13 އޯގަސްޓް 2017 - 11:30

ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި މައްސަލާގައި ސުޕްރީމް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުންތައް މިއަދު ނިންމާލައިފި އެވެ.
ވައްޑެ ހުށަހެޅުއްވި މި މައްސަލައިގެ އަޑުއެހުންތައް ނިންމަވާލައްވަމުން ސުޕްރީމް ކޯޓުގެ ފުލް ބެންޗުން އިއުލާން ކުރެއްވި ގޮތުގައި ދެން އޮންނާނީ ހުކުމް އިއްވުމެވެ. އެކަމަކު ހުކުމް އިއްވާނެ ދުވަހެއް އިއުލާނެއް ނުކުރައްވަ އެވެ.
މިއަދުގެ އަޑުއެހުމުގައި އޮތީ ދެ ފަރާތުން ފަހު ބަސް އިއްވުމެވެ.
ވައްޑެގެ އިތުރުން އިދިކޮޅު ފަސް މެމްބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ކަނޑައެޅީ، މެންބަރަކު މަޖިލީހަށް އިންތިޚާބުވި އިރު ހުންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވުމުން، ވަކިވުމުން ނުވަތަ ޕާޓީން ވަކި ކުރުމުން މަޖިލީހުގެ މެންބަރުކަން ގެއްލޭނެ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެކަމަކު އެއީ މާޒީގައި ވެފައިވާ ކަމެއްގެ މައްޗަށް ތަންފީޒުކުރުން ހުއްދަ ހުކުމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ފަހުން ނެރުނު އަމުރެއްގައިވެ އެވެ.
މަޖިލިހުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ ވައްޑެ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދާއި ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު އަދި މައްޗަންގޮޅި ދެކުނު ދާއިރާގެ އަބްދުﷲ ސިނާންގެ އެވެ. މީގެ ތެރެއިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ވައްޑެ އާއި އަމީތާއި ސައުދު އަދި ލަތީފެވެ.
ވައްޑެ ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ނިންމާލިއިރު، އަނެއް ތިން މެމްބަރުން ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތަކެއް ވެސް ބާއްވަން އެ ކޯޓުގައި ވަނީ ތާވަލްކޮށްފަ އެވެ. އަޑުއެހުންތައް ކުރިއަށް ގެންދަނީ ވަކިިވަކިންނެވެ.
އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނެފައި ވަނީ ވައްޑެ ޕީޕީއެމުން ވަކި ކުރިކަން އެ ޕާޓީން އެންގީ މިދިޔަ ޖުލައި މަހު ކަމަށާއި އޭނާ ޕާޓީން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ހުށަހެޅި މައްސަލާގައި ސޮއި ކުރެއްވުމުން ކަމަށެވެ.
އޭގެ ރައްދުގައި ވައްޑެ ވިދާޅުވީ މަސީހުގެ މައްސަލާގައި އޭނާއާ މެދު ފިޔަވަޅެއް އެޅިކަން އެނގިވަޑައިގަތީ އަދި ކިރިޔާ ކަމަށެވެ. މިދިޔަ މާޗް މަހު އޭނާ ވަކިކުރި ކަން ޕާޓީން އަންގާފައި ވަނިކޮށް ދެވަނަ ފަހަރަށް އޭނާ ވަކިކުރެވެނީ ކިހިނެއްތޯ ވެސް އޭނާ ސުވާލު އުފެއްދެވި އެވެ.
ވައްޑެ އާއި އަމީތު އަދި ސައުދުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނިކޮށް، މިިދިޔަ މަހުގެ 24 ގައި މަޖިލީހުގެ އިދާރާ އަށް ވަން މައްސަލާގައި އެ ތިން ބޭފުޅުން ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.