14 އޯގަސްޓް 2017 - 10:53

ހިމާޗަލް ޕްރަދޭޝް (އޮގަސްޓް 14) - އިންޑިއާ އަށް ކުރަމުންދާ ވިއްސާރައިގައި ބިންގަނޑު ފޭބުމުގެ ސަބަބުން މީހުންނާ އެކު ތިބި ދެ ބަސް ބިންގަނޑާ އެކު ވެއްޓި 50 މީހުން މަރުވެއްޖެ އެވެ.

ހިމާޗަލް ޕްރަދޭޝް ސްޓޭޓުގެ މަންދީ ޑިސްޓްރިކްޓުގައި ބިންގަނޑު ފޭބީ ބަސްތައް ޕާކްކޮށްފައިވާ ސަރަހައްދުންނެވެ. ބިންގަނޑު ފޭބުމުން ވެއްޓުނު ދެ ބަހުން މީހުން ހޯދުމުގެ މަސައްކަތް ސިފައިން ވެސް ދަނީ ކުރަމުންނެވެ. މިހާތަނަށް ވަނީ ފަސް މީހުން ހޯދައިފަ އެވެ. އޮފިޝަލުން ބުނީ ބަހުގައި ތިބި ގިނަ ބަޔަކު ގެއްލިފައިވާތީ މަރުވި މީހުންގެ އަދަދު މައްޗަށް ދާނެ ކަމަށެވެ.
ބޮޑު ވަޒީރު ނަރެންދުރަ މޯދީގެ އޮފީހުން ކުރި ޓްވީޓެއްގައި ވަނީ މި ހާދިސާގައި ގިނަ ބަޔަކު މަރުވުމާ ގުޅިގެން ހިތާމަ ކުރާ ކަމަށް ބުނެފަ އެވެ.
ވިއްސާރަ މޫސުމުގައި ބިންގަނޑު ފޭބުމަކީ އިންޑިއާގައި އާއްމު ކަމެކެވެ. އިންޑިއާގައި ވިއްސާރަ މޫސުން ޖުލައި މަހުން ފެށިގެން ސެޕްޓެމްބަރާ ހަމައަށް ދިގުލައިގެން ދެ އެވެ. ހުޅަނގު މޫސުމުގެ ވިއްސާރައިގައި އިންޑިއާގެ 20 ސްޓޭޓުން އެތައް މިލިއަން މީހުންނަށް އެކިވަރުގެ ގެއްލުންތައް ލިބިފައިވެ އެވެ. މި ވިއްސާރައިގައި އަވަށްޓެރި ނޭޕާލުން ވެސް ވަނީ 50 މީހުން މަރުވެފަ އެވެ.