13 އޯގަސްޓް 2017 - 09:36

ބުދަ ދުވަހާ ގުޅޭ
ހައިރާންވެފައި ނާޒިމާއަށް ބަލައިލެވުނީ ރާޝިދަށެވެ. އެއީ ތެދެއްހޭ ބުނާ ކަހަލަ ގޮތަކަށެވެ.
"އޭނަ ދައްކާހާ ވާހަކައެއް ގަބޫލުނުކުރާތި!" ރާޝިދު ވަރަށް މަޑުމަޑުން ބުންޏެވެ. "ވަރަށް ދޮގުހަދާނެ."
"އެއީ ތެދެއް،" ހައުލާ ވަރުގަދަ އަޑަކުން ހެމުންހެމުން ބުންޏެވެ. "މަށަކީ ދޮގުވެރިޔާ. ހަމީދަކީ އަޅުވެރިޔާ. އެހެންވެ އޭނަ ފިލައިގެން އެ ރައްކާވީ. މޫނިސާ އެބައިން ސޯފާގަ. ގޮސް އަހާބަލަ އެ ތަނުގަ އިނދެފަ އޭނަ ރައްކާވީ ކީއްވެގެންތޯ!"
އަޑުންއަޑުނަގައިފައި ހައުލާ ހޭންފެށިއެވެ. ނާޒިމާ އެ ތަނުން ނުކުތެވެ. ހަމީދު ގެއަކު ނެތެވެ. ހައުލާ ބުނި ފަދައިން މޫނިސާ ސޯފާގައި އިނެވެ.
"ބައްޕަ ކޮބާ؟" ނާޒިމާ އެހިއެވެ.
"މިތާ އިނދެފަ ދެންމެ ހަމަ ކުއްލިއަކަށް ނުކުމެގެން އެ ދިޔައީ،" މޫނިސާ ޖަވާބުދިނެވެ. "ކިހިނެއްވީ؟ ގުޅާލަންތަ؟"
މޫނިސާ ގުޅައިގެން އެ ކޯލު ކެނޑުނުއިރު ވެސް ހަމީދު ޖަވާބެއް ނުދިނެވެ. ނާޒިމާ ވެސް ގުޅިއެވެ. ފޯނެއް ނުނެގިއެވެ. ނާޒިމާ ހިތަށްއެރިއެވެ. ހަމީދަކީ ޖިންނިއެއްގެ ފިރިއަކަށް ވެދާނެ ހެއްޔެވެ؟ ނުވަތަ އެއީ ނާޒިމާގެ ސަމާލުކަން އެހެން ދިމާއަކަށް އަނބުރައިލުމަށް ޓަކައި ޝައިތާނާ ހެދި ދޮގެއް ހެއްޔެވެ؟ އެ ފަދަ ކަމަކަށް ހަމީދަށް ޝައްކު ކުރެވޭ ކިތަންމެ ހެއްކެއް ނާޒިމާއަށް ފެނިއްޖެއެވެ. ރުޤްޔާ ކިޔަވާ ތަނަށް ހަމީދު ވަންނަން އެއްބަސް ނުވުމެވެ. ނިދަން ތިބޭއިރު ހަމީދުގެ ފަރާތުން ފެންނަ ޢަލާމާތްތަކެވެ. ނާޒިމާގެ ހިތުގައި އުފެދުނު ސުވާލުތައް ބައިވަރެވެ. ހަމީދުގެ އެހެން އަންބެއް ހުންނަތާ ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ؟ ދަރިއަކު އެބަހުރި ހެއްޔެވެ؟
ދަންވަރު ބާރަޖެހިއިރު ވެސް ހަމީދު ގެއަކަށް ނާދެއެވެ. ނާޒިމާގެ ލޮލަކަށް ނިންޖެއް ނައެވެ. ސިހުރުޖެހިފައިވާ މީހެއްގެ ފަރާތުން ފެންނަ ޢަލާމާތްތަކެއް ހުރެއެވެ. ނާޒިމާއަށް އެ ކަން އެނގެއެވެ. އާންމު ގޮތެއްގައި އެއް ޢަލާމާތަށް ވުރެ ގިނަ ޢަލާމާތް ފެންނާނެއެވެ. އެންމެ އާންމު ޢަލާމާތަކީ، ރުޤްޔާ ކުރާއިރު ނުވަތަ ބަންގީގެ އަޑު އިވޭ ހިނދު އެ މީހާއަށް ވާ އުނދަގުލެވެ. އެ ފަދަ ވަގުތުގައި އެ މީހާ ގާތުގައި ނުވަތަ އެ މީހާގެ ހަށިގަނޑަށް ވެރިވެގެން ޖިންނި އިން ނަމަ ހަމަހިމޭނަކުން ނީނދެވޭނެއެވެ. ސިހުރު ބޮޑަށް ޖެހިފައިވާ ނަމަ އެ ނިޝާންތައް ފެނުން އަވަސް ވާނެއެވެ. ބައެއް ފަހަރު ސިހުރު ޖެހިފައިވާލެއް ކުޑަކަމުން، އޭގެ ނިޝާނެއް ފެންނަން ހަފުތާތަކެއް ވެސް ނަގައިފާނެއެވެ. ހަމަ އެ ގޮތަށް ސިހުރުޖެހިފައިވާލެއް ބޮޑުކަމުން ރާޤީ ކުރިމައްޗަށް އެ މީހާ ގެންނައިރަށް، ބިސްމި ވެސް ނުކިޔިގެން އުޅެނިކޮށް ނިޝާންތައް ފެންނަން ފަށާނެއެވެ. ސަބަބަކީ، ކުރިމަތީގައި އިނީ ރާޤީއެއްކަމާއި އޭނަ އެ އުޅެނީ ޤުރުއާން ކިޔަވަންކަން، ސިހުރުޖެހިފައިވާ މީހާއަށް އެނގޭތީއެވެ. ކަމުގެ ބާވަތުން އެއްވެސް ދަރިޔަކާ އެ މައްސަލަ ހިއްސާއެއް ނުކުރެވުނެވެ.
"ދެން އަހަރެން ކިހިނެއް ހަދަންވީ؟" ކިތަންމެ ދަންވަރަސް ނާޒިމާއަށް މަޖުބޫރުވީ ރާޝިދަށް ގުޅާށެވެ. "އޭނަ އަދިވެސް ގެއަކަށް ނާދޭ. ދެން އޭނަ ގެއަށް ނައިއްސިއްޔާ އަހަރެން ކިހިނެއް ހަދަންވީ؟ އަސްލުގަ ވެސް އޭނަގެ ޖިންނި އަންބެއް ހުރެދާނެތަ؟"
"މާ ބޮޑަށް ތި ހާސްވަނީ،" ރާޝިދު ހިތްވަރުދިނެވެ. "ވެދާނެ އޭނަގެ އަންބަކު ހުންނަކަމަށް. ނޫނީ އެއީ ދޮގަކަށް ވެސް ވެދާނެ. އަހަންނަކަށް ވެސް ޓަސްލާފަ ބުނާކަށް ނޭނގޭނެ. ޖިންނިއެއް އަވަލަވައިގެން އުޅެންޏާ..."
"އޭނަ އަތުވެއްޖެކަންނޭނގެ." ނާޒިމާ ސިއްރުސިއްރުން ބުންޏެވެ.
"މާ ބޮޑަށް ހާސްނުވާތި!" ރާޝިދު ހިތްވަރުދިނެވެ. "މާ ގިނަ ސުވާލުތައް ނުކުރާތި. އޭރުން ފެށޭނީ ބޮޑު ޒުވާބެއް. އެއީ ޝައިތާނާ ބޭނުންވާ ގޮތް. ސިހުރުވެރިޔާ ކާމިޔާބު ހޯދާ ގޮތް. އަހަރެންގެ ހިތް ބުނަނީ ނާޒިމާ ވާހަކައެއް އަހާނެ ފުރުޞަތެއް ނުދޭނޭ."
ނާޒިމާ ފޯނު ކަނޑައިލިއެވެ. އެ ވަގުތު ހަމީދު ކޮޓަރިއަށް ވަނެވެ. އޭނަގެ މޫނުމަތިން އެއްވެސް ކަހަލަ ހާސްކަމެއް ނުފެނެއެވެ. އެހެންޏާ ވެސް ކަންތައް ކުރާހެން، އަލަމާރި ކައިރިއަށް ހުއްޓިފައި އެއްޗެހި ބަދަލުކުރަން ފެށިއެވެ. ކަމެއްވީހެން ވެސް ހަމީދަކަށް ހިޔެއް ނުވެއެވެ.
"ކިހިނެއް ކަންތައް ދިޔައީ މި ރޭ؟" ނާޒިމާއަށް ފުރަގަސްދީގެން ހުރެ ހަމީދު އެހިއެވެ. "ދެންމެ އަހަރެން ގެއަށް ވަންއިރު ވެސް އެ ޒިދުނާ އެބަހުރި އެއްޗެހި ހިއްކަންއަޅަން. މީ ދެން ކޮން ވަގުތެއް އެއްޗެހި ދޮންނަން؟"
ނާޒިމާ ހައިރާންވީ ޒިދުނާ އެއްޗެހިދޮވުނީމައެއް ނޫނެވެ. ހަމީދުގެ ކުޅަދާނަކަމުންނެވެ. ހިނގައިދިޔަ އެއްވެސް ކަމެއްގެ ވާހަކަ ހަމީދު ނުދައްކައެވެ.
"އަހަރެން ހިތަށްއަރަނީ ދެން ރުޤްޔާ މެދުކަނޑައިލައިފަ ހައުލާ ގޮވައިގެން ހުޅުމާލެއަށް ބަދަލުވާންވީއޭ،" ހަމީދު ބުންޏެވެ. "އުޅޭ ތަން ބަދަލުވީމަ ވެސް ފަހަރެއްގަ ރަނގަޅު ވެދާނެ. ނާޒިމާއަށް އެނގޭތަ؟ ޖިންނީންނާ ކުރިމަތިލައިގެން ހުރިހައި ފަހަރަކު ކާމިޔާބެއް ނުވެޔޭ. އާންމު ގޮތެއްގަ ޖިންނީންނަކީ އިންސާނުންނަށް ވުރެ ބާރު ގަދަ ބަޔެއް. އެކަމަކު ކޮންމެ ޖިންނިއަކީ ވެސް އިންސާނަކަށް ވުރެ ބާރުގަދަ އެއްޗެކޭ ބުނާނެ ތަނެއް ނެތް. މިސާލަކަށް ޖިސްމާނީގޮތުން ބަލާއިރު ފިރިހެނުން ބާރުގަދަވާނެ އަންހެނުންނަށް ވުރެ. އެކަމަކު ތިބޭނެ ފިރިހެނުންނަށް ވުރެ ބާރުގަދަ އަންހެނުން ވެސް. ޖިންނީންނަށް ދެއްވީ ބާރާ ދުވެލި. އެއް ސިކުންތުގަ ރާއްޖޭގަ. އަނެއް ސިކުންތުގަ އެމެރިކާގަ. އަދި އެނގޭތަ؟ އިންސާނުންނަށް ޖިންނި ފެންނާނީ ޖިންނި ފެންނަން ބޭނުންވީމަ. އެ ބާރު އަހަރުމެންނަކަށް ނޯންނާނެ. އަހަރުމެންގެ ލޮލަކަށް ޖިންނިއެއް ނުފެންނާނެ."
ޖިންނީންނާ ބެހޭގޮތުން ކުރިން ނުދައްކާ ވަރަށް ގިނަ ވާހަކަ ހަމީދު ދެއްކިއެވެ. ނާޒިމާގެ މޫނަށް ބަލައިވެސް ނުލައެވެ. ހަމީދުގެ ބޭނުމަކީ ސުވާލެއް ކުރަން ނާޒިމާއަށް ފުރުޞަތެއް ނުދިނުންބާއޭ ނާޒިމާގެ ހިތަށްއެރިއެވެ. ހަމީދު ފާޚާނާއަށް ވަނެވެ. ނާޒިމާ ބޭނުންވަނީ ސުވާލުތައް އޮއްސައިލާށެވެ. އެހެންނަމަވެސް، ރާޝިދު ނުކުރާށޭ ބުނެފައިވާ ކަމެއް ކުރާކަށް ނާޒިމާއަކަށް ނުކެރުނެވެ. އެހެންޏާ ނުވާހާ ގިނައިރު ފާޚާނައިގައި އުޅެފައި ހަމީދު ނުކުތެވެ. ނާޒިމާ އޮތީ ހޭލައެވެ.
"މަ ބުނީ، އަހަރުމެންގެ ދުނިޔެއަށް ޖިންނީންނަށް އާދެވޭނެ އެކަމަކު ޖިންނީންގެ ދުނިޔެއަށް ދިޔުމުގެ ބާރު އަހަރުމެންނަކަށް ނޯންނާނެ،" ވާހަކަދައްކަމުން ހަމީދު އައިސް އެނދުގައި އޮށޯތެވެ. "އިންސާނުންނަށް ވުރެ ޖިންނީންގެ އުމުރު މާ ދިގު. ޖިންނީން އެތައް ސަތޭކަ އަހަރެއް ވަންދެން ދިރިހުރޭ. ކީއްވެ؟ އަހަރުމެން ދެބައިމީހުން ވަގުތު ބަލަނީ އެއްގޮތަކަށް ނޫން. ޖިންނީންގެ އާބާދީ މާ ބޮޑު. ކީއްވެ؟ އެއީ ރާޝިދު ބުނިހެން ޖިންނީންނަކީ އައްޔެއް، އެނަޖީއެއް ނޫނީ ސިގުނަލެއް ކަހަލަ އެއްޗެއް. ކޮންމެ ޖިންނިއަކަށް ވެސް އެތަކެއް ހާސް ދަރިންނެއް ލިބޭ. ކީއްވެ؟ ޖިސްމާނީ ބަޔަކަށް ނުވެފަ، އެ ސޮރުމެން ދިރިއުޅެން ބިމުން ޖާގަ ބޭނުން ނުވާތީ."
"އިންސާނުންނާ ޖިންނި ކައިވެނި ކުރޭތަ؟" ރަނގަޅު ދަނޑިވަޅުގައި ނާޒިމާ އެހިއެވެ. "އިންސާނުންނަށް ބައްޕަ ކިޔާ ޖިންނިން ތިބޭތަ؟"
ހައިރާންވެފައި ނާޒިމާއާ ދިމާއަށް ހަމީދު ބަލައިލިއެވެ.
"ކުއްލިއަކަށް ތިހާ ގިނަ މަޢުލޫމާތު އެނގިގެން އުޅޭތީ އަހަރެން ހަމަ ސުވާލެއް އަހާލީ،" ނާޒިމާ ބުނެލިއެވެ. "މިސާލަކަށް ހަމީދަށް އިނދެވިދާނެހޭ ޖިންނިއަކާ؟"
ސުވާލަށް ޖަވާބު ނުދީ އެނދުގެ މެދުގައި ހަމީދު ކަންނެޔޮ ބޭއްވިއެވެ. އެއީ ވަރަށް އާންމުކޮށް ހަމީދު ކުރާ ކަމެކެވެ. ދެމަފިރިންގެ ދެމެދުގައި ކަންނެޔޮ ބާއްވާނީ ކީއްވެގެންތޯ އަހާއަހާ ނާޒިމާ ވަރުބަލިވެއްޖެއެވެ. ދުވަހަކު ވެސް އެ ސުވާލުގެ ޖަވާބެއް ނުލިބެއެވެ.
"ޖިންނިޝައިތާނުން އިސްކުރަނީ ވައަތް،" ދެން ވެސް ހަމީދު ފެށީ މުޅީން އެހެން ވާހަކައެކެވެ. "ގެއަށް ވަންނަމުން ބިސްމި ނުކިޔައިފިއްޔާ އެއީ އެ ގޭގަ ރޭކުރަން ޖިންނީންނަށް ދެވޭ ދަޢުވަތެއް. އެނގޭތަ އެ ކަން؟ ކާން ފަށާއިރު ބިސްމި ނުކިޔައިފިއްޔާ އެއީ އެ ކެއުމުގަ ޖިންނިޝައިތާނުން ބައިވެރިވާން ދެވޭ ދަޢުވަތެއް. މާނައަކީ ޖިންނީންނަކީ އިންސާނުންހެން ކައިބޮއި، ދަރީން ވިހާ ބަޔެކޭ. އޭގެ ތެރޭގަ ހުރިހާ ދީނަކަށް ތަބާވާ ޖިންނީން އުޅޭ. އަނިޔާކުރުމާ، ސަމާސާކުރުމާ، އެހީތެރިވުމަކީ ޖިންނިން ކުރާ ކަމެއް. އިންސާނަކާ އަވަލަވައިގެން ވެސް އުޅެފާނެ. އިންސީންނާ ޖިންނީން ވެސް ފޮނުއްވީ ﷲ އަށް އަޅުކަންކުރަން. އިންސާނުން ފަދައިން ޖިންނީންގެ ތެރޭގައި ވެސް ސުވަރުގެވެރިންނާއި ނަރަކަވެރިން ހިމެނޭ. މުސްލިމުންނާއި ކާފަރުން ހިމެނޭ. ދެން ހިނގާ ނިދަމާ."
ހަމީދުގެ ފަރާތަކުން އެއްވެސް އެއްޗެއް ނޭނގުނެވެ. އޭނަ އިރުކޮޅަކުން ގުގުރިދަމަން ފެށިއެވެ. ނާޒިމާ އޮތީ ހޭލައެވެ. ހަމީދާ އެއް އެނދުގައި ނިދާކަށް ނާޒިމާއަކަށް ނުކެރުނެވެ. އެ ރޭ ނާޒިމާ ނިދީ މޫނިސާގެ އެނދުގައެވެ.
ދެމަފިރިން ދުރުކުރުމަށްޓަކައި ޝައިތާނާ ނުބައި ރޭވުންތައް ރާވާކަން ނާޒިމާއަށް އެނގެއެވެ. އެހެންނަމަވެސް، އެ ކަން އެހެންވިޔަ ނުދިނުމަށް ކުރެވުނު ކަމެއް ނެތެވެ. ހަމީދާއި ނާޒިމާއާ ދެމެދު "ބީރައްޓެހިކަމެއް" އުފެދުނެވެ. ހަމީދު ފެންނައިރަށް ނާޒިމާއަށް ކުރެވޭ ކަމަކީ ބަލަހައްޓައިގެން ހުރުމެވެ. އާދަޔާ ޚިލާފު ޚަރަކާތެއް ފެނޭތޯއެވެ. މާ ބޮޑަށް ގާތްވާކަށް ވެސް ނުކެރެއެވެ. ހަމީދު އަތްލަން އުޅުނަސް ފަހަތަށް ޖެހިލެވެއެވެ. އެ ކަންކަމާ ހަމީދު ސުވާލެއް ނުކުރެއެވެ. މައްސަލައަކީ އެއީއެވެ. މޫނިސާއަށް އެ ކަން ފާހަގަކުރެވުނެވެ. ސުވާލުކުރިއެވެ. ނާޒިމާ ދެނެހުރިކަމަކަށް ނުހެދިއެވެ.
ޖެހިގެން އައި ރޭ ހަމީދުގެ ދެވަނަ އަނބިމީހާޔާ ބެހޭގޮތުން ހައުލާ އާ ވާހަކަތަކެއް ކިޔައިދިނެވެ. ހަމީދު އިނދެގެންއުޅޭ ޖިންނިއަށް ފަސް ސަތޭކަ ތޭވީސް އަހަރު ފުރިފައިވާކަމެވެ. މުސްކުޅިވެގެން ގޮސް އެ ޖިންނީގެ އެއްފަޅި ނެތްކަމާއި، އެކަމަކު ހަމީދަށް އެ ޖިންނި ފެންނަނީ ހަމީދަށް އެންމެ ރީތި ސިފައިގައި ކަމެވެ. އެ ހިސާބުން ނާޒިމާ ބޭނުންވީ އެ ޖިންނި ގެނެސްގެން އެ ކަން އޮޅުންފިލުވާށެވެ. ރުޤްޔާގެ މިސްރާބު އެ ދިމާއަށް އެނބުރުނެވެ. ރާޝިދު ކިޔަވަން ފެށިއެވެ. ގާތްގަނޑަކަށް ސާޅީހަކަށް މިނެއްޓު އެ ކަމަށް ނެގިއެވެ. އިރުކޮޅަކުން ވަރަށް ނުބައި ވަހެއް ދުވަން ފެށިއެވެ. އެއީ، ކެބެޖު ކަހަލަ އެއްޗެއް ކުނިވުމުން ދުވާ ކަހަލަ ވަހެކެވެ.
"މީ ދެން ކޮންކަމެއް؟" ވަރަށް މުސްކުޅި އަޑަކުން ހައުލާ ވާހަކަދައްކަން ފެށިއެވެ. "މަށަކީ މުސްކުޅި ދައިތައެކޭ."
އެ އަޑު ނާޒިމާގެ ކަންފަތުގައި ޖެހުމުން ނާޒިމާގެ ގައިން ހީބިހިނަގައިގެންދިޔައެވެ.
"ކަލޭ އުޅެނީ ހަމީދާ އިނދެގެންތަ؟" ރާޝިދު ސުވާލުކުރިއެވެ.
ނުނިމޭ