އަންހެނެއްގެ އިސްކޮޅުން ދެ ފޫޓު ކުރުވެއްޖެ
އަންހެނެއްގެ އިސްކޮޅުން ދެ ފޫޓު ކުރުވެއްޖެ

އިންޑިޔާގެ އަންހެނަކު 10 އަހަރު ތެރޭގައި ދެ ފޫޓު ކުރުވެއްޖެ އެވެ. ވަރަށް މަދުން ނޫނީ ނުޖެހޭ ކޮންޖެނިޓަލް ބައްޔެއްގެ ސަބަބުން މި އަންހެންމީހާގެ އަތާއި ފައި ވަނީ ބަޅުވެފަ އެވެ.

އަންހެނެއްގެ އިސްކޮޅުން ދެ ފޫޓު ކުރުވެއްޖެ
އަންހެނެއްގެ އިސްކޮޅުން ދެ ފޫޓު ކުރުވެއްޖެ

ކުންތީ ކުމާރީ، 25، ގެ މިހާރުގެ އެވްރެޖް އިސްކޮޅަކީ އެންމެ ހަތަރު މަހުގެ ކުއްޖެއްގެ އިސްކޮޅެވެ. އޭނާގެ އަތާއި ފައި ބަލިކަށިވެގެން ގޮސް ބޭނުގޮތަކަށް ލަންބާ ހެދެ އެވެ.

ކުޑަކުޑަ އެނދެއްގައި މުޅި ދުވަސް އޭނާ ހޭދަކުރަނީ މަންމައާ ވާހަކަ ދެއްކުމުގައި ނުވަތަ މަންމަ ނެތް ވަގުތުތަކުގައި ފަންގިފިލައަށް ބަލަހައްޓައިގެން އޮވެ އެވެ.

ދަ އިންޑިޕެންޑެންޓް ނޫހުގައި ޖަހާފައިވާ މި ރިޕޯޓުގައިވާ ގޮތުން އިންޑިއާގެ އިރުމަތީ ސްޓޭޓެއް ކަމަށްވާ ޖަރްކަންދްގެ ޗަތުރާ ކިޔާ ކުޑަކުޑަ އަވަށެއްގައި ދިރިއުޅޭ މި އަންހެންމީހާ މިހާރު ނުތެދުވެވި އެނދުގައި އޮންނަތާ އަށް އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

އޭނާގެ އަތާއި ފައިގައި އެއްގޮތަކަށް ވެސް ކަށިކޮޅެއް ނެތެވެ. އެހެންކަމުން އޭނާގެ ހުރިހާ ކަމެއް ވެސް ކޮށްދޭންޖެހެނީ ހުވަފަތް މަންމަ އެވެ.

ތިލަކްވާ ދޭވީ، 60، ގެ ފިރިމީހާ ވަނީ މީގެ 12 އަހަރު ކުރިން މަރުވެފަ އެވެ. އަދި އެންމެ ހަގު ދަރިފުޅު މިހާރު އޮތް ހާލަތުން އޭނާގެ ލޮލުން އަބަދުވެސް ހުންނަނީ ކަރުނަ އައިސްފަ އެވެ.

ދޭވީ ބުނި ގޮތުގައި އޭނާގެ ދަރިފުޅަކީ ބޮޑުވަމުން އައިއިރު ހަމަ އެހެން ކުދިންނެކޭ އެއްވެސް ތަފާތެއް ނެތް އާދައިގެ ކުއްޖެކެވެ. ނަމަވެސް ޓީންއޭޖް އުމުރަށް އެޅުމާ އެކު ކަށިތައް ބަލިކަށިވެ ހިނގަން ވެސް އުނދަގޫވާން ފެށި އެވެ. އެގޮތަށް ދުވަސްކޮޅެއް ވީތަނާ ފައިގައި އެއްގޮތަކަށް ވެސް ވަރުނެތި ފައި ކުރުގެޅެން ފެށީ އެވެ.

ގޮތްނޭނގޭ މި ބަލީގައި އޭނާ އުޅޭތާ އަށް އަހަރުވީއިރު ހިނގާބިނގާވެ އުޅުމުން ވަނީ މުޅީން މަހްރޫމް ވެފަ އެވެ.

ކުންޓީގެ އެއްބަނޑު އެއްބަފާ ދެ ފިރިހެނުންނާއި އަންހެނަކު އެބަތިއްބެވެ. ނަމަވެސް މިއިން އެއްވެސް މީހަކަށް ކުންޓީއަށް މި ޖެހުނު ބަލި ޖެހިފައެއް ނުވެ އެވެ.

މަންމަ އާއި ދަރިފުޅު މިހާރު އިންތިޒާރުކުރަނީ މި ބަލި ފަސޭހަވާނެ ފަރުވާއަކަށެވެ. ދުރު ރަށްރަށުގެ ބޮޑެތި ހޮސްޕިޓަލްތަކުން ވެސް ކުންޓީއަށް ފަރުވާ ދީފައިވެ އެވެ. ނަމަވެސް އޭނާގެ ހާލަތަށް މިހާތަނަށް އެއްވެސް ބަދަލެއް ނާދެ އެވެ.

މި އާއިލާގެ ފަގީރުކަމުން ދުވާލަކު ދެއިރު ހަމަޔަށް ކާނެ ފަދަ ވެސް ނެތެވެ. އެހެންކަމުން އަގުބޮޑު ބޭސްފަރުވާ ކުރެވޭނެ ގޮތެއް ވެސް މި އާއިލާއަކަށް ނެތެވެ.

މިހާރު އެ އަވަށުގެ މީހުން ދަނީ ކުންޓީގެ ފަރުވާއަށް ފައިސާ އެއްކުރުމުގެ މަސައްކަތް ކުރަމުންނެވެ.
އިންޑީޔާގެ މަޝްހޫރު ޑޮކްޓަރެއް ކަމަށްވާ ޑރ. ސަތުޔެންދުރަ ސިންގް ވިދާޅުވީ މި އަންހެންމީހާއަށް ޖެހިފައިވަނީ އޮސްޓިއޯޖެނޭސިސް އިމްޕާފެކްޓާ ކިޔާ މަދުން ނޫނީ ނުފެންނަ ކަށީގެ ބައްޔެއް ކަމަށެވެ.
މި ބަލި ޖެހުމުން ކަށިތައް ބަލިކަށިވަމުން ގޮސް ޑެންސިޓީ ދަށްވެގެން ކުރުވާން ފަށަނީކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

މިއީ މުޅިން ފަސޭހަ ކުރެވޭ ބައްޔެއް ނޫން ކަމަށާއި ނަމަވެސް ބޭހުން ކުންޓީއަށް ކޮންމެވެސް ވަރެއްގެ ޝިފާއެއް ލިބިދާނެކަމަށް ޑޮކްޓަރު ވިދާޅުވެފައި ވެއެވެ.