ވިހަ ހުރި 20 ޓަނުގެ ބިސް ޑެންމާކުން ވިއްކައިފި
ވިހަ ހުރި 20 ޓަނުގެ ބިސް ޑެންމާކުން ވިއްކައިފި

ކޯޕެންހޭގަން (އޮގަސްޓް 11) - އިންސެކްޓިސައިޑް ހިމެނޭ 20 ޓަނުގެ ބިސް ޑެންމާކުން ވިއްކާފައިވާ ކަމަށް އެ ގައުމުގެ ފުޑް ސޭފްޓީ އެޖެންސީން ބުނެފި އެވެ.

ކައްކާފައިވާ ބިހާއި ތޮށި ފިލުވާފައިވާ ބިސް ވަނީ ކެފޭތަކާއި ރެސްޓޯރެންޓް އަދި ކޭޓަރިން ކުންފުނިތަކަށް ގިނަ އަދަދަކަށް ވިއްކާފައި ކަމަށް ޑެނިސް ވެޓެރިނަރީ އެންޑް އެޑްމިނިސްޓްރޭޝަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޔޫރަޕުގެ ބައެއް ގައުމުތަކުގައި ވިއްކާ ބިހުން ދަނީ ފިޕްރޮނިލް ކިޔާ އިންސެކްޓިސައިޑެއްގެ އަސަރު ފެންނަމުންނެވެ. ޑެންމާކަކީ ބިހުން ޕެސްޓިސައިޑް ފެނުނު 10 ވަނަ ގައުމެވެ. ފިޕްރޮނިލް ހުރި ބިސް ފެނިފައިވާ ގައުމުތަކުގެ ތެރޭގައި ނެދަލޭންޑްސް، ބެލްޖިއަމް، ރުމޭނިއާ އަދި ޖަރުމަން ހިމެނެ އެވެ. ބެލްޖިއަމުން ވަނީ ބިހުގެ 6،000 ލިޓަރު އަދި ރުމޭނިއާ އިން ވަނީ އެއް ޓަނުގެ ބިހުގެ ދިޔާ ގޮބޮޅި ހިފަހައްޓައިފަ އެވެ.

ޑެންމާކުގެ ފުޑް އެޑްމިނިސްޓްރޭޝަނުން ބުނީ ބިހުން ފިޕްރޮނިލްގެ އަސަރު ފެނުނު ނަމަވެސް ކުޑަ މިންވަރެއް ބޭނުންކޮށްގެން އިންސާނުންގެ ސިއްހަތަށް ނުރައްކަލެއް ނުވާނެ ކަމަށެވެ. އެކަމަކު ކާބޯތަކެތީގެ އިންޑަސްޓްރީގައި ފިޕްރޮނިލް ބޭނުން ކުރުން ޔޫރަޕުގެ ގާނޫނުތަކުން ވަނީ މަނާކޮށްފަ އެވެ.

އިނގިރޭސި ވިލާތުގެ ފުޑް ސްޓޭންޑަޑްސް އެޖެންސީން ބުނީ ބިހުގައި ފިޕްރޮނިލްގެ އަސަރު ކުރި ކަމަށް ބުނި ނެދަލޭންޑްސްގެ ކުންފުނިން އެ ގައުމަށް 700،000 ބިސް އެތެރެކޮށްފައިވާ ކަމަށެވެ. ނަމަވެސް އާއްމު ސިއްހަތަށް ނުރައްކަލެއް އޮތް ކަމަށް ނުބެލެވޭ ކަމަށް ވަނީ ބުނެފަ އެވެ.

ނެދަލޭންޑްސް އަކީ ޔޫރަޕުގައި އެންމެ ފުޅާ ދާއިރާއެއްގައި ބިސް އުފައްދާ ގައުމެވެ. އަދި އެއީ މުޅި ދުނިޔެ އަށް ބެލި ނަމަވެސް އެންމެ ގިނައިން ބިސް އެކްސްޕޯޓް ކުރާ ގައުމެވެ. އިތުރު ޓެސްޓްތައް ކުރުމަށްޓަކައި ނެދަލޭންޑްސްގެ 180 ކުންފުންޏެއް މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.