13 އޯގަސްޓް 2017 - 14:35

ތަފާތު ގިނަ ކުޅިވަރުތަކާއެކު ކޮންމެ އަހަރަކު ހޮލިޑޭ އިން ކަނޑޫމާ ރިސޯޓުގައި ބާއްވާ ފޯރިގަދަ މިނީ އޮލިމްޕިކްސް މުބާރާތް އިއްޔެ ހަވީރު ފަށައިފި އެވެ.

ދެ ހަފުތާގެ މުއްދަތަށް ކުރިއަށް ގެންދާ މި އޮލިމްޕިކްސްގެ 20 މުބާރާތެއްގައި 415 މުވައްޒަފުން ބައިވެރިވެ އެވެ.

ކަނޑޫމާ ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޖޯސެފް ޑެލަ ގާޓާ ވިދާޅުވީ މި މުބާރާތްތަކަށް އެ ރިސޯޓުގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ވަރަށް ބޮޑަށް އިންތިޒާރު ކުރާ ކަމަށެވެ. އަދި މި ހަރަކާތުގެ ސަބަބުން މުވައްޒަފުންގެ މެދުގައި ވަރަށް ބޮޑަށް އެކުވެރިކަން އާލާވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުބާރާތަކަށް ވުރެ ބޮޑަށް ބަލަނީ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް، މަސައްކަތުގެ ރޫހު ވަރުގަދަކުރަން،" ޖޯސެފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިނީ އޮލިމްޕިކްސްގެ ހަރަކާތްތައް ރާވާފައި ވަނީ އޭގެ ސަބަބުން ރިސޯޓުގެ މަސައްކަތްތަކަށް އެއްވެސް ކަހަލަ ދަތިކަމެއް ކުރިމަތި ނުވާނެ ގޮތަކަށް ބަލައިގެންނެވެ. އަދި ހުރިހާ މުވައްޒަފުން ވެސް ބައިވެރިވަނީ ވަރަށް ބޮޑު އުއްމީދަކާ އެކު ކަމަށް ޖޯސެފް ވިދާޅުވި އެވެ.
"މިއީ ގިނަ ބަޔަކު އެއްތަން ވެ މަޖާކޮށްލަން ލިބޭ ވަރަށް ރަނގަޅު ފުރުސަތަކަށް ވެގެން ދަނީ. އެ މީހުން ވަރަށް ބޭނުންވޭ މިފަދަ ހަރަކާތްތަކެއް ކުރިއަށް ގެންދަން،" އޭނާ ވިދާޅުވި އެވެ.
ޖޯސެފް ވިދާޅުވީ މި މުބާރާތްތަކަށް މުވައްޒަފުން ދުރާލާ ތައްޔާރުވާ ކަމަށެވެ.
ކަނޑޫމާ ރިސޯޓުގެ މުވައްޒަފަކު ބުނީ މިނީ އޮލިމްޕިކްސްގެ ސަބަބުން މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާވާ ކަމަށެވެ.
"މީގެ ކުރިން ދުވަހަކު ވާހަކަ ނުދެއްކެވޭ މީހުންނާ މިތަނުން ބައްދަލުވެ ވާހަކަ ދެއްކެވޭ. މި ކުޅިވަރުތަކުގައި އުޅެފައި މަސައްކަތަށް ނުކުތުމުން ވަރަށް ބޮޑަށް ސިކުނޑި ތާޒާވޭ،" ކަނޑޫމާގެ ޓާރާންސްޕޯޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރާ މުވައްޒަފަކު ބުންޏެވެ.
ކަނޑޫމާ މިނީ އޮލިމްޕިކްސްގައި ޓީމް އިވެންޓްގެ ގޮތުގައި 11 މުބާރާތަކާއި އިންޑިވިޖުއަލް އިވެންޓްގެ ގޮތުގައި ހަ މުބާރާތް އަދި ފަން ގޭމްސް ހަ މުބާރާތެއް ހިމެނެ އެވެ. މި އިވެންޓް ޝަރަފްވެރިކޮށްދެއްވައި ޓޯޗް ދިއްލައިދިނީ މެރަތަންގެ ގައުމީ ރެކޯޑް ހަދާފައިވާ މަޝްހޫރު ދުވުންތެރިޔާ ޑރ. ހުސެއިން ހަލީމް (ކުޑަ ހުސެއިން) އެވެ.