ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި ފަނޑިޔާރުންގެ ސޫރަ ކުރެހި މީހަކު ޖޫރިމަނާކޮށްފި
ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި ފަނޑިޔާރުންގެ ސޫރަ ކުރެހި މީހަކު ޖޫރިމަނާކޮށްފި

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިިލީހެއްގައި ފަނޑިޔާރުން ސޫރަ ކުރެހި މީހަކު 2،500ރ. އިން ޖޫރިމަނާކޮށްފި އެވެ.

ފަނޑިޔާރުން ސޫރަ ކުރަހައިގެން ޖޫރިމަނާ ކޮށްފައިވަނީ އާދަމް މަނިކު ނަމަކަށް ކިޔާ މީހެކެވެ. އޭނާ ޖޫރިމަނާކުރީ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިންގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ފަނޑިޔާރުން ސޫރަ ސިފަވާ ގޮތަށް ކުރެހި މައްސަލައިގަ އެވެ.

ޝަރީއަތް ހިނގަމުން ދިޔަ ވަގުތު ފަންސުރެއް ބޭނުން ކޮށްގެން އާދަމް މަނިކު ކުރަހަމުން ދަނިކޮށް ކޯޓު އޮފިސަރު ގޮސް ވަނީ އޭނާ އަތުން ފަންސުރާއި ކަރުދާސް އަތުލައިފަ އެވެ. އޭނާ ޖޫރިމަނާކުރީ އެ ޝަރީއަތް ނިމުނު ފަހުންނެވެ.

އޭނާ ޖޫރިމަނާކުރީ ކޯޓުތަކުގެ ގާނޫނުުގެ 76 ވަނަ މާއްދާގެ ދަށުން، ޝަރީއަތުގެ ނިޒާމާ ޚިލާފްވާ ފަދަ އަަމަލެއް ކުރި ކަމަށް ނިންމުމަށް ފަހު އެވެ.

ގާނޫނުގެ މާއްދާ ބުނާގޮތުން ޝަރީއަތުގެ ނިޒާމާ ޚިލާފްވާ ފަދަ އަމަލެއް ކޮށްފި ނަމަ ނުވަތަ ޝަރީއަތުގައި ކުރެވޭ އަމުރަކަށް ނުކިޔަމަންތެރިވެއްޖެ ނަމަ 10،000ރ. އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުން ނުވަތަ 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން ނުވަތަ އެއް މަސް ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ގޭގައި ބަންދު ކުރަން ވަގުތުން އަމުރު ކުރުމުގެ ބާރު ފަނޑިޔާރުންނަށް އޮވެ އެވެ.

މީގެ ކުރިން ވެސް ސުޕްރީމް ކޯޓުގެ ޝަރީއަތެއްގައި ފަނޑިޔާރުންގެ ބެންޗުން ކުރެހި ވަކީލަކު ވެސް ވަނީ 5،000ރ. އިން ޖޫރިމަނާ ކޮށްފަ އެވެ.