14 އޯގަސްޓް 2017 - 06:19

އިންޑިއާގައި، އުމުރުން 12 އަހަރުގެ ކުއްޖަކަށް ދިމާވެފައިވާ އާދަޔާ ހިލާފު ސިއްހީ މައްސަލައެއްގެ ސަބަބުން އަތްތިލަ މިހާރު ވަނީ އެއް ފޫޓަށް ބޮޑުވެފަ އެވެ. އުއްތަރް ޕްރަދޭޝްގައި އުޅޭ މި ކުއްޖާ އުފަންވި އިރު ވެސް އަތްތިލަ ހުރީ ބޮޑުކޮށެވެ. އެކަމަކު މިއީ ކީއްވެގެން ދިމާވެފައިވާ މައްސަލައެއް ކަމެއް ޑޮކްޓަރުންނަކަށް ވެސް ނޭނގެ އެވެ.

ބައެއް ޑޮކްޓަރުން ބުނަނީ މިއީ އެލަފަންޓް ފުޓް ޑިޒީޒްގެ ސަބަބުން ވެފައިވާ ކަމަކަށް ވެސް ވެދާނެ ކަމަށެވެ.
ތޯރިގް ނަމަކަށް ކިޔާ މި ކުއްޖާ އުޅޭ އަވަށުގެ ބައެއް މީހުން ގަބޫލުކުރަނީ އަތްތިލަ ބޮޑުވެފައި ވަނީ ކޮންމެވެސް ނުބައި ކަމެއްގެ ސަބަބުން ކަމަށެވެ. ތޯރިގް އަތުގެ ސަބަބުން އެހެން ކުދިން ބިރުގަންނާނެ ކަމަށް ބުނެ އޭނާ އަށް ސްކޫލަކުން ވެސް ފުރުސަތެއް ނުލިބުނެވެ. އެހެންވެ، އުމުރުން މިހާ ޅަ އުމުރުގައި ވެސް ތޯރިގް އުޅެނީ ސައި ވިއްކާ ތަނެއްގެ ވަޒީފާގަ އެވެ.
ތޯރިގަށް ދިމާވެފައިވާ މައްސަލަ ދެނެގަނެ، ފަރުވާ ހޯދަން ކުރި މަސައްކަތް ހުއްޓުމަކަށް އައިސްފައި ވަނީ އޭނާގެ ބައްޕަ މަރުވުމާ އެކުގަ އެވެ. އާއިލާގެ ތަނަވަސްކަމެއް ނެތެވެ.
"މިކަމުން ސަލާމަތްވާން އަހަރެން ބޭނުން. އެހެން ކުދިން ހެން ކޮންމެ ދުވަހަކު ސްކޫލަށް ގޮސް އެހެން ކުދިންނެކޭ އެއްގޮތަށް ކުޅެން ބޭނުން. ކޮންމެވެސް ދުވަހަކުން އަތް ރަނގަޅުވާނެ ކަމަށް އުންމީދުކުރަން،" ތޯރިގް ބުންޏެވެ.
ތޯރިގް ބުނި ގޮތުގައި، އޭނާއަށް ދިމާވެފައިވާ މައްސަލައިގެ ސަބަބުން އެކުވެރިން ވެސް ވަރަށް މަދެވެ. މިއީ ސިއްހީ މައްސަލައެއް ކަމަށް އަވަށުގެ މީހުން ގަބޫލު ނުކުރާ ކަމަށާއި ދެކެނީ ވަރަށް ގޯސްކޮށް ކަމަށް ވެސް އޭނާ ބުންޏެވެ.
އާއިލާގެ މެންބަރުން ބުނީ ގައިން ތާހިރުވުމާއި ކައިބޮއެ އުޅުން އަދި ހެދުން ލުން ފަދަ ކަންތައް ކުރުމަކީ ތޯރިގަށް ފަސޭހަ ކަމަކަށް ނުވާ ކަމަށެވެ. އެކަމަކު އާއިލާއިން ވެސް އުންމީދުކުރަނީ ކޮންމެވެސް ދުވަހަކު ބަލިން ސަލާމަތް ވެވި ތޯރިގަށް އާދައިގެ ދިރިއުޅުމެއް ލިބޭނެ ކަމަށެވެ.