ރަން އިން އައްޑޫ އަށް ހަ ކުންފުންޏެއްގެ އެހީތެރިކަން
ރަން އިން އައްޑޫ އަށް ހަ ކުންފުންޏެއްގެ އެހީތެރިކަން

ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) އިން އައްޑޫ ސިޓީގައި ސެޕްޓެމްބަރު 16 ވަނަ ދުވަހު ބާއްވާ ރަން އިން އައްޑޫ ދުވުމުގެ ހަރަކާތުގައި ޕާޓްނަރުންގެ ގޮތުގައި ހަ ކުންފުންޏަކުން ބައިވެރިވެއްޖެ އެވެ.

ރަން އިން އައްޑޫ އަށް ހަ ކުންފުންޏެއްގެ އެހީތެރިކަން
ރަން އިން އައްޑޫ އަށް ހަ ކުންފުންޏެއްގެ އެހީތެރިކަން

ޓީއެފްޖީގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ޕާޓްނަރުންގެ ގޮތުގައި ސޮއިކުރީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ޕްރިންޓްލެބާއި ސޮނީ ސްޕޯޓްސް އާއި މިހާރު ނޫހާއި މޯލްޑިވިއަން އަދި މޯލްޑިވްސް ޕޯޓްސް އޮތޯރިޓީ (އެމްޕީއެލް) އެވެ.

ރަން އިން އައްޑޫ އަށް ހަ ކުންފުންޏެއްގެ އެހީތެރިކަން
ރަން އިން އައްޑޫ އަށް ހަ ކުންފުންޏެއްގެ އެހީތެރިކަން

ގައުމީ އެއާލައިން މޯލްޑިވިއަން އިން އަންނަނީ އައްޑޫ ސިޓީ އަށް ދަތުރުކުރާ ދުވުންތެރިންނާއި ދުވުންތެރިންގެ އާއިލާ މެމްބަރުންނަށް ހާއްސަ ޓިކެޓް އަގުތަކެއް ހަމަޖައްސައި މި ހަފުތާގައި އިއުލާންކުރަން ތައްޔާރުވަމުންނެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި މިއީ ޒުވާނުންނާ ގުޅޭ ހަރަކާތަކަށް ވުމާ އެކު މިކަމުގައި ބައިވެރިވެ މި އިވެންޓް ކާމިޔާބުކުރަން އެ ކުންފުނިން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ.

ކުޅިވަރުގެ ހަރަކާތްތަކަށް އަބަދުވެސް ބޮޑު އެހީތެރިކަމެއް ދެމުން އަންނަ ސޮނީ ސްޕޯޓްސް އިން ބުނި ގޮތުގައި އަބަދުވެސް ދުޅަހެޔޮ ދިރިއުން ޕްރޮމޯޓްކުރަން އިސްކަންދޭ ކަމަށާއި މި އިވެންޓުގެ ޕާޓްނަރަކަށްވީ ވެސް އެ ސަބަބަށްޓަކައި ކަމަށެވެ.

ޓީއެފްޖީއާ އެކު ހުރިހާ އިވެންޓެއްގައި ވެސް ބައިވެރިވަމުން އަންނަ ޕްރިންޓްލެބުން ބުނި ގޮތުގައި މިފަދަ ބޮޑު އިވެންޓެއްގައި ޓީއެފްޖީއާ ބައިވެރިވުމަކީ ޕްރިންޓްލެބަށް ލިބުނު ބޮޑު ޝަރަފެއް ކަމަށެވެ.

މިހާރު ނޫހުން ބުނި ގޮތުގައި ކުޅިވަރާ ގުޅުން ހުރި އިވެންޓްތަކުގައި ބައިވެރިވާން އެ ނޫހުން އަބަދުވެސް އިސްކަންދޭ ކަމަށާއި އެގޮތުން ޒުވާނުންނާއި ކުޅިވަރާ ގުޅުން ހުރި މި އިވެންޓް ޕްރޮމޯޓްކޮށް ފުރިހަމަ ކަވަރޭޖެއް ހަދާނެ ކަމަށެވެ.

ގަން އިންޓަނޭޝަނަލް އެއާޕޯޓުން ބުނި ގޮތުގައި ދުވުމުގެ މިފަދަ އިވެންޓެއް އައްޑޫގައި ބޭއްވުމަކީ އެ ސިޓީ އަށާއި މުޅި ދެކުނަށް ލިބޭ ވަރަށް ބޮޑު އެކްސްޕޯޝާއެއް ކަމަށައި މިފަދަ އިވެންޓެއްގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ.

"ރަން އިން މޯލްޑިވްސް" ސިލްސިލާގެ ދަށުން ޓީއެފްޖީން ބާއްވާ ފުރަތަމަ ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ގޯޓުރޭސް ޑޮޓް ކޮމްގަ އެވެ. މިއީ ބައިނަލްއަގްވާމީ ދުވުންތަކުގެ ރަޖިސްޓްރޭޝަނާއި ޕްރޮމޯޝަންތަކަށް ހާއްސަ ވެބްސައިޓެކެވެ.

ޓީއެފްޖީން ހުޅުވާލާފައިވަނީ 300 ޖާގަ އެވެ. އެ ފަރާތުން ބޭނުންވަނީ އޭގެ ތެރެއިން މެޖޯރިޓީ ބައިވެރިންނަކީ އައްޑޫ، ފުވައްމުލަކު ނުވަތަ އެ ސަރަހައްދަށް ނިސްބަތްވާ ދުވުންތެރިންނަށް ވުމެވެ. އަދި މާލޭން ބައިވެރިވާ ދުވުންތެރިންނާ އެކު މާލޭން 200 އެއްހާ މީހުން އައްޑު އަށް ގެންދަން ޓީއެފްޖީން ބޭނުންވެ އެވެ.

މީގެ އިތުރުން ޓީއެފްޖީން އަންނަނީ އައްޑޫ ސިޓީގައި އާއްމުންނަށް ދުވުމާ ގުޅޭ މައުލޫމާތާއި ދުވުމުގެ ތަމްރީންތައް ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު ދިނުމަށް ހާއްސަ ސެޝަންތަކެއް ބޭއްވުމަށް ވެސް ތައްޔާރުވަމުންނެވެ.

މި ދުވުމަކީ "ރަން އިން މޯލްޑިވްސް" ގެ ނަމުގައި ޓީއެފްޖީން ފެށި ސިލްސިލާގެ ދަށުން ބާއްވާ ފުރަތަމަ އިވެންޓެކެވެ. ސެޕްޓެމްބަރު 16 ވަނަ ދުވަހު އައްޑޫގައި "ރަން އިން އައްޑޫ" ރޭސް ބާއްވާއިރު ލ. އަތޮޅުގެ ހަރަކާތް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 26/27 ގަ އެވެ. އަދި ހުޅުމާލޭގައި ބާއްވާ ރަސްމީ އިވެންޓް ކަމަށްވާ ކޮކޯކޯލާ ލޯންގް ރަން އަންނަ އަހަރުގެ އޭޕްރިލް 13 ގައި އޮންނާނެ އެވެ.

އައްޑު ސިޓީގެ ގުޅިފައިވާ ފަސް ރަށުގައި ރޭސް ބާއްވާއިރު މި ރޭސް، ޓީއެފްޖީން ހުޅުމާލޭގައި ބާއްވާ ލޯންގް ރަންގެ ރޫޓާ މުޅިން ތަފާތު ވާނެ އެވެ. ރޭހުގައި ހިމެނޭ ފަސްކިލޯމީޓަރާއި 10 ކިލޯމީޓަރާއި ހާފް މެރެތަން އަދި ފުލް މެރެތަން އިވެންޓްތައް ހިތަދޫ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރަށް ނިންމި ނަމަވެސް ހަތަރު ރޭސް ވެސް ފަށާނީ ތަފާތު ހަތަރު ދިމާލަކުންނެވެ.

ފުލް މެރެތަން (42 ކިލޯމީޓަރު) ރޭސް ފެށުމަށް ހަމަޖެހިފައިވަނީ ފަތިހު 4:45 ގައި ކޮންވެންޝަން ސެންޓަރުންނެވެ. އެތަނުން ފަށައިގެން މަރަދޫ އާއި ފޭދޫ ހުރަސްކޮށް ގަން އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލާ ހަމައަށް ގޮސް އެތަނުން އަނބުރާލާފައި އައިސް ރޭސް ނިންމާނީ ކޮންވެންޝަން ސެންޓަރަށެވެ.

ލޯންގް ރަންގައި 3:20 ގައި މެރެތަން ފެށި ނަމަވެސް މި ފަހަރު ލަސްކުރީ ފަޅު ސަރަހައްދުތަކާ ދުވުންތެރިން އަރާހަމަކުރާއިރު އިރުގެ އަލި ހުންނާނެ ވަގުތަކާ ދިމާކުރުމުގެ ބޭނުމުގަ އެވެ. ބައެއް ސަރަހައްދުތަކަށް ރޭގަނޑު އެއްވެސް ގޮތަކަށް އަލިކަން ލިބޭނެ ގޮތެއް ނެތްއިރު، އަނދިރީގައި ދުވަން ޖެހުމަކީ ދުވުންތެރިންނަށް އެހާ ރައްކާތެރި ގޮތެއް ނޫނެވެ.

ހާފް މެރެތަން (21 ކިލޯމީޓަރު) ފެށުމަށް ހަމަޖެހިފައިވަނީ އެއާޕޯޓުގެ ޓާމިނަލް ދޮރުމަތިންނެވެ. އަދި އެތަނުން ފަށައިގެން ފޭދޫ އާއި މަރަދޫ ހުރަސްކޮށް ރޭސް ނިންމާނީ ހިތަދޫ ކޮންވެންޝަން ސެންޓަރަށެވެ. މި ރޭސް ފެށުމަށް ހަމަޖެހިފައިވަނީ 6:45 ގަ އެވެ.

ރޭހުގައި ހިމެނޭ 10 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ ލިންކް ރޯޑް ފެށޭ ހިސާބުން ހެނދުނު 7:45 ގަ އެވެ. އަދި 5 ކިލޯމީޓަރު ރޭސް ފަށާނީ ހިތަދޫ އެޅެދީދީ މަގުން ހެނދުނު 8:45 ގަ އެވެ. ދެ ރޭސް ވެސް ނިންމަން ޖެހޭނީ ކޮންވެންޝަން ސެންޓަރަށެވެ.

ހުޅުމާލޭ ލޯންގް ރަންއެކޭ އެއްގޮތަށް މި ފަހަރު ވެސް ޓައިމިން ބަލާނީ ބިބުގައި ހަރުކުރާ އިލެކްޓްރޯނިޗް ޗިޕް މެދުވެރިކޮށެވެ. ރޭސް ނިންމާ ދުވުންތެރިއަކަށް މެޑަލް ދިނުމަށް ހަމަޖެހިފާއިރު މެރެތަން ފުރިހަމަކުރާ ބައިވެރިންނަށް ފިނިޝާ ޓީޝާޓެއް ލިބޭނެ އެވެ. ޓީއެފްޖީން އަންނަނީ ބައިނަލްއަގްވާމީ ދުވުންތެރިންނަށް ވެސް ރޭސް މާކެޓްކުރަމުންނެވެ.