13 އޯގަސްޓް 2017 - 09:58

މެންޗެސްޓާ (އޮގަސްޓް 13) - މިދިޔަ ސީޒަނަކީ މެންޗެސްޓާ ސިޓީ އަށް ލިބުނު ފިލާވަޅެއް ކަމަށާއި ބޭނުންވަނީ ހެދުނު ގޯސްތައް މި އަހަރު ރަނގަޅު ކުރުމަށް ކަމަށް ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ ބުނެފި އެވެ.
އާ ސީޒަނުގައި ސިޓީ ކުޅުނު ފުރަތަމަ މެޗުން ރޭ އެ ޓީމު ވަނީ 2-0 އިން ބްރައިޓަން ބަލިކޮށްފަ އެވެ. މި މެޗުގައި ސިޓީގެ ފުރަތަމަ ލަނޑު ޖެހީ އަގުއޭރޯ އެވެ. އަނެއް ލަނޑަކީ ބްރައިޓަންގެ ލެވިސް ޑަންކް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މިދިޔަ ސީޒަނުގައި ކުޅުނު ފުރަތަމަ މެޗުތަކުން ސިޓީ ވަނީ މޮޅުވެފަ އެވެ. އެހެން ނަމަވެސް ފުރަތަމަ 10 މެޗަށް ފަހު ސިޓީގެ ފޯމު ގެއްލި އެ ޓީމުގެ ނަތީޖާތައް ދަށްވި އެވެ. އަދި އެ ޓީމު ސީޒަން ނިންމާލަން ޖެހުނީ ތިން ވަނައިގަ އޮވެ އެވެ.
"މިދިޔަ ސީޒަނުގައި ވެސް ސީޒަން ފެށުނީ ގިނަ މެޗުތަކެއް ކާމިޔާބު ކޮށްގެން. އެކަމަކު ފޯމު ގެއްލުނު ހިސާބުން އަހަރެމެންނަށް ގިނަ މައްސަލަތަކެއް ދިމާވި. އެ ގޮތަށް ވިސްނާއިރު މިދިޔަ ސީޒަނަކީ އަހަރެމެންނަށް ފިލާވަޅެއް،" އަގުއޭރޯ ބުންޏެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ އެ ޓީމަކީ ލީގު ފޭވަރިޓެއް ނޫން ކަމަށެވެ.
"މިދިޔަ ސީޒަން ފަށައިގެން ވެސް ގިނަ ބަޔަކު ބުނި އަހަރެމެންނަކީ ފޭވަރިޓް ކަމަށް. އެކަމަކު އެހެނެއް ނޫންވީ. ގިނަ ބަޔަކު އަހަރެމެންނަށް ތައުރީފް ކުރަންތިއްބާ ފެނުނީ ޗެލްސީ ލީގު ހޯދިތަން. އެކަން މި ފަހަރު ތަކުރާރު ވިޔަ ނުދޭން ހުރިހާ ގޮތަކުން މަސައްކަތް ކުރާނަން،" ގާޑިއޯލާ ބުންޏެވެ.
މިއީ 31 އަހަރަށް ފަހު ބްރައިޓަން އިނގިރޭސި ފުރަތަމަ ޑިވިޝަނުގައި ކުޅުނު ފުރަތަމަ ފަހަރެވެ. އެ ޓީމުގެ ކޯޗު ކްރިސް ހިއުޓަން ބުނީ މިއީ އެ ޓީމަށް ވަރަށް ހާއްސަ މެޗެއް ކަމަށާއި ބަލިވި ނަމަވެސް ހިތްހަމަ ޖެހޭ ކަންތައްތަކެއް ފެނިގެންދިޔަ ކަމަށެވެ.
"މިއީ މި ކްލަބަށް ވަރަށް ތާރީހީ މެޗެއް. އެހާ ގިނަ އަހަރުތަކަށް ފަހު ޕްރިމިއާ ލީގުގައި ކުޅެން ފުރުސަތު ލިބި ލީގުގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ޓީމާ ދެކޮޅަށް ބަލިވި ނަމަވެސް ވަރަށް ރަނގަޅަށް ކުޅެފި. މިއީ ފެށުމެއް ކަމަށް ދެކެން،" ކުރިން ނިއުކާސަލް ޔުނައިޓެޑަށް ކޯޗު ކޮށްދިން ހިއުޓަން ބުންޏެވެ.