12 އޯގަސްޓް 2017 - 10:27

ސަރުކާރާ ދެކޮޅަށް އިދިކޮޅު ޕާޓީތަކުން ރޭ ބޭއްވި އެއްވުމުގައި އެމްޑީޕީގެ އެކްޓިވިސްޓު، ނައީމާ މުހައްމަދު (ނައީމާއްތަ) ހައްޔަރުކޮށްފި އެވެ.
އުމުރުން 58 އަހަރަށް ވުރެ މަތިވެފައިވާ ނައީމާއްތަ ހައްޔަރުކުރީ، އެމްޑީޕީ ހަރުގެ ސަރަހައްދުންނެވެ. ފުލުހުން ބުނާ ގޮތުގައި އޭނާ ހައްޔަރުކުރީ އެ ސަރަހައްދުގައި އަމަލް ބަލަހައްޓަން އުޅުނު ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެންނެވެ. އަދި ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުން ވެސް އޭނާ ހައްޔަރުކުރި ސަބަބުތަކުގެ ތެރޭގައި ހިމެނެ އެވެ.
ނައީމާއްތަ ހައްޔަރުކޮށް، ވެހިކަލަކަށް އަރުވައި އެސްއޯ ފުލުހުން ވަށާލައިގެން ތިބި ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށް، ފުލުހުންނަށް ވަރަށް ބޮޑަށް ދަނީ ފާޑުކިޔަމުންނެވެ. ނައީމާއްތަ ވެސް ހައްޔަރުކުރީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެގެންތޯ ބައެއް މީހުން ސުވާލު އުފައްދާފައިވެ އެވެ.
ނައީމާއްތަ ހައްޔަރުނުކޮށް، ފުލުހުންނަށް އެއްވުން ކޮންޓްރޯލް ކުރަން ނޭނގެނީތޯ ވެސް ބައެއް މީހުން އަހަ އެވެ.
އެމްޑީޕީގެ ވެރިކަން ބަދަލުވި ފަހުން އެ ޕާޓީން ބާއްވާ މުޒާހަރާތަކާއި އެއްވުންތަކުގެ އެންމެ އިސް ސަފުގައި ނައީމާއްތަ ބައިވެރިވެ އެވެ. މީގެ ކުރިން ވެސް އެއްވުމެއްގެ ތެރެއިން ނައީމާއްތަ ހައްޔަރުކުރި އެވެ.