13 އޯގަސްޓް 2017 - 10:54

ލާހޯރު (އޮގަސްޓް 13) - ރައްޔިތުން ނުކުމެ ޕާކިސްތާނަށް އިންގިލާބީ ބަދަލުތަކެއް ގެނައުމަށް މަގާމުން ދުރުކުރި ބޮޑު ވަޒީރު ނަވާޒް ޝަރީފް ގޮވާލައްވައިފި އެވެ.

އިސްލާމްއާބާދުން ލާހޯރަށް އެއްގަމު މަގުން ކުރެއްވި ހަތަރު ދުވަހުގެ ދަތުރު ނިންމާލުމުގެ ގޮތުން އެތައް ހާސް ސަޕޯޓަރުންނަކާ ބައްދަލު ކުރައްވާ ނަވާޒް ޝަރީފް ވަނީ އޭނާ މަގާމުން ދުރުކުރަން ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް ފާޑު ވިދާޅުވެ "އެ ހުކުމާ ގުޅިގެން ގޭގައި ނީންނަވާނެ" ކަމަށް ވިދާޅުވެފަ އެވެ. އަދި ގައުމުގެ ކުރިމަގު ބަދަލު ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
ޕެނަމާ ޕޭޕާސް އިން ލީކުކުރި މައުލޫމާތުގައި ނަވާޒް ޝަރީފުގެ އާއިލާގެ މައްޗަށް ކުރި ޚިޔާނާތުގެ ތުހުމަތާ ގުޅިގެން ސުޕްރީމް ކޯޓުން އެ މައްސަލަ ބެލުމަށް ފަހު ނަވާޒް ޝަރީފު ބޮޑު ވަޒީރުކަމުގައި ހުންނެވުމުގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ހުކުމް ކުރީ ޖުލައި 28 ވަނަ ދުވަހު އެވެ. އޭގެ ފަހުން ހަފުތާއެއްހާ ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއްވުމަށް ފަހު އިސްލާމްއާބާދުން ލާހޯރަށް ވަޑައިގަތުމުގެ 370 ކިލޯ މީޓަރުގެ ދަތުރު ފެއްޓެވީ ބުދަ ދުވަހު އެވެ. ނަވާޒް ޝަރީފް ދަތުރު ކުރެއްވީ ވަޒަން ނާރާ ގޮތަށް އަދި ބޮމުގެ ހަމަލާ ވެސް ނާރާ ގޮތަށް ތައްޔާރުކޮށްފައިވާ ޚާއްސަ ވެހިކަލެއްގަ އެވެ. އެއްގަމު މަގުން ލާހޯރަށް ވަޑައިގަތުމުގެ ބޭނުމަކީ ތާއީދު އޮތް މިންވަރު ދެއްކުމެވެ. ދެހާސް އަހަރަށް ވުރެ ގިނަ ދުވަސްވީ މަޝްހޫރު ގްރޭންޑް ޓްރަންކް ރޯޑުން ކުރެއްވި ދަތުރުގައި އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ ނަވާޒް ޝަރީފަށް އޮތް ތާއީދު ހާމަކޮށްދީފަ އެވެ. ޚާއްސަކޮށް ލާހޯރުގައި ނަވާޒް ޝަރީފަކީ ވަރަށް މަގްބޫލް ބޭފުޅެކެވެ.
ދަތުރު ނިންމަވާލެއްވުމުގެ ގޮތުން ލާހޯރުގައި ވާހަކަ ދައްކަވަމުން ނަވާޒް ޝަރީފު ވިދާޅުވީ ދަތުރުން އެނގުނު އެއްޗަކީ އެމަނިކުފާން މަގާމުން ދުރުކުރަން ސުޕްރީމް ކޯޓުން ކުރި ހުކުމް ރައްޔިތުން ގަބޫލް ނުކުރާކަން ކަމަށެވެ.
"މި ގައުމަކީ 200 މިލިއަން މީހުންގެ ގައުމެއް. އަޅުގަނޑު މަގާމުން ދުރުކުރި މަދު ބައެއްގެ ގައުމެއް ނޫން. ރައްޔިތުން އަޅުގަނޑަށް ދިން ވޯޓަށް ވެސް ވަނީ އިހުތިރާމް ކުޑަކޮށްފައި،" ނަވާޒް ޝަރީފް ވިދާޅުވި އެވެ. "އަޅުގަނޑު މަގާމުން ދުރުކުރީ ކޮން ބައެއް. އެއީ އެކަމަށް ކުފޫ ހަމަވާ ބައެއްތަ."
ނަވާޒް ޝަރީފް ވަނީ ދެން ނިންމަވާ ގޮތަކަށް ރައްޔިތުން އިންތިޒާރު ކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.
ނަވާޒް ޝަރީފް މަގާމުން ދުރުކުރުމާ އެކު ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) އިން ވަނީ ތެލާ ބެހޭ ކުރީގެ ވަޒީރު ޝާހިދު ޚައްގާން އައްބާސީ ބޮޑު ވަޒީރު ކަމަށް ހަމަޖައްސައިފަ އެވެ. މަގާމުން ދުރުކުރުމުން ހުސްވި ގޮނޑިއަށް ނަވާޒް ޝަރީފުގެ އަނބިކަނބަލުން ކުލްސޫމް ނަވާޒް ވާދަކުރާ ގޮތަށް ޕާޓީން ވަނީ ހުކުރު ދުވަހު ނިންމައިފަ އެވެ.