14 އޯގަސްޓް 2017 - 11:21

ވޮޝިންޓަން (އޮގަސްޓް 14) - ބިރު ދެއްކުމުގެ އިންޒާރުތައް ދިން ނަމަވެސް ނޯތު ކޮރެއާ އިން ނިއުކްލިއާ ހަނގުރާމައެއް ފަށަން އުޅޭކަމުގެ އިޝާރާތެއް އަދި ނެތް ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާ، ސީއައިއޭގެ ޑިރެކްޓަރު މައިކް ޕޮމްޕިއޯ ވިދާޅުވެއްޖެ އެވެ.
ފޮކްސް ނިއުސް އަށް ދެއްވި އިންޓަވިއުއެއްގައި ޕޮމްޕިއޯ ވިދާޅުވީ ނޯތު ކޮރެއާ އިން ދަނީ ކަންބޮޑުވާން ޖެހޭ މިންވަރެއްގައި އެ ގައުމުގެ ނިއުކްލިއާ ޕްރޮގްރާމް ކުރިއަށް ޖައްސަމުން ކަމަށެވެ. އެހެންވެ އިތުރު މިސައިލް ޓެސްޓެއް ކުރުމުން ހައިރާންވާން ނުޖެހޭ ކަމަށް ވިދާޅުވި އެވެ.
ނޯތު ކޮރެއާ އިން އެމެރިކާ އަށް ހަމަލާ ދިނުމުގެ ފުރުސަތު ކިހާވަރަކަށް އޮތްތޯ ސުވާލު ކުރުމުން އޭނާ ވިދާޅުވީ އެ މަގްސަދު ހާސިލް ކުރަން ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމް ވަރަށް ހަލުވިކަމާ އެކު ކުރިއަށް ގެންދާ ކަމަށެވެ.
ނޯތު ކޮރެއާގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެން ހޫނުވެފައިވާ މަޝްރަހު އިތުރަށް ގޯސްވީ އެ ގައުމުން މިދިޔަ މަހު އިންޓަކޮންޓިނެންޓަލް މިސައިލްތަކެއް ޓެސްޓް ކުރުމާ ގުޅިގެންނެވެ. މި ޓެސްޓްތަކާ ގުޅިގެން އެ ގައުމާ ދެކޮޅަށް އދ. ގެ ސަލާމަތީ މަޖިލީހުން ވަނީ އިތުރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފަ އެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ނޯތު ކޮރެއާ އިން ދަނީ ނިއުކްލިއާ ހަނގުރާމައެއްގެ ތުންފަތް މައްޗަށް އެމެރިކާ ގެންދަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ.
ޕޮމްޕިއޯ ވިދާޅުވީ ނޯތު ކޮރެއާ އިން ހަނގުރާމައެއް ފަށަން އުޅޭ ކަމުގެ ޖާސޫސީ އެއްވެސް މައުލޫމާތެއް ލިބިފައި ނެތް ކަމަށެވެ.
ޕެސިފިކުގައި އެމެރިކާގެ އަސްކަރީ މަރުކަޒު ގާއިމްކޮށްފައިވާ ގުއާމަށް ހަމަލާދޭން ތައްޔާރުވާކަން ނޯތު ކޮރެއާ އިން މިދިޔަ ހަފުތާގައި ވަނީ ހާމަކޮށްފަ އެވެ. ރައްދުގައި ރައީސް ޓްރަމްޕް ވަނީ ގުއާމަށް ކަމެއް ކޮށްފި ނަމަ ނޯތު ކޮރެއާ އިން އުފަލަން ޖެހޭ ބުރަ މާބޮޑުވާ ކަމަށް ވިދާޅުވެފަ އެވެ.