13 އޯގަސްޓް 2017 - 15:44

ކަތުމަންޑޫ (އޮގަސްޓް 13) - ނޭޕާލުގައި ފެންބޮޑުވެ ބިންގަނޑު ފޭބުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 40 އަށް އަރައިފި އެވެ.

ދެކުނު އޭޝިއާގެ ބައެއް ގައުމުތަކަށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ނޭޕާލުން ވަނީ އެތައް ގެއެއް ހަލާކުވެ އިންފްރާސްޓްރަކްޗާ އަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން ނޭޕާލަށް ކުރަމުންދާ ބޯ ވިއްސާރައިގައި ފެންބޮޑުވުމުން ބައެއް މީހުން ވަނީ ސަލާމަތްވުމަށް ގަސްގަހުގެ ކުރިއަށް ވެސް އަރަން ޖެހިފަ އެވެ.
ހޯމް މިނިސްޓްރީގެ ތަރުޖަމާން ޑީޕަކް ކަފްލް ވިދާޅުވީ ފެންބޮޑުވި ހިސާބުތަކުން ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ރެޑް ކްރޮސް އިން ވެސް ވަނީ ގެެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.
ނޭޕާލުގެ ގައުމީ ޓީވީން ދެއްކި މަންޒަރުތަކުން ފެންނަ ގޮތުގައި ބައެއް ހިސާބުތަކުގައި ވަނީ އުނަގަނޑާ ހަމައަށް ފެންބޮޑުވެފަ އެވެ. އެންމެ ބޮޑަށް ފެންބޮޑުވި ހިސާބުތަކުގެ ތެރޭގައި ދެކުނުގެ ޗިޓްވާން އަވަށް ހިމެނެ އެވެ. ޓޫރިސްޓުން ގޮސް އުޅޭ ޗިޓްވާނުން ރައްކާތެރި ކަމުގެ ހިސާބުތަކަށް ގެސްޓުން ގެންދިއުމަށް ވަނީ އެތް ބޭނުންކޮށްފަ އެވެ.
ފެން ބޮޑުވުމުގެ ސަބަބުން އިރުމަތީގެ މޮރަން އަވަށުގައި އޮންނަ ބިރަޓްނަގަރު އެއާޕޯޓް ވަނީ ބަންދުކޮށްފަ އެވެ. އެ އެއާޕޯޓުގައި ވަނީ މީޓަރަކަށް ފެންބޮޑުވެފަ އެވެ.
ނޭޕާލުގެ މޫސުމާ ބެހޭ އިދާރާ އިން އިއްޔެ ވަނީ ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ގަދައަށް ވިއްސާރަ ކުރާނެތީ ސްކޫލްތައް ބަންދު ކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
ވިއްސާރަ މޫސުމުގައި ނޭޕާލުން މިދިޔަ އަހަރު ވަނީ 100 މީހުން މަރުވެފަ އެވެ. އޮގަސްޓް މަހުގެ ނިޔަލަށް ނޭޕާލުގައި ވިއްސާރަ މޫސުން ކުރިއަށް ދާނެ އެވެ.