12 އޯގަސްޓް 2017 - 14:36

ފޯ ސީޒަންސް ސާފިން ޓްރޮފީގައި މިއަދު ކުރިއަށް ދިޔަ ޓްވިން ފިންސް ބައިން ދުނިޔޭގެ ޗެމްޕިއަން އެމެރިކާގެ ސީޖޭ ހޮގްބުޑް ބަލިކުރުމަށް ފަހު ރާއްޖޭގެ އިސްމާއިލް މިގްލާލް (ކުޑަ އިއްސެ) ސެމީ ފައިނަލުގައި ވާދަކޮށްފި އެވެ.
ކުޑަ އިއްސެ ސެމީން ޖާގަ ހޯދީ މިދިޔަ އަހަރުގެ ޗެމްޕިއަން ތާޖް ބޮރޯ އާއީ ސީޖޭ ހޮގްބުޑާ ވާދަކޮށް ހީޓްގެ ދެ ވަަނަ ހޯދައިގެންނެވެ. އިއްސެ އަތުން ބަލިވި ހޮގްބުޑަކީ 2001 ގެ ދުނިޔޭގެ ޗެމްޕިއަނެވެ. އޭނާގެ މައްޗަށް ކުޑަ އިއްސެ ކުރި ހޯދި ނަމަވެސް ސެމީ ފައިނަލުގައި އެމެރިކާގެ ރޮބް މަޗާޑޯ އަތުން ވަނީ ބަލިވެފަ އެވެ.
މަޗާޑޯ އަކީ އިއްޔެ އޮތް ސިންގަލް ފިންގެ ޗެމްޕިއަނެވެ. ޓްވިން ފިންގެ ފައިނަލުގައި މަޗާޑޯ ބަލިވީ ބޮރޯއާ ވާދަކޮށެވެ.
ކުޑަ އިއްސެ އަކީ ރާއްޖޭގެ އެންމެ ތަޖުރިބާކާރު އެއް ސާފަރެވެ. އޭނާގެ 25 އަހަރުގެ ކެރިއަރުގައި ބައިނަލްއަގްވާމީ އެކި މުބާރާތްތަކުގައި ވަނީ ރާޅާ އަޅައިފަ އެވެ. އަދި ފާހަގަކޮށްލެވޭ ބޮޑެތި މުބާރާތްތަކުގައި ރަނގަޅު ވަނަތަކެއް ވެސް ހޯދި އެވެ. އޭގެ ތެރޭގައި 2014 ގެ އިންޑިއާގެ ކޮވެލޯން ޕޮއިންޓް ކްލާސިކް މުބާރާތާއި 2015 ގައި މެލޭޝިއާގައި އޮތް ޓިއޮމަން ސާފް ފެސްޓިވަލްގެ ކާމިޔާބީ ފާހަގަކޮށްލެވެ އެވެ.
މިއީ ފޯ ސީޒަންސް އިން ދުނިޔޭގެ ޗެމްޕިއަނުންނަށް ދައުވަތު ދީގެން މި މުބާރާތް ބާއްވާ ހަތް ވަނަ އަހަރެވެ. މީގެ ކުރިން މި މުބާރާތުގައި ދިވެހި ސާފަރުންނަށް ފުރުސަތު ނުދިން ނަމަވެސް މިދިޔަ އަހަރުން ފެށިގެން ފޯ ސީޒަންސް އިން ވަނީ ދިވެހި ރާޅާ އެޅުންތެރިންނަށް ވެސް ފުރުސަތު ދޭން ނިންމައިފަ އެވެ.
މިދިޔަ އަހަރުގައި މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ އިބްރާހިމް އަރީފް (އިބޫ) ވަނީ ތުރަސްޓާ ޑިވިޝަންގެ ސެމީ ފައިނަލުގައި ވާދަކޮށްފަ އެވެ. ސެމީ ފައިނަލުން އިބޫ ބަލިވީ މުބާރާތް ކާމިޔާބުކުރި ތާޖް ބޮރޯ އަތުންނެވެ.
މި މުބާރާތް ކުރިއަށްދަނީ ތިން ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ ސިންގަލް ފިން، ޓްވިން ފިންސް އަދި ތުރަސްޓާ އެވެ. މި މުބާރާތުގެ ޗެމްޕިއަނަށް 25،000 ޑޮލަރުގެ އިނާމެއް ލިބެ އެވެ.
މުބާރާތުގެ ސިންގަލް ފިން ކެޓަގަރީ ކާމިޔާބުކުރީ މަޗާޑޯ އެވެ.
މި ފަހަރުގެ މުބާރާތް ކުރިއަށްގެންދަނީ ވޯލްޑް ސާފިން ލީގުގެ އެހީތެރިކަމާ އެކު ކަމަށް ފޯ ސީޒަންސް އިން ބުނެ އެވެ.