13 އޯގަސްޓް 2017 - 14:11

ޖިއްދާ (އޮގަސްޓް 13) - އެއްގަމާއި ވައިގެ މަގުން އެތައް ބަޔަކު ހައްޖަށް މައްކާ އަށް ގޮސްފައިވާ އިރު ކަނޑުމަގުން މި އަހަރު ހައްޖަށްދާ ފުރަތަމަ ގްރޫޕް އިއްޔެ ޖިއްދާ އަށް ހިނގައްޖެ އެވެ.
އެއްގަމާއި ވައިގެ މަގުން އެތައް ލައްކަ ބަޔަކު ޖިއްދާ އަށް ދާއިރު ކަނޑު މަގުން ވެސް އެތައް ހާސް ބަޔަކު އަދިވެސް ހައްޖަށް ދެ އެވެ. ކަނޑުމަގުން މި އަހަރު ހައްޖަށް ދިޔަ ފުރަތަމަ ގްރޫޕަކީ ސޫދާނު ބައެކެވެ. ސައުދީ ހައްޖު މިނިސްޓްރީން ބުނީ ކަނޑުމަގުން ހައްޖަށް ދިޔަ ސޫދާނުގެ 480 މީހުންނަށް އިއްޔެ މަރުހަބާ ކިޔާފައިވާ ކަމަށެވެ. ސޫދާނުގެ 18،000 މީހުން ކަނޑުމަގުން ހައްޖަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.
ޖިއްދާގެ ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓާއި މަދީނާގެ ޕްރިންސް މުހައްމަދު ބިން އަބްދުލް އަޒީޒް އިންޓަނޭޝަނަލް އެއާޕޯޓަށް ފަހު ތިން ވަނަ އަށް އެންމެ ގިނަ މީހުން ހައްޖަށް އެތެރެ ވަނީ ޖިއްދާގެ އިސްލާމިކް ޕޯޓުންނެވެ.
ޖިއްދާގެ ޕޯޓުގައި ވެސް ވަނީ ހައްޖާޖީންގެ ސިއްހީ ޓެސްޓްތައް ކުރުމުގެ އިންތިޒާމް ގާއިމްކޮށްފަ އެވެ. ސޫދާނުން ދިޔަ ހައްޖު ޕަސެންޖަރެއްގެ ގައިން މިދިޔަ ހަފުތާގައި ވަނީ ކޮލެރާ ފެނިފަ އެވެ.