13 އޯގަސްޓް 2017 - 16:23

ވޮޝިންޓަން (އޮގަސްޓް 13) - އެމެރިކާގެ ރައީސްގެ ރަސްމީ އޮފީސްކޮޅު ފަރުނީޗަރު ނެތި ހުންނާނެ ގޮތަކާ މެދު ބައެއް މީހުން ހައިރާން ވެދާނެ އެވެ. އެއީ އެހާ އާއްމު މަންޒަރަކަށް ނުވާތީ ކުރިން އެފަދަ ފޮޓޯއެއް ހާމަވެފައި ނެތުމުން ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު ވައިޓް ހައުސްގެ ބޮޑު މަރާމާތެއް މިހާރު ކުރަނީ އޯވަލް އޮފީސް ވެސް ހުސްކޮށްގެންނެވެ.

މިއީ ގާތްގަނޑަކަށް ވޭތުވެދިޔަ 60 އަހަރު ތެރޭ ވައިޓް ހައުސް އަށް ގެންނަ އެންމެ ބޮޑު މާރާމާތެވެ. ވައިޓް ހައުސްގެ ރަސްމީ އޮފީސްތައް ހުންނަ ވެސްޓް ވިންގު މަރާމާތު ކުރާ އިރު ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ޗުއްޓީ އަށް ވަޑައިގެންފަ އެވެ. ނިއު ޖާޒީގައި ހުންނަ ޓްރަމްޕުގެ އަމިއްލަ ގޮލްފް ކްލަބުގައި ހޭދަ ކުރެއްވި 17 ދުވަހުގެ ޗުއްޓީ އަށް ފަހު އަންނަ ހަފުތާގައި ވައިޓް ހައުސް އަށް ވަޑައިގަންނަވާނެ އެވެ. ކޮމާންޑަ އިން ޗީފް އޮފީހަށް ވަޑައިގަންނަވާ އިރު ބައެއް މަރާމާތުތައް ނިމޭނެ ކަމެއް ނޭނގެ އެވެ.

އެންމެ ބޮޑު މަރާމާތެއް ކުރަން ޖެހެނީ ވެސްޓް ވިންގަށެވެ. ސްޓްރަކްޗާ އަށް ގެންނަ ބަދަލުތަކުގެ އިތުރުން ސީލިން އިން ފެން ލީކުވާ ތަންތަން ވެސް މަރާމާތު ކުރާނެ އެވެ. މީގެ އިތުރުން ސައުތު ޕޯޓިކޯގެ ހަރުފަތްތައް މަރާމާތުކޮށް ސައުތު ލޯން އަށް ވެސް ބަދަލުތައް ގެންނާނެ އެވެ. އިތުރު ބަދަލުތަކުގެ ތެރޭގައި ނޭވީ މެސް ކިޗަން އާއި ވެސްޓް ވިންގް ލޯވާ ލޮބީ މަރާމާތު ކުރުން ވެސް ހިމެނެ އެވެ. ޓްރަމްޕް ވަޑައިގަތުމުގެ ކުރިން އައިޓީ ސިސްޓަމް ރަނގަޅުކޮށް، ހީޓިން އަދި އެއާކަންޑިޝަނާއި ވެންޓިލޭޝަން ނިޒާމު ވެސް ރަނގަޅު ކުރާނެ އެވެ. މިއީ 27 އަހަރުވީ ސިސްޓަމެކެވެ.

ވައިޓް ހައުސްގެ ވެސްޓް ވިންގަކީ އެމެރިކާގެ ރައީސްގެ އެންމެ މުހިންމު އޮފީސްތައް ހިމެނޭ އެގްޒެކެޓިވް އޮފީސް އިމާރާތެވެ. ރައީސްގެ ރަސްމީ އޯވަލް އޮފީހާއި ކެބިނެޓް ރޫމާއި ސިޗުއޭޝަން ރޫމް އަދި ރޫޒްވެލްޓް މީޓިން ރޫމް ވެސް ގާއިމްކޮށްފައި ވަނީ ވެސްޓް ވިންގުގަ އެވެ. ވެސްޓް ވިންގުގެ ތިން ފްލޯގައި ވައިޓް ހައުސް ޗީފް އޮފް ސްޓާފް، ކައުންސެލާ ޓު ދަ ޕްރެޒިޑެންޓް، ސީނިއާ އެޑްވައިޒާ ޓު ދަ ޕްރެޒިޑެންޓް އަދި ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީގެ އޮފީސް ވެސް ހުރެ އެވެ. ނައިބް ރައީސްގެ އޮފީހެއް ވެސްޓް ވިންގުގައި ހުރި ނަމަވެސް ރަސްމީ އޮފީސް ހުންނަނީ ޖެހިގެން ހުންނަ އައިޒަންހާ އެގްޒެކެޓިވް އޮފީސް އިމާރާތުގަ އެވެ.



