވަން ފެށި އެވެ. އޭނާ ސުވާލުކުރަން އުޅުނެވެ. އެކަމަކު މަޑުމަޑުން ނިދެމުން ދިޔައީ އެއްޗެއް ބުނެވޭ ވަރަށް ވުރެ އަވަހަށެވެ.
އޭނާ އަށް ހޭލެވުނު އިރު އިނީ ހަތަރެސް ފައި ބަނދެ، ނުދަންނަ ތިން މީހުންގެ ކުރިމަތީގަ އެވެ.
އަރުޝަދާ އޭނާ ބައްދަލުވީ ބެންކޮކަށް ދިޔަ ދަތުރެއްގައި އެއާޕޯޓުންނެވެ. އިސްކޮޅުގައި ހަ ފުޓޫ ހުރި، އަރުޝަދު ފެނުމާ އެކު ސާދިޔާގެ ހިތް ތެޅެން ފެށި އެވެ. އޭނާގެ ހަށިގަނޑާއި ހިނގުމާއި ހިނިތުންވުމުގައި ހުރީ، އޭގެ ކުރިން ސާދިޔާ އަށް ފެނިފައި ނުވާ ކަހަލަ، ފިރިހެންވަންތަ އަސަރުތަކެކެވެ.
އިމިގްރޭޝަން ކިޔުގައި ސާދިޔާގެ ފަހަތުގައި އަރުޝަދު ހުރެ ދައްކަމުން ދިޔައީ ބެންކޮކް އެއާޕޯޓްގެ ކިޔޫ މާ ދިގުވާން ފެށި ވާހަކަ އެވެ. ތައިލެންޑަށް އަންނަ ޓޫރިސްޓުންނާ އެއްވަރަށް އެއާޕޯޓްގެ ޚިދުމަތްތައް ފުޅާވަމުން ނުދާ ވާހަކަ އެވެ. ސާދިޔާ އެ ވާހަކައާ އެއްބަސްވި އެވެ.
ފޮށި ނަގަން ދިޔައީ ވެސް ވާހަކަ ދައްކަމުންނެވެ. އެއާޕޯޓުން ނުކުތީ ވެސް ވާހަކަ ދައްކަމުންނެވެ. އަދި ދެ މީހުން އެރީ ވެސް އެއް ޓެކްސީއަކަށެވެ. ސާދިޔާ އަބަދުވެސް ހުންނަ ހޮޓެލް އޭޝިއާއާ ހަމައަށް ދިޔަ އިރު ދެ މީހުން ވަނީ އެކަކު އަނެކަކަށް ފޯން ނަންބަރު ދީ، މުވާސަލާތީ ގުޅުން ގާއިމްކޮށްފަ އެވެ.
އެއީ ފެށުމެވެ. އެއީ ސާދިޔާ ހިތްހަމަޖެހުނު ލޯތްބެކެވެ. ހިތުގެ އަޑިން ބޭނުންވެގެން ފިރިހެނަކަށް އޭނާ އެންމެ ފުރަތަމަ އެދުނު އެދުމެވެ. އޭނާގެ އަތްދަށުގައި އޭނާ ބޭނުން ގޮތަކަށް އަރުޝަދު ތާށިވެ ނިމުނެވެ. ދެން ޕްލޭން ކުރަން ފެށީ ޝިޔާމްގެ މުއްސަނދިކަމުގެ ފައިދާ އެންމެ މައްޗަކަށް ނަގާށެވެ. އެ ޕްލޭންގައި ފުރަތަމަ ރޭވީ ހައިދަރު މަރާލައި، ގޭ ތެރޭގެ ކަންކަން ފަސޭހަކުރާށެވެ. އެކަމަކު ކުއްލިއަކަށް ޝިޔާމަށް ސްޓްރޯކެއް ޖެހި، އޭނާގެ ރޭވުންތަކަށް އިތުރު ހުރަސްތަކެއް ކުރިމަތިވި އެވެ. އެހާ ހިސާބުން ދެ ވަނަ މީހެއްގެ މަރާ ވެސް އޭނާ ޖެހުނީ ކުރިމަތިލާށެވެ.
އެ ހުރިހާ ކަމެއް ކުރީ އަރުޝަދުގެ ލަފަޔާއި އެހީތެރިކަމުގަ އެވެ.
ޚިޔާލުގައި އިންދާ ސާދިޔާ ސިހިގެން ދިޔައީ އޭނާގެ އަތް މޮހެން ފެށުމުންނެވެ. އަރިމަތީގައި ތިބި ދެ މީހުން އޭނާގެ ކަނާތު އަތްތިލަ މޭޒު މަތީގައި ބާއްވާ ބާރުކޮށްލި އެވެ. ކުރިމަތީގައި ހުރި މީހާ ދެ ކަކޫ ތަޅުންގަނޑުގައި ޖައްސާ، ރަނގަޅަށް ހަށިގަނޑު ތެދުކޮށްލި އެވެ. ދެން ކަޓަރު ނަގައި، ސާދިޔާގެ ކުޑަވާ އިނގިލީގައި މަޑުމަޑުން ޖައްސާލި އެވެ.
"ތިހެން ނުހަދާ...އަހަރެން ސަލާމަތްކޮށްދީ...." ސާދިޔާ ރޯން ފެށި އެވެ.
އަރުޝަދުގެ ދެ ލޯ ބޮޑުވި އެވެ. އެ ސިކުންތުގައި މޭޒު މަތީގައި ލޭތައް ދެމިގަތެވެ. ސާދިޔާގެ ހަޅޭއްކުކުގެ އަޑުން މުޅި ތަނަށް ގުޑުން އެރި ފަދަ އެވެ. އެކަމަކު އޭރު އޭނާގެ ރީތި އަތް ތިލައިގެ ހިމަ އިނގިލިތަކުގެ ތެރެއިން ކުޑަވައި އިނގިއްޔާއި ކަށި އިނގިލި އޮތީ އަތާ ވަކިވެފަ އެވެ.
މަޑުމަޑުން ލޯ ހުޅުވާލި އެވެ. އަނދިރިކަމެވެ. ތެދުވެވޭތޯ މަސައްކަތްކުރި އެވެ. އޭނާ އޮތީ ވެލިތަކެއްގެ ތެރޭގަ އެވެ. ބިރުން އިނދެ ދެ ކޮޅަށް ނަޒަރު ހިންގާލައި، އަވަހަށް ދެ ފައި މައްޗަށް ތެދުވި އެވެ. ވަށައިގެން އޮތީ ގަސްތަކެވެ. އޭނާ އަށް ފެނުނީ ހުވަފެނެއް ހެއްޔެވެ؟ ވިސްނާލި އެވެ. އެކަމަކު އެ ވަގުތު ނަޒަރު ގޮސް ހުއްޓުނީ ކަނާއަތުގެ އަތްތިލައަށެވެ. ދެ އިނގިއްޔެއް ނެތެވެ. އަތް އޮތީ ބެންޑޭޖްކޮށްފަ އެވެ.
ސާދިޔާ އަށް އެ ހުރެވުނީ ކޮން ތަނެއްގައި ކަން އެނގުނީ އިރުކޮޅެއް ފަހުންނެވެ. ހުޅުމާލޭގެ ގަސްތައް ގިނަ ސަރަހައްދެކެވެ. ރޭގަނޑު ދަންވަރެވެ. އޭނާ މަގެއް ފެނޭތޯ ހިނގަން ފެށި އެވެ. އޭނާ އަށް ނުކުމެވުނީ އެއް ފަރާތުން މޫދާ ޖެހިގެން އޮތް ބޮޑު މަގަށެވެ. މީހެއްގެ ހިލަމެއް ނެތެވެ. ދުރުދުރުން ފަނޑު އަލީގެ ބޮކިތައް ފެނެ އެވެ.
މަގުން ހިނގަމުން ގޮސް ހޮޅި ދަނޑިއެއް ކައިރި އަށް އޭނާ މަޑުކޮށްލި އެވެ. އޭނާގެ ފައިވާނެއް ނެތެވެ. ހެދުމުގައި ހުރީ ލެ އެވެ. އޭނާ އަށް ހުއްޓުން އެރީ ހަށިގަނޑުން ބާރު ދޫވާކަމުގެ އިހުސާސްތަކާ އެކުގައި ކަމެއް ނޭނގުނެވެ. އޭނާ އަށް ހޮޅިދަނޑީގައި ހިފެހެއްޓުނު ކަމެއް ވެސް ނޭނގުނެވެ. މަޑުމަޑުން ތިރިވަމުން ގޮސް ބިންމަތީގައި އިށީދެވުނެވެ.
ކެއްސަން ފެށީ އެވަގުތު އެވެ. ކަރުތެރެ ފުރިގެން އަންނަކަން އިހުސާސްވި އެވެ. އޭނާ ކުޅު ޖަހަން އުޅުނެވެ. އަނގައިން އަންނަން ފެށީ ލެ އެވެ.
ބިރުގަންނާކަށް ވަގުތެއް ނުލިބުނެވެ. ސާދިޔާގެ މެރެމުން ދިޔަ ލޮލަށް ފެނުނީ ހައިދަރު އުޅުނު ގޮތެވެ. އެނދުގައި އޮވެ އެ ކުއްޖާ ލަމުން ދިޔަ ލޭގެ ހޮޑެވެ. ކޮންމެ ފަހަރަކު އެތައް ބައިވަރު ލެއެކެވެ. އެނދާއި ކޮޓަރީގެ ތަޅުންގަނޑު ފެވެމުން ދިޔަ ލެ އެވެ. އަޑުން އަޑުނަގައި ރޯނެ ބާރެއް އެ ކުއްޖާގެ ނެތެވެ. އެހީއަކަށް އެދި ގޮވާނެ ގޮތެއް ނެތެވެ. ވޭނުގައި ތެދުވެ، އިށީދެވޭނެ ކުޅެދުންތެރިކަމެއް ވެސް ނެތެވެ. އެނދު ކައިރީގައި ހުރި ވީލްޗެއާއާ ދިމާއަށް ބަލައިލާފައި، މާޔޫސްކަމާ އެކު ލޯ މަރާލާ ގޮތް ސިފަވަމުން އަ އެވެ. އެންމެ ފަހު ދެ މަސް ދުވަސް ދިޔައީ ހައިދަރު އެނދުން ނުނަގަ އެވެ. ވީލްޗެއާގައި ކޮޓަރިން ބޭރަށް ނެރެދޭން ލޮލުން ކުރަމުން ދިޔަ އާދޭސްތައް އަހާކަށް ސާދިޔާ ބޭނުމެއް ނުވި އެވެ.
އެންމެ ކުޑަ މިނުން ހާލު ދެރަ ބައްޕަ ދެކިލާނެ ފުރުސަތު ވެސް އެ ކުއްޖާ އަށް ދީފައެއް ނުވެ އެވެ. ދެބަފައިންގެ ފަހު ދުވަސްތައް ނިމިގެން ދިޔައީ އެނިކަމެތިކަމުގަ އެވެ. އެއް ގެއެއްގައި، ދެ ކޮޓަރިއެއްގައި އޮވެ، އެކަކު އަނެކަކާ ބައްދަލުނުވެވި އެވެ.
ސާދިޔާގެ ލޮލުން ކަރުނަތައް ފޭބި އެވެ. މިއީ އޭނާ އުއްމީދުކުރި ކަހަލަ ނިމުމެއް ނޫނެވެ. ދުނިޔޭގެ އެ ބޮޑު ނިއުމަތް ލިބި، އޭގެ އުފާ ނުހޯދި މިހާ ކުއްލިއަކަށް، އަދި މިހާ ނިކަމެތިކޮށް މަރުވެދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެ އެވެ. އެކަމަކު ހުރިހާ ކަމެއް ވެސް ވީ ކުއްލިއަކަށެވެ. ޝިޔާމް ފެނުނީ ވެސް ކުއްލިއަކަށެވެ. އަރުޝަދު ފެނުނީ ވެސް ކުއްލިއަކަށެވެ. ހައިދަރު މަރާލަން ހިތަށް އެރީ ވެސް ކުއްލިއަކަށެވެ. އަދި އެ ނުދަންނަ ތިން މީހުންގެ އަތްދަށުވީ ވެސް ހަމަ ކުއްލިއަކަށެވެ.
އެއީ ކޮން ބައެއް ހެއްޔެވެ؟ ވިސްނާނެ ހިތްވަރެއް، ބާރެއް ނެތެވެ.
ސާދިޔާ އެ ހޮޅިދަނޑި ކައިރި އަށް ވެއްޓުނެވެ. އޭނާ އަށް އެންމެ ފަހުން ފެނުނީ މަޑުމަޑު އަލިކަމެއް ފާއްދަމުން ދިޔަ ބޮތްކެކެވެ. ދެން އެ ބޮކި މަތިން، ވަޔާ އެކު ހޫރެމުން ދިޔަ ފިތުރޯނު ގަހުގެ ގޮފިތަކެވެ.
(މި ސިލްސިލާގެ ދެން އަންނަ ވާހަކައިގެ ނަމަކީ ޒުވާބު)