12 އޯގަސްޓް 2017 - 08:47

ޕަރިނީތީ ޗޯޕްޅާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމް "މޭރީ ޕިޔާރީ ބިންދޫ" އަށް ލަވައެއް ކިޔައިދީގެން ވަނީ ލަވަ ކިޔުމުގެ ހުނަރު ދައްކާލައިފަ އެވެ.
އޭނާ ކިޔާފައިވާ "މާނަ ކެ ހަމް ޔާރް ނެހީ" އަކީ އާންނުންނަށް ވެސް ވަރަށް ކަމުދިޔަ އެވެ. ޕަރިނީތީ އަށް ލަވައެއް ރެކޯޑްކުރެވިފައި ވަނީ އެކަމަށް އޭނާ ބޭނުންވެފައި ހުންނަތާ ވެސް އެތައް ދުވަހެއް ފަހުންނެވެ.
ލަވަ ކިޔަން ބޭނުންވާ ވާހަކަ އޭނާ ވަރަށް ގިނައިން އިންޓަވިއުތަކުގައި ބުނެ އެވެ. އެ ހުނަރު ދައްކާ ވެސް ލަ އެވެ. "މޭރީ ޕިޔާރީ ބިންދޫ" އަށް ރެކޯޑް ކުރި ލަވަ އަށް ފަހު، ޕަރިނީތީ މިހާރު އަންނަނީ އިތުރު ލަވައެއް ރެކޯޑް ކުރަން ތައްޔާރުވަމުންނެވެ. އެކަމަކު އެއީ ފިލްމަކަށް ނޫނެވެ.
"އެބަ ތައްޔާރު ވަން ދެވަނަ ރެކޯޑިންއަކަށް. ކުރީގެ ލަވައަށް ވުރެ ދެން ގެނެސްދޭ ލަވަ މާ ރީތިވެފައި ފުރިހަމަ ވާނެ،" ރޯހިތު ޝެޓީގެ "ގޯލްމާން އެގެއިން" ގެ މަސައްކަތް މިހާރު ކުރަމުން އަންނަ ބަތަލާ ބުންޏެވެ. "ފުރަތަމަ ލަވަ ވެސް އާންމުންނަށް ވަރަށް ކަމުދިޔަ. އެހެންވެ ވަރަށް އުފާވެފައި މި ހުންނަނީ."
ދެހާސް އެގާރަ ވަނަ އަހަރު "ލޭޑީޒް ވާސަސް ރިކީ ބަލް" އިން ބޮލީވުޑަށް ނިކުތް ޕަރިނީތީ ބުނީ ރެކޯޑް ކުރާ ދެވަނަ ލަވަ ވަރަށް އަވަހަށް އާންމުންނަށް ދޫކޮށްލާނެ ކަމަށެވެ. އޭނާ ބުނީ "ގޯލްމާލް އެގެއިން" ގެ ލަވައެއް ކިޔަން ބޭނުންވެގެން ރޯހިތު ކައިރީ ވެސް އާދޭސް ކުރި ކަމަށެވެ.
އެކަމަކު އެ ފިލްމުން އެ ފުރުސަތު ފަހިވާ ގޮތެއް ނުވި އެވެ. އޭނާގެ ކުރިއަށް ދެ ފިލްމުން ފަހަރުގައި އެ ފުރަސަތު ވެސް ލިބި ވެސް ދާނެ އެވެ. އެއީ އަރުޖުން ކަޕޫރާ އެކު އެކު ކުޅޭ "ނަމަސްޓޭ ކެނެޑާ" އާއި "ސަންދީޕް އޯރް ޕިންކީ ފަރާރް" އެވެ.
ޕަރިނީތީ ދެވަނަ ލަވައެއް ރިލީޒް ކުރުމުގެ ތައްޔާރީތައްވަމުން އަންނަ އިރު، އޭނާގެ ދެބޭންގެ ދެދަރި ދައްތަ އަދި މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ވެސް އަންނަނީ އާ އިނގިރޭސި ސިންގަލްއެއް ރިލީޒް ކުރަން ތައްޔާރުވަމުންނެވެ. އެއީ އޮސްޓްރޭލިއާގެ ޑީޖޭ ވިލް ސްޕާކްސް ފީޓްކޮށްފައިވާ "ޔަންގް އެންޑް ފްރީ" އެވެ.
ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން އާލިއާ ބަޓް އާއި ޝްރަދާ ކަޕޫރަކީ ވެސް ކުޅަދާނަ ލަވަ ކިޔުންތެރިންނެވެ.