12 އޯގަސްޓް 2017 - 14:06

ލާހޯރު (އޮގަސްޓް 12) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުން ދުރުކުރި ނަވާޒް ޝަރީފް ދަތުރު ކުރެއްވި މޮޓޯކޭޑުން ޖެހި 12 އަހަރުގެ ކުޑަ ކުއްޖަކު އިއްޔެ މަރުވި މައްސަލާގައި ސުޕްރީމް ކޯޓަށް ޕެޓިޝަނެއް ހުށަހަޅައިފި އެވެ.
މަހްމޫދު އަޚްތަރު ނަގްވީ ކިޔާ މީހަކު ހުށަހެޅި ޕެޓިޝަނުގައި ބުނެފައި ވަނީ ނަވާޒް ޝަރީފުގެ މޮޓޯކޭޑުން ޖެހި ކުޑަ ކުއްޖާ މަރުވި މައްސަލަ ދަށު ކޯޓަކުން ބެލުމުގެ ބަދަލުގައި ހައި ކޯޓުން ބަލައިދިނުމަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ. އޭނާ ވަނީ ނަވާޒް ޝަރީފް މިހާރު ކުރައްވާ ދަތުރުގައި ދައްކަވާ ވާހަކަތަކުގެ ލިޔުން ހޯދުމަށް ވެސް އެދިފަ އެވެ. ނަގުމީ ތުހުމަތު ކުރި ގޮތުގައި ނަވާޒް ޝަރީފް ދެއްކެވި ވާހަކަތަކުގައި ވަނީ ކޯޓުގެ ހުރުމަތް ކަނޑާލައިފަ އެވެ. އަދި ޕާކިސްތާނުން ފުރުން މަނާ މީހުންގެ ލިސްޓަށް ނަވާޒް ޝަރީފުގެ ނަން ލުމަށް ވެސް ސުޕްރީމް ކޯޓުގައި އޭނާ އެދިފައިވެ އެވެ.
މޮޓޯކޭޑުން ޖެހި ކުއްޖަކު މަރުވީ ނަވާޒް ޝަރީފުގެ އުފަން ޕަންޖާބް ޕްރޮވިންސްގެ ވެރިރަށް ލާހޯރާ 225 ކިލޯ މީޓަރު ދުރުގައި އޮންނަ ލަލާ މޫސާ ކިޔާ ހިސާބެއްގަ އެވެ. މޮޓޯކޭޑުން ޖެހި މަރުވި 12 އަހަރުގެ ހާމިދަކީ ނަވާޒް ޝަރީފަަށް މަރުހަބާ ކިޔުމަށް ލަލާ މޫސާގެ މަގަކަށް ނުކުމެ ހުރި ކުއްޖެކެވެ. ސްޕީޑުގައި ދަތުރުކޮށްފައި ދިޔަ މޮޓޯކޭޑުން ޖެހުމާ އެކު ހާމިދު ވަނީ ވަގުތުން މަރުވެފަ އެވެ.
ބޮޑު ވަޒީރު ކަމުން ދުރުކުރި ފަހުން ނަވާޒް ޝަރީފް ވަނީ ތާއިދު އޮތް މިންވަރު ވަޒަން ކުރުމަށް އިސްލާމްއާބާދުން ލާހޯރަށް އެއްގަމު މަގުން ދަތުރެއް ބުދަ ދުވަހު ފައްޓަވައިފަ އެވެ. ވަޒަން ނާރާ ގޮތަށް ތައްޔާރުކޮށްފައިވާ ވެހިކަލެއްގައި ދަތުރު ކުރައްވާ ނަވާޒް ޝަރީފް ވަނީ ބައެއް ހިސާބުތަކުގައި މަޑުކުރައްވާ އާއްމުންނާ މުޚާތަބް ކުރައްވައިފަ އެވެ.
ނަވާޒް ޝަރީފު މަގާމުން ދުރުކުރުމުން ލާހޯރުން ހުސްވި ޕާލަމެންޓް ގޮނޑިއަށް އަނބިކަނބަލުން ކުލްސޫމް ނަވާޒް ވާދަކުރައްވަން މިހާރު ވަނީ ނިންމައިފަ އެވެ.