11 އޯގަސްޓް 2017 - 22:21

ލާހޯރު (އޮގަސްޓް 11) - ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުން ދުރުކުރި ނަވާޒް ޝަރީފް ދަތުރު ކުރެއްވި މޮޓޯކޭޑުން ޖެހި 12 އަހަރުގެ ކުޑަ ކުއްޖަކު މިއަދު މަރުވެއްޖެ އެވެ.

މި ހާދިސާ ހިނގާފައި ވަނީ ނަވާޒް ޝަރީފުގެ އުފަން ޕަންޖާބް ޕްރޮވިންސްގެ ވެރިރަށް ލާހޯރާ 225 ކިލޯ މީޓަރު ދުރުގައި އޮންނަ ލަލާ މޫސާ ކިޔާ ހިސާބެއްގަ އެވެ. މޮޓޯކޭޑުން ޖެހި މަރުވި 12 އަހަރުގެ ހާމިދަކީ ނަވާޒް ޝަރީފަަށް މަރުހަބާ ކިޔުމަށް ލަލާ މޫސާގެ މަގަކަށް ނުކުމެ ހުރި ކުއްޖެކެވެ. ސްޕީޑުގައި ދަތުރުކޮށްފައި ދިޔަ މޮޓޯކޭޑުން ޖެހުމާ އެކު ހާމިދު ވަނީ ވަގުތުން މަރުވެފަ އެވެ.
ހާމިދު މަރުވެފައިވާ އޮތް މަންޒަރު ފެނުމާ އެކު އެ ކުއްޖާގެ ބައްޕަ ވަނީ އަނބުރައިގަނެގެން ވެއްޓިފަ އެވެ. ކައިރީގައިވާ ހޮސްޕިޓަލަކަށް ގެންގޮސް ފަރުވާ ދޭން ފެށި ނަމަވެސް ކުއްޖާގެ ބައްޕަ އަށް ވަނީ ހާޓް އެޓޭކެއް ޖެހިފަ އެވެ.
ޕާކިސްތާނުގެ ރޭލްވޭ މިނިސްޓަރު ޚަވާޖާ ސާދު ރާފިގު ވިދާޅުވީ ކުޑަ ކުއްޖާ މަރުވުމަކީ ލިބުނު ވަރަށް ބޮޑު ހިތާމައެއް ކަމަށާއި އެކަމަކު އެ ކުއްޖާ އަކީ "މި ހަރަކާތުގެ ފުރަތަމަ ޝަހީދު" ކަމަށެވެ.
ނަވާޒް ޝަރީފުގެ ދަރިކަނބަލުން މަރިޔަމް ނަވާޒް ވެސް ވަނީ ޓްވިޓާ މެދުވެރިކޮށް ހިތާމަ ފާޅު ކުރައްވައިފަ އެވެ. އެކަމަނާ ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޕާޓީގެ އޮފިޝަލުން އެ ކުއްޖާގެ އާއިލާއާ ބައްދަލު ކުރުމަށް އަންގާފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަވާޒް ޝަރީފުގެ މުސްލިމް ލީގު ޕާޓީގެ ލީޑަރުން ވަނީ އެ ކުއްޖާގެ ގެއަށް ޒިޔާރަތް ކުރާނެ ކަމަށް ބުނެފަ އެވެ.
ބޮޑު ވަޒީރު ކަމުން ދުރުކުރި ފަހުން ނަވާޒް ޝަރީފް ވަނީ ތާއިދު އޮތް މިންވަރު ވަޒަން ކުރުމަށް އިސްލާމްއާބާދުން ލާހޯރަށް އެއްގަމު މަގުން ދަތުރެއް ބުދަ ދުވަހު ފައްޓަވައިފަ އެވެ. ވަޒަން ނާރާ ގޮތަށް ތައްޔާރުކޮށްފައިވާ ވެހިކަލެއްގައި ދަތުރު ކުރައްވާ ނަވާޒް ޝަރީފް ވަނީ ބައެއް ހިސާބުތަކުގައި މަޑުކުރައްވާ އާއްމުންނާ މުޚާތަބް ކުރައްވައިފަ އެވެ.
ނަވާޒް ޝަރީފު މަގާމުން ދުރުކުރުމުން ލާހޯރުން ހުސްވި ޕާލަމެންޓް ގޮނޑިއަށް އަނބިކަނބަލުން ކުލްސޫމް ނަވާޒް ވާދަކުރައްވަން މިހާރު ވަނީ ނިންމައިފަ އެވެ.