28 ޖޫން 2016 - 08:10

އާމިރު ޚާން މިދުވަސްވަރު އުޅެނީ އަލަށް ކުޅެމުންދާ "ޑަންގަލް"ގެ މަސައްކަތުގައި ވަރަށް ބުރަކޮށެވެ. އެގޮތުން މިހާރު ލޫދިއާނާގައި ކުރިއަށްދާ ޝެޑިއުލްގައި އާމިރުގެ ސިފަ ވަރަށް ބޮޑަށް ބަދަލުކޮށްފައިވާކަން ފާހަގަ ކުރެވެ އެވެ. ކުރިން އާމިރުގެ ހުރި މުސްކުޅި އަދި ފަލަ ގޮތްގަނޑު މުޅިން ދުއްވާލައި މިހާރު އޭނާ ހީވަނީ 25 ވަރަކަށް އަހަރުގެ ޒުވާނެއް ހެންނެވެ.
މި ފިލްމުގައި އާމިރުގެ ކެރެކްޓާގެ ހަޔާތުގެ ވަރަށް ޒުވާން ދުވަސްވަރަކާއި މެދުއުމުރުގެ ދުވަސްތަކެއް ދައްކުވައިދެ އެވެ. އެގޮތުން އެންމެ ފުރަތަމަ ޝެޑިއުލްގައި ޝޫޓްކޮށްފައި ވަނީ ތަންކޮޅެއް އުމުރުން ދުވަސްވެފައި ހުންނަ މަހާވީރެވެ.
މި ރޯލަށް ފިޓްވުމަށް އާމިރު ޚާނަށް އެންމެ ކުރިން ޖެހުނީ ގާތްގަނޑަކަށް 25 ކިލޯ ފަލަވެ ވަރުގަދަ ވާށެވެ. ވަރަށް މަސައްކަތުން އެވަރަށް ފަލަވެގެން އާމިރު މިހާރުވަނީ އެބައި ކުޅެ ނިންމާލައިފަ އެވެ. އަދި ބަރުދަނުން އިތުރުވި ބައި އަނެއްކާވެސް ހިއްކާލައި މަހާވީރުގެ ޒުވާން ބައި ވެސް އެހާ ފުރިހަމަކޮށް އާމިރު ދަނީ ކުޅެމުންނެވެ.
ނިތޭޝް ތިވާރީ ޑައިރެކްޓްކޮށް ޑިޒްނީ ސްޓޫޑީއޯ އިންޑިއާ އިން ޕްރޮޑިއުސްކުރާ މި ފިލްމުގައި އާމިރު ކުޅެނީ ކުރީގެ މަޝްހޫރު ރެސްލިންތެޅުންތެރިއެއް ކަމަށްވާ މަހާވީރު ސިންގް ޕޯގަޓްގެ ބައެވެ. މަހާވީރު އޭނާގެ ދެ އަންހެން ދަރިން ކަމަށްވާ ގީތާ ޕޯގަޓް އަށާއި ބަބީތާ ކުމާރީ އަށް ރެސްލިން ތަޅަން ދަސްކޮށްދެ އެވެ.
ގީތާ ޕޯގަޓް ވަނީ 2010 ވަނަ އަހަރު ކޮމަންވެލްތު ގޭމްސްގައި ރެސްލިންތެޅުމުގެ އަންހެނުންގެ ބައިން އިންޑިޔާއަށް ގޯލްޑް މެޑަލް ހޯދާދީފަ އެވެ. އަދި ބަބީތާ ކުމާރީ ވަނީ މިބައިން ދެ ވަނަ ހޯދައިގެން ސިލްވާ މެޑަލް ހޯދާދީފަ އެވެ.
"ޑަންގަލް" އަކީ ރެސްލިންތަޅާ ތަނަކަށް ކިޔާ ނަމެކެވެ.
ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު އެވެ.