27 ޖޫން 2016 - 13:13

މެލޭޝިއާ ސުޕަ ލީގުގެ ކެލަންޓަންގެ ޓްރަޔަލްގައި ބައިވެރިވަމުން އައި ގައުމީ ޓީމުގެ މިޑްފީލްޑަރު އަކުރަމް އަބްދުލް ގަނީ އަށް ފުރުސަތު ނުދޭން އެ ކްލަބުން ނިންމައިފި އެވެ.
ކްލަބް ވެލެންސިއާ އިން ރިލީޒް ދިނުމުން މީގެ ދެ ހަފްތާ ކުރިން ފެށިގެން އަކުރަމް އައީ ކެލަންޓަންގެ ޓްރަޔަލްގައި ބައިވެރިވަމުންނެވެ. އަކުރަމް ވަނީ މިދިޔަ ހޮނިހިރު ދުވަހުގެރޭ ކެލަންޓަން ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ވެސް ކުޅެފަ އެވެ. އެ މެޗުން ކެލަންޓަން މޮޅުވީ 2-1 އިންނެވެ.
ނިއު ރޭޑިއަންޓާއި ގައުމީ ޓީމަށް ކުރިން ކޯޗުކޮށްދިން ބަލްގޭރިއާގެ ވެލިޒާ ޕޮޕޯފްގެ ކޯޗުކަމުގައި ކުޅޭ ކެލަންޓަން އިން އަކުރަމަށް ކޮންޓްރެކްޓެއް ނުދޭން ނިންމާފައިވަނީ ޓްރަޔަލްގެ މުއްދަތުގައި އެ ކްލަބުން ބޭނުންވާ ފެންވަރުގެ ކުޅުމެއް އަކުރަމަށް ނުދެއްކުމުންނެވެ.
އަކުރަމް އަކީ 2013 ވަނަ އަހަރު ޕޮޕޯފްގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރި ނިއުގެ ޓީމުގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭގެ ފަހުން އޮމާންގެ ސުރް އެފްސީ އަށް ޕޮޕޯފް ބަދަލުވުމަށް ފަހު އެޓީމަށް އަކުރަމް ގެންދަން ވެސް މަސައްކަތް ކުރި އެވެ.
ކްލަބް ވެލެންސިއާ އިން ވިދާލި އަކުރަމް ވަނީ ނިއު އާއި ވިކްޓަރީ އާއި ވީބީ ސްޕޯޓްސް ކްލަބް އަދި މާޒިޔާ އަށް ވެސް ކުޅެފަ އެވެ. ގައުމީ ޓީމުން ގަވައިދިން ޖާހަ ހޯދަމުން އައި ނަމަވެސް ގައުމީ ޓީމުގެ ކޯޗުކަމާ ރިކީ ހާބަޓް ހަވާލުވި ފަހުން އަކުރަމަށް ޓީމުން ޖާގަ ނުލިބެ އެވެ.