14 އޯގަސްޓް 2017 - 06:15

ކުރީގެ މަޝްހޫރު އެކްޓަރު ދަރްމެންދްރާ އާއި އޭނާގެ ދެ ފިރިހެން ދަރިން ކަމަށްވާ ސަނީ ޑިއޯލް އާއި ބޮބީ ޑިއޯލް އެކުގައި ކުޅޭ ފިލްމް "ޔަމްލާ ޕަގްލާ ދީވާނާ" ގެ ތިން ވަނަ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.
މި ސީރިޒްގެ ފުރަތަމަ ފިލްމް 2011 ގައި ބޮޑު ހިޓަކަށްވި ނަމަވެސް، 2013 ގައި ރިލީޒް ކުރި ދެވަނަ ބަޔަކީ ބޮޑު ފްލޮޕެކެވެ.
ނަަމަވެސް ބެލުންތެރިންނާ ހަމައަށް އޭގެ ތިން ވަނަ ބައި ގެނެސް ދިނުމުގެ ޝައުގުވެރިކަން އާއިލާގެ ތެރޭގައި އޮތުމުން، އެކަން ކުރަން ބޭނުންވީ އެވެ. "ޔަމްލާ ޕަގްލާ ދީވާނާ 3" ގެ ޝޫޓިން ބުރާސްފަތި ދުވަހު ފަށާފައިވާ އިރު، ބޮބީ ވަނީ ޝޫޓިންގެ ތެރޭގައި ބައްޕަ ދަރޭއާ އެކު ނަގާފައިވާ ފޮޓޯއެއް ޓްވީޓްކޮށްފަ އެވެ.
އެކަމަކު ފިލްމުގެ ކާސްޓާ ސަނީ އަދި ނުގުޅެ އެވެ. އަދި ފިލްމުގެ ބަތަލާއިންނަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ.
ސަނީ އާއި ބޮބީ އެކުގައި ކުޅޭ ފިލްމެއް އަންނަ މަހުގެ އަށެއްގައި ވެސް ރިލީޒް ކުރާނެ އެވެ. އެއީ އެކްޓަރު ޝްރެޔަސް ތަލްޕަޅޭ ޑައިރެކްޓްކޮށްފައިވާ "ޕޯސްޓަ ބޯއި" އެވެ.
ސަނީ އާއި ޕެން އިންޑިއާ ގުޅިގެން ޕްރޮޑިއުސް ކުރާ "ޔަމްލާ ޕަގްލާ ދީވާނާ 3" ގެ ޑައިރެކްޓަރަކީ ޕަންޖާބީ ޑައިރެކްޓަރު ނަވަނިއަތު ސިންގް އެވެ. މި ސީރީޒްގެ ފުރަތަމަ ފިލްމް ޑައިރެކްޓް ކުރީ ސަމީރް ކަރްނިކް އެވެ. ދެވަނަ ބައި ޑައިރެކްޓް ކުރީ ސަންގީތު ސިވަން އެވެ.
"ޔަމްލާ ޕަގްލާ ދީވާނާ 3" ރިލީޒް ކުރާނެ ތާރީހެއް އަދި އިއުލާން ނުކުރި ނަމަވެސް، މި ފިލްމް ހިޓަކަށްވުން ވަރަށް މުހިއްމު ވާނެ އެވެ. ސަބަބަކީ ސަނީ އާއި ބޮބީ ވެސް މިހާރު ބޮލީވުޑުން ފާޑަކަށް ގެއްލިފައިވާތީ އެވެ. އަދި އެ މީހުންގެ ބައްޕައާ އެކު ސްކްރީން ހިއްސާކުރާ ފިލްމަކަށްވާތީ ފިލްމް ކާމިޔާބު ފިލްމަކަށް ހަދަން ވަރަށް ބޮޑަށް މަސައްކަތް ވެސް ކުރާނެ އެވެ.
ދަރޭ، 81، ދާދި ފަހުން ބުނެފައި ވަނީ "ޔަމްލާ ޕަގްލާ ދީވާނާ 2" ރިލީޒް ކުރި އިރު، އެ ފިލްމަކީ ފްލޮޕަކަށް ވާނެކަން އޭނާ އަށް ކުރިން ވެސް އެނގެ އެވެ.
ދެ ދަރިންނާ އެކު ދަރޭ ކުޅުނު ފިލްމްތަކުގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކީ 2007 ގައި ރިލީޒް ކުރި "އަޕްނޭ" އެވެ.