12 އޯގަސްޓް 2017 - 08:46

ޖަލު ހުކުމް ތަންފީޒު ކުރުމަށް ފަހު، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ސަންޖޭ ދަތު އެނބުރި ބޮލީވުޑަށް އައިސް ކުޅުނު ފުރަތަމަ ފިލްމް "ބޫމީ" ގެ ޓްރެއިލާ ދައްކާލައިފި އެވެ.
ޓްރެއިލާ ލޯންޗްކޮށް ދިނީ ސަންޖޭގެ "މުންނާބާއީ" ސީރީޒްގެ ޕްރޮޑިއުސަރު ވިންދޫ ވިނޯދް ޗޯޕްޅާ އެވެ. އެ ހަފުލާގައި އެ ސީރީޒްގެ އިތުރުން ސަންޖޭ ކުޑަކުޑަ ރޯލެއް ކުޅުނު ފިލްމް "ޕީކޭ" ގެ ޑައިރެކްޓަރު ރާޖްކުމާރް ހިރާނީ ވެސް ބައިވެރި އެވެ. އާމިރް ހާން އޭލިއަނެއްގެ ރޯލް ކުޅުނު "ޕީކޭ" އަކީ ސަންޖޭ އެންމެ ފަހުން ސްކްރީނުން ފެނުނު ފިލްމެވެ.
ލޯންޗިން ހަފުލާގައި ރަންބީރު ކަޕޫރް ވެސް ބައިވެރި އެވެ. އޭނާއަކީ ހިރާނީ ސަންޖޭގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ބައޮޕިކްގައި ސަންޖޭގެ ރޯލް ކުޅޭ އެކްޓަރެވެ.
"ބޫމީ" އަކީ ސަރަބްޖީތު (2016) އާއި މޭރީ ކޮމް (2015) ގެ ޑައިރެކްޓަރު އޮމަންގް ކުމާރު ޑައިރެކްޓްކޮށްފައިވާ ރިވެންޖް ޑްރާމާއެކެވެ. މީގައި ކިޔައި ދެނީ ބައްޕައަކާއި އަންހެން ދަރިއެއްގެ ވާހަކަ އެވެ.
ފިލްމުގައި ބައްޕަގެ ރޯލް ސަންޖޭ ކުޅެފައިވާ އިރު، އޭނާގެ ދަރިފުޅުގެ ރޯލް ކުޅެފައި ވަނީ އަދިތީ ރާއޯ ހައިދަރީ އެވެ.
ސަންޖޭ އެނބުރި ބޮޑު ސްކްރީނަށް އަންނަ ފިލްމަށް އެތައް ބަޔަކު އިންތިޒާރު ކުރަމުން އަންނަ އިރު، "ބޫމީ" ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 22 ގަ އެވެ.
މި ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ސިދާންތު ގުޕްތާ، ޝޭކަރު ސުމަން އަދި ޝަރަދް ކެލްކަރް ހިމެނެ އެވެ.