ފަހު ރޭހުން މޮ ފަރާ އަށް ރިހި މެޑަލް
ފަހު ރޭހުން މޮ ފަރާ އަށް ރިހި މެޑަލް

ލަންޑަން (އޮގަސްޓް 13) – ވޯލްޑް ޗެމްޕިއަންޝިޕުގެ 5000 މީޓަރު ދުވުމުން ރަން މެޑަލް ގެއްލި ޖެހިޖެހިގެން ބޮޑު ފަސް ވަނަ މުބާރާތުގައި ދެ ރަން މެޑަލް ހޯދަން އިނގިރޭސި ދުވުންތެރިއާ މުހައްމަދު ފަރާހް (މޮ ފަރާ) ކުރި އުއްމީދަށް ހުރަސް އެޅިއްޖެ އެވެ.

އުމުރުން 34 އަހަރުގެ ދުވުންތެރިއާ ވަނީ ވޯލްޑް ޗެމްޕިއަންޝިޕުގައި މި ފަހަރު 10000 މީޓަރު ދުވުމުން ރަން މެޑަލް ހޯދައިފަ އެވެ. އެކަމަކު ރޭ 5000 މީޓަރުގެ ފައިނަލުގައި އޭނާ ފަހަތަށް ޖައްސާލުމަށް ފަހު އިތިއޯޕިއާގެ މުޚްތާރު އިދްރީސް ވަނީ 13 މިނެޓު 32:79 ސިކުންތުން ރޭސް ނިންމައި ރަން މެޑަލް ހާސިލްކޮށްފަ އެވެ. މޮފަރާ ދެ ވަނަ އަށް ދިޔައީ 13 މިނެޓު 33:22 ސިކުންތުން ދުވެގެންނެވެ. މި އިވެންޓުގެ ލޯ މެޑަލް ހޯދީ 13 މިނެޓު 33:30 ސިކުންތުން ރޭސް ނިންމި އެމެރިކާގެ ޕައުލް ކެލީމޯ އެވެ.

ކެރިއަރުގެ ފަހު ބޮޑު މުބާރާތުގައި ލިބުނު ނާކާމިޔާބަށް ފަހު ބުނީ މޮ ފަރާ ބުނީ އޭނާގެ ކިބައިގައި ހުރިހާ ހުރިހާ ހިތްވަރެއްލީ ކަމަށާއި ރޭސް ނިންމިއިރު ގައިގައި އިތުރަށް ލާނެ ހިތްވަރެއް ނެތް ކަމަށެވެ.

"މިއީ ވަރަށް ދިގު ދަތުރެއް، އެކަމަކު މިއީ އާދަޔާހިލާފު ވެސް ދަތުރެއް،" އޮލިމްޕިކްސް އިން ހަތަރު ރަން މެޑަލް ހޯދާފައިވާ މޮފަރާ ބުންޏެވެ.

މޮ ފަރާގެ ޓްރެކް ކެރިއަރު ނިންމާލާނީ 10 ރަން މެޑަލާއި ދެ ރިހި މެޑަލާ އެކު އެވެ. ޒިއުރިކުގައި މި މަހުގެ 24 ގައި އޮންނަ ޑައިމަންޑް ލީގުގައި ވާދަކުރުމަށް ފަހު ދެން އޭނާ ވަންނާނީ މެރެތަން ދުވުމުގެ ތެރެއަށެވެ.

ޖެހިޖެހިގެން ދެ އޮލިމްޕިކްސްގައި، 5000 މީޓަރާއި 10،000 މީޓަރު ދުވުމުން ރަން މެޑަލް ހޯދި ދެ ވަނަ އެތުލީޓުގެ ޝަރަފް ހޯދާފައިވާ މޮ ފަރާ ވަނީ އޭނާ ނިސްބަތްވާ ލަންޑަނުގައި މީގެ ފަސް އަހަރު ކުރިން ބޭއްވި އޮލިމްޕިކްސް އިން ވެސް މި ދެ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ. ޖުމްލަ ހަތަރު ރަން މެޑަލާ އެކު މޮ ފަރާ ވެފައިވަނީ، ޓްރެކް އެންޑް ފީލްޑް އެތުލެޓިކްސްގައި އެންމެ ކާމިޔާބުކުރި އިނގިރޭސި އެތުލީޓަށެވެ.

އާއިލާއާ އެކު، އުމުރުން 8 އަހަރުގައި އިނގިރޭސި ވިލާތަށް ހިޖުރަކުރި މޮ ފަރާގެ ކުޑައިރުގެ އުއްމީދަކީ އިނގިރޭސި މަޝްހޫރު ފުޓްބޯޅަ ކްލަބް އާސެނަލަށް ފުޓްބޯޅަ ކުޅުމެވެ. އެކަމަކު އޭނާ ވީ ދުނިޔޭގައި އުފެދުނު އެންމެ ކާމިޔާބު އެއް ދުވުންތެރިޔާ އަށެވެ. ފަސްހާސް މީޓަރު އަދި 10،000 މީޓަރު ދުވުމުން 2012 ވަނަ އަހަރުގެ އޮލިމްޕިކްސް އާއި 2013 އަދި 2015 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދި އެވެ.