14 އޯގަސްޓް 2017 - 06:16

ތިންސަތޭކަ ކްރޯޑް ރުޕީސްގެ އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދާނެ ކަމަށް އަންދާޒާކޮށް، މިދިޔަ ފިތުރު އީދުގައި ރިލީޒް ކުރި ސަލްމާން ހާންގެ "ޓިއުބްލައިޓް" ގެ ޑިސްޓްރިބިއުޓަރުންނާއި އެގްޒިބިޓަރުންނަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 35 ކްރޯޑް ރުޕީސް ސަލްމާން ދީފި އެވެ.
އޭނާ ވަނީ ފިލްމް ރިލީޒް ކުރިތާ ވަރަށް ކުރީކޮޅު ފިލްމުން ގެއްލުންވެއްޖެ ނަމަ، ބަދަލުދޭނެ ކަމަށް ވެސް ބުނެފަ އެވެ.
ކަބީރު ހާން ޑައިރެކްޓް ކުރި "ޓިއުބްލައިޓް" އަކީ "ބަޖިރަންގީ ބައިޖާން" ގެ ބޮޑު ކާމިޔާބީ އަށް ފަހު ސަލްމާނާއި ކަބީރު އެކުގައި ގެނެސް ދިން ފިލްމަކަށްވާތީ އެ ފިލްމުގެ ޑިސްޓްރިބިއުޓަރުންނާއި އެގްޒިބިޓަރުން ތިބީ ފިލްމްގެ ރެކޯޑް މިންވަރުގެ އާމްދަނީއެއް ހޯދާނެ ކަމަށް ލަފާކޮށްގެންނެވެ.
ނަމަވެސް އުންމީދުކުރި ގޮތާ ހިލާފަށް "ޓިއުބްލައިޓް" ވެގެން ދިޔައީ މި ފަހުގެ ތާރީހެއްގައި އެންމެ ބޮޑު ގެއްލުމެއްވި އަދި ސަލްމާންގެ އެންމެ ބޮޑު އެއް ފްލޮޕަށެވެ. މި ފިލްމުން ލިބުނު ގެއްލުމުގެ ބަދަލަށް 35 ކްރޯޑް ރުޕީސް ދީފައިވާ އިރު، އެއީ ގެއްލުމުގެ 40 ޕަސެންޓެވެ.
ސަލްމާން ބަދަލު ދީފައިވާކަން ބޮލީވުޑްގެ ހަބަރުތައް ދިރާސާ ކުރާ މަޝްހޫރު ކްރިޓިކް ކޯމަލް ނަހަޓާ ކުރި ޓްވީޓެއްގައި ވެސް ވަނީ ކަށަވަރުކޮށް ދީފަ އެވެ.
ވިޔަފާރި ހަބަރުތައް ދިރާސާ ކުރާ ފަރާތްތަކުން މިހާރު ބުނަމުން އަންނަ ގޮތުގައި ގެއްލުންވި ފަރާތްތަކަށް ސަލްމާން ބަދަލު ދިނުންވެގެން ދާނީ ބޮލީވުޑްގައި އަނެއްކާ ވެސް އާ ޓްރެންޑެއް ފެށިގެން ދާނެ ކަމަކަށެވެ. އެއީ ޕްރޮޑަކްޝަން ހައުސްތަކާ އެކު ފިލްމް ޑިސްޓްރިބިއުޓްކުރަން އެއްބަސްވާ ފަރާތްތަކުން، ފިލްމް ނުހިނގައިފި ނަމަ ބަދަލު ދޭން ދެން ޑިމާންޑް ކުރާނެތީ އެވެ.
އެހެންވެ ކުރިއަށް އޮތް ތަނުގައި، ފިލްމެއް ފްލޮޕްވެއްޖެ ނަމަ، ބަދަލު ދިނުމުގެ އާދަ އޮންނާނެ ކަމަށް ގަބޫލު ކުރެވެ އެވެ.
މި މަހުގެ 4 ވަނަ ދުވަހު ރިލީޒް ކުރި، ޝްހާރުކް ހާނާއި އަނުޝްކާ ޝަރްމާގެ "ޖަބް ހެރީ މެޓް ސޭޖަލް" އަކީ ވެސް އުންމީދު ކުރިވަރާ ގާތަށް ނުހިނގި ފިލްމެކެވެ. އެހެންވެ ދެން އަޑު އިވޭނީ އެ ފިލްމްގެ ޑިސްޓްރިބިއުޓަރުންނަށް ޝާހްރުކް ބަދަލު ދިން ވާހަކައަށް ވުން ގާތެވެ.
ޖުމްލަ 1.35 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ހެދި "ޓިއުބްލައިޓް" އަށް އިންޑިއާ އާއި ބޭރުގެ މާކެޓްތަކުން ލިބުނީ ޖުމްލަ 2.7 ކްރޯޑް ރުޕީސްގެ އާމްދަނީއެކެވެ.