12 އޯގަސްޓް 2017 - 14:25

ވޮޝިންޓަން (އޮގަސްޓް 12) - ޕެސިފިކުގައިވާ އެމެރިކާގެ ޓެރިޓަރީއެއް ކަމަށްވާ ގުއާމަށް ނޯތު ކޮރެއާ އިން ހަމަލާ ދީފި ނަމަ އެ ތަން ދިފާއު ކުރަން އެމެރިކާ ސިފައިން އޮތީ ތައްޔާރަށް ކަމަށް ވައިޓް ހައުސް އިން ބުނެފި އެވެ.
ގުއާމްގެ ގަވަރްނަރު އެޑީ ކަލްވޯ އަށް ފޯނުން ގުޅުއްވާ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްކެވި ވާހަކަފުޅުގައި ވަނީ ގުއާމާއި އެތަނުގެ ރައްޔިތުން ދިފާއު ކުރުމުގައި އެމެރިކާގެ ފުރިހަމަ އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ދެއްވައިފަައި ކަމަށް ވައިޓް ހައުސްގެ ބަޔާނުގައި ބުނެފައިވެ އެވެ. ރައީސް ޓްރަމްޕުގެ ފޯނު ކޯލުގެ ކުރިން ވައިޓް ހައުސްގެ ޗީފް އޮފް ސްޓާފް ޖޯން ކެލީ ވެސް ވަނީ ކަލްވޯ އަށް ގުޅުއްވައިފަ އެވެ.
ނޯތު ކޮރެއާ އިން އެންމެ ފަހުން ޓެސްޓް ކުރި އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް ކަމަށްވާ ހުވަސޮންގް-12 އިން ގުއާމަށް ހަމަލާ ދޭނެ ގޮތުގެ ތަފްސީލް އެ ގައުމުން މިދިޔަ ހަފުތާގައި ވަނީ ހާމަކޮށްފަ އެވެ. ގުއާމަށް ހަތަރު މިސައިލް ފޮނުވާލާނެ ކަމަށާއި މި މިސައިލްތައް ދަތުރު ކުރާނީ ޖަޕާނުގެ މަތިން ކަމަށް ބުނެފައިވެ އެވެ. މި ގޮތަށް ހަމަލާ ދޭނީ އެ ޕްލޭން ނޯތު ކޮރެއާގެ ލީޑަރު ކިމް ޖޮން-އުން ފާސް ކުރުމުން ކަމަށް ވެސް ބުނެފައިވެ އެވެ.
އެމެރިކާގެ އެއްވެސް ހިސާބަކަށް ހަމަލާ ނުދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕާއި ދިފާއީ ވަޒީރު ޖިމް މަޓިސް ވަނީ ނޯތު ކޮރެއާ އަށް މިދިޔަ ހަފުތާގައި އިންޒާރު ދެއްވައިފަ އެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ އަލިފާނަށް ރައްދު ދޭނީ އަލިފާނުން ކަމަށެވެ. މަޓިސް ވިދާޅުވީ އެމެރިކާ އަށް ނުވަތަ އެމެރިކާގެ ބައިވެރިއަކަށް ހަމަލާއެއް ދީފިނަމަ އެއަަށް ވުރެ ރައްދު ވަރުގަދަ ވާނެ ކަމަށެވެ.
އެމެރިކާގެ އަސްކަރީ މަރުކަޒު ގާއިމްކޮށްފައިވާ ގުއާމުގައި 163،000 މީހުން އުޅެ އެވެ. ދެ ވަނަ ބޮޑު ހަނގުރާމައިގައި އެމެރިކާ އިން މުހިންމު މަރުކަޒެއްގެ ގޮތުގައި ބޭނުން ކުރި ގުއާމުގެ ހަތަރު ބައިކުޅަ އެއްބައިގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމްކޮށްފައިވެ އެވެ. އަދި އެ ރަށުގައި އެމެރިކާގެ 6،000 ސިފައިން ތިބެ އެވެ.