13 އޯގަސްޓް 2017 - 17:20

އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނުނު އެމްޑީޕީގެ އެކްޓިވިސްޓް ނައިމާ މުހައްމަދު (ނައީމައްތަ) ހައްޔަރުކޮށްފައި ބެހެއްޓި އިރު ފެން ފޮދެއް ވެސް ނުދީ އެތައް އިރަކު ބަހައްޓައި އިހާނެތިކޮށް ކަންތައް ކޮށްފައިވާ ކަމަށް ބުނެ އެކަން ބަލައިދިނުމަށް ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އަށް އެމްޑީޕީން މިއަދު ގޮވާލައިފި އެވެ.
އުމުރުން 58 އަހަރަށްވުރެ މަތިވެފައިވާ ނައީމާއްތަ އާއި އިތުރު ތިން މީހަކު ހުކުރު ދުވަހުގެ ރޭ ހައްޔަރުކުރި އެވެ. އެކަމަކު އެ އެންމެން ވެސް ރޭ ވަނީ ދޫކޮށްލައިފަ އެވެ.
އެމްޑީޕީން ނެރުނު ބަޔާނުގައި ބުނީ ނައީމައްތަ ހައްޔަރުކޮށް އަތޮޅުވެހީގައި ބަންދުކޮށްފައި ހުރީ މީހުންނާ އިންޓަވިއުކުރުމަށް ހަދާފައި ހުރި ތަނުގައި ކަމަށެވެ. ބަންދުކުރި ފަހުން އެކި ފަހަރު މަތިން ނާއީމައްތަ ފުލުހުންނަށް ގޮވުމުން އެއްވެސް މީހަކު އަޅާނުލި ކަމަށާއި ފާޚާނާއަށް ދިއުމަށް ބޭރަށް ނެރުނީ ވެސް ޖެހިގެން އައި ދުވަހު ކަމަށް އެމްޑީޕީން ބުންޏެވެ.
އިރު އެރުމުން، ނައީމާއްތަ ހުރި ތަނަށް އަވި ދޭ ކަމަށާއި އެތަނުގެ ހޫނު ވަރަށް ގަދަ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"އަދި ކާން ނުވަތަ ބޯނެ އެއްވެސް އެއްޗެއް ނުދީ ފެން ވެސް ދީފައިވަނީ އަނެއް ދުވަހުގެ ހެނދުނު 11ގެ ފަހުންނެވެ. އަދި ނައީމައްތަ ގަވާއިދުން ކާ ބޭސް ފޯރުކޮށްދިނުމަށް ފުލުހުން ހުރަސްއެޅި އެވެ،" އެ ބަޔާނުގައިވެ އެވެ.
މީގެ އިތުރުން، ހެނދުނު ނައީމާއްތައަށް ހޭލެވުނީ ބިދޭސީ ދެ ފިރިހެނަކު، ނައީމައްތަ އޮތް ތަނަށް ވަނުމުން ކަމަށާއި އެ މީހުން ވަނީ ފުލުހުންނާ އެކުގައި ނޫން ކަމަށް ވެސް އެމްޑީޕީން ބުންޏެވެ.
މި ތުހުމަތުތަކާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބުނެވެ.
އެމްޑީޕީން ބުނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދާ މީހުންގެ މިފަދަ އާސާސީ ހައްގުތަކުން އެމީހުން މަހުރޫމް ކުރުމަކީ ފުލުހުންގެ ގާނޫނާ ހިލާފު އަނިޔާވެރި، ރަހުމްކުޑަ އަމަލުތައް ކަމަށާއި ފުލުހުންގެ ބެލުމުގެ ދަށަށް އާއްމުން ގެންދިޔަ ނަމަވެސް އެއީ އަނިޔާވެރިވުމަށް ފުލުހުންނަަށް ދެވޭ ހުއްދައެއް ނޫން ކަމަށެވެ.