12 އޯގަސްޓް 2017 - 13:02

އެމްސްޓެޑަމް (އޮގަސްޓް 12) - އިންސެކްޓިސައިޑް ހިމެނޭ ވިހަ ބިސް ޔޫރަޕުގެ 15 ގައުމާއި ހޮން ކޮންގާއި ސްވިޒަލެންޑުން ވެސް ފެނިފައިވާ ކަމަށް ޔޫރަޕިއަން ކޮމިޝަނުން ބުނެފި އެވެ.

އިންސެކްޓިސައިޑެއް ކަމަށްވާ ފިޕްރޮނިލް ހުރި ބިސް ޔޫރަޕުގެ ބައެއް ގައުމުތަކުން ފެންނަ މައްސަލަ މިހާރު ވަނީ ބޮޑުވެފަ އެވެ. ޑެންމާކުން ވަނީ ފިޕްރޮނިލް ހިމެނޭ 20 ޓަނުގެ ބިސް ވިއްކާފައިވާ ކަމަށް ބުނެފަ އެވެ. ފިޕްރޮނިލް ހުރި ބިސް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ނެދަލޭންޑްސް، ބެލްޖިއަމް، ރުމޭނިއާ އަދި ޖަރުމަން ހިމެނެ އެވެ. ބެލްޖިއަމުން ވަނީ ބިހުގެ 6،000 ލިޓަރު އަދި ރުމޭނިއާ އިން ވަނީ އެއް ޓަނުގެ ބިހުގެ ދިޔާ ގޮބޮޅި ހިފަހައްޓައިފަ އެވެ. އިނގިރޭސި ވިލާތުގެ ފުޑް ސްޓޭންޑަޑްސް އެޖެންސީން ބުނީ ބިހުގައި ފިޕްރޮނިލްގެ އަސަރު ކުރި ކަމަށް ބުނި ނެދަލޭންޑްސްގެ ކުންފުނިން އެ ގައުމަށް 700،000 ބިސް އެތެރެކޮށްފައިވާ ކަމަށެވެ. ނަމަވެސް އާއްމު ސިއްހަތަށް ނުރައްކަލެއް އޮތް ކަމަށް ނުބެލެވޭ ކަމަށް ވަނީ ބުނެފަ އެވެ.
ވިހަ ހުރި ބިސް ފެނުމާ ގުޅިގެން މިނިސްޓަރުންނާއި ރެގިއުލޭޓަރުންގެ ބައްދަލުވުމެއް ސެޕްޓެމްބަރު 26 ގައި ބޭއްވުމަށް ޔޫރަޕިއަން ކޮމިޝަނުން ވަނީ ނިންމައިފަ އެވެ. އީޔޫގެ ގައުމުތަކުން މިހާރު ވަނީ ވިހަ ބިސް ފެނުނު މައްސަލާގައި އެއް ގައުމުން އަނެއް ގައުމު ބަދުނާމު ނުކުރުމަށް އެދިފަ އެވެ.
ފިޕްރޮނިލް އެންމެ ބޮޑަށް ފެނިފައި ވަނީ ނެދަލޭންޑްސް އިން ގައުމުތަކަށް ފޮނުވި ބިހުގަ އެވެ. ޖަނަވާރުންގެ ހަށިގަނޑުގައި އުޅޭ އުކުނު ފަދަ ސޫފިތައް މަރަން ޖަހާ ފިޕްރޮނިލްގެ ކުޑަ މިންވަރަކީ އިންސާނުންގެ ސިއްހަތަށް ގެއްލުމެއްވާ އެއްޗެއް ނޫން ކަމަށް ބައެއް ގައުމުތަކުން ބުނި ނަމަވެސް ކާބޯތަކެތީގެ އިންޑަސްޓްރީގައި މި މައްދާ ބޭނުން ކުރުން ޔޫރަޕުން ވަނީ މަނާކޮށްފަ އެވެ. ބެލެވޭ ގޮތުގައި ފިޕްރޮނިލް ބޭނުންކޮށްފައި ވަނީ ކުކުޅު ކޮށިތަކުން ކޮންމެވެސް ސޫތްޕެއް މެރުމަށެވެ. އަދި އޭގެ އަސަރު މިވަނީ ބިހަށް ކޮށްފަ އެވެ.
ފިޕްރޮނިލް އަކީ ގިނަ އަދަދަށް ބޭނުންކޮށްފި ނަމަ އިންސާނުންގެ ކިޑްނީ އާއި ލިވަ އަދި ތައިރޮއިޑް ގްލޭންޑް ހަލާކުވާ ފަދަ މާއްދާ އެކެވެ.
ފިޕްރޮނިލްގެ އަސަރު ފެނުމާ ގުޅިގެން ނެދަލޭންޑްސް، ބެލްޖިއަމް، ޖަރުމަން އަދި ފްރާންސް ފަދަ ގައުމުތަކުގައި ކުކުޅު ކޮށިތައް ވަނީ ބަންދުކޮށްފަ އެވެ. އީޔޫ އިން ފިޕްރޮނިލް ފެނުނު ގައުމުތަކަކީ އިނގިރޭސި ވިލާތް، ސްވިޑަން، އޮސްޓްރިއާ، އަޔަލެންޑް، އިޓަލީ، ލަގްޒަމްބޯގް، ޕޮލެންޑް، ރުމޭނިއާ، ސްލޮވީނިއާ، ސްލޮވާކިއާ އަދި ޑެންމާކެވެ. އީޔޫ ނޫން ގައުމުތަކުގެ ތެރޭން ސްވިޒަލެންޑާއި ހޮން ކޮންގުން ވެސް ފިޕްރޮނިލްގެ އަސަރު ހުރި ބިސް ވަނީ ފެނިފަ އެވެ. މިއީ ޔޫރަޕުން ބޭރުން ފިޕްރޮނިލް ފެނުނު ފުރަތަމަ ފަހަރެވެ.
ނެދަލޭންޑްސް އަކީ ޔޫރަޕުގައި އެންމެ ފުޅާ ދާއިރާއެއްގައި ބިސް އުފައްދާ ގައުމެވެ. އަދި އެއީ މުޅި ދުނިޔެ އަށް ބެލި ނަމަވެސް އެންމެ ގިނައިން ބިސް އެކްސްޕޯޓް ކުރާ ގައުމެވެ.