މަޖިލިސް ދަނީ އަޅުވެތިކުރުމާ ދިމާލަށް، ހަމައެކަނި އުންމީދަކީ ސުޕްރީމް ކޯޓު: ސައުދު
މަޖިލިސް ދަނީ އަޅުވެތިކުރުމާ ދިމާލަށް، ހަމައެކަނި އުންމީދަކީ ސުޕްރީމް ކޯޓު: ސައުދު

ރައްޔިތުންގެ މަޖިލިސް މިހާރު މިސްރާބު ޖަހާފައި ވަނީ އަޅުވެތި ކުރުމާ ދިމާލަށް ކަމަށާއި ހަމައެކަނި އޮތް އުންމީދަކީ ސުޕްރީމް ކޯޓު ކަމަށް، މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އިލެކްޝަންސް ކޮމިޝަންގެ ނިންމުން ބާތިލް ކޮށްދިނުމަށް އެދިވަޑައިގެން ސައުދު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލާގައި މިއަދު ބޭއްވި ފަހު އަޑުއެހުމުގައި އޭނާ ވިދާޅުވީ މީގެ ކުރިން ވެސް އެ ކޯޓުން ވަރަށް މުހިންމު ނިންމުންތަކެއް، މުހިންމު ދަނޑިވަޅުތަކުގައި ނިންމާފައިވާ ކަމަށެވެ. އެހެންވެ އޭނާގެ މައްސަލަ އިންސާފުވެރިކަމާ އެކު އަދި އަވަހަށް ނިންމައި ދިނުމަށް، ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ކުރިއަށް ގެންދާ ޝަރީއަތުގެ އަޑުއެހުމުގައި ސައުދު އެދިވަޑައިގަތެވެ.

ސައުދުގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރުންގެ ބެންޗުން އިއުލާން ކުރެއްވި ގޮތުގައި ދެން އޮންނާނީ މައްސަލައިގެ ހުކުމް އިއްވުމެވެ. ނަމަވެސް ހުކުމް އިއްވާނެ ދުވަހެއް ބެންޗުން އިއުލާނެއް ނުކުރައްވަ އެވެ.

މިއަދުގެ އަޑުއެހުމުގައި އޮތީ ދެ ފަރާތުން ފަހު ބަސް އިއްވުމެވެ. އަދި އެންމެ ފަހުން މިދިޔަ ބުދަ ދުވަހު ބޭއްވި އަޑުއެހުމުގައި ދެ ފަރާތުން ދެއްކި ވާހަަތައް ހުލާސާކޮށް ހުށަހެޅުމެވެ.

ސައުދުގެ އިތުރުން އިދިކޮޅު ފަސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައެޅީ، މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެކަމަކު އެއީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ފަހުން ނެރުނު އަމުރެއްގައިވެ އެވެ.

މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ ސައުދާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) އާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާންގެ އެވެ. މީގެ ތެރެއިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ވައްޑެ އާއި އަމީތާއި ސައުދު އަދި ލަތީފެވެ.

ވައްޑެ އާއި އަމީތު އަދި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިިދިޔަ މަހުގެ 24 ގައި މަޖިލީހުގެ އިދާރާ އަށް ވަން މައްސަލާގައި އެ ތިން ބޭފުޅުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.