މޮރީނިއޯއާ އެކު މި ފަހަރު ޔުނައިޓެޑް ފެއިލެއް ނުވާނެ: ކްރެސްޕޯ
މޮރީނިއޯއާ އެކު މި ފަހަރު ޔުނައިޓެޑް ފެއިލެއް ނުވާނެ: ކްރެސްޕޯ

ލަންޑަން (އޮގަސްޓް 11) – އިނގިރޭސި ޕްރިމިއާ ލީގު މި ފަހަރު ކާމިޔާބުކުރާނީ މެންޗެސްޓާ ޔުނައިޓެޑް ކަމަށް ޗެލްސީ އާއި އާޖެންޓީނާގެ ކުރީގެ ފޯވާޑް ހެނާން ކްރެސްޕޯ ލަފާކޮށްފި އެވެ.

އާ ސީޒަނުގެ ޕްރިމިއާ ލީގު މިރޭ ފަށާއިރު ކްރެސްޕޯގެ ކުރީގެ ޓީމު ޗެލްސީ ނުކުންނަނީ ތަށި ދިފާއުކުރާށެވެ. އެކަމަކު އޭނާ ގަބޫލުކުރާ ގޮތުގައި މި ފަހަރު ފުރުސަތު ބޮޑީ ހޯސޭ މޮރީނިއޯގެ ޔުނައިޓެޑަށެވެ. ޔުނައިޓެޑް ވަނީ ވިކްޓަ ލިންދެލޯފާއި ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ނިމަންޔާ މަޓިޗާއި ފޯވާޑް ލުކާކޫ ގެނެސް ވަރުގަދަކޮށްފަ އެވެ.

"އަހަރެން ދެކޭ ގޮތުގައި މެންޗެސްޓާ ޔުނައިޓެޑުން ޕްރިމިއާ ލީގު ކާމިޔާބުކުރާނީ ސަބަބަކީ ޓީމަކާ އެކު ނުކުމެ ދެ ވަނަ ސީޒަނެއްގައި މޮރީނިއޯ ފެއިލްވެފައިނުވާތީ،" މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ޗެލްސީއާ އެކު 2006 ގައި ޕްރިމިއާ ލީގު ކާމިޔާބުކުރި ކްރެސްޕޯ ބުންޏެވެ.

"މޮރީނިއޯ އަކީ ދުނިޔޭގެ އެންމެ މޮޅު އެއް ކޯޗު. އޭނާ ވަޒީފާ އަދާކުރި ކޮންމެ ތަނެއްގައި ތާރީހުން ޖާގަ ހޯދި. ޕޯޓޯ އާއި އިންޓައާ އެކު ވެސް މެ. މި ފަހަރު އޭނާ އަށް މެންޗެސްޓާ ޔުނައިޓެޑާ އެކު އެކަން ހާސިލްވާނެ."

ކްރެސްޕޯ ބުނީ ނޫސްވެރިންނާ ކުރިމަތިލާ މޮރީނިއޯ އާއި ޗޭންޖިން ރޫމުން ފެންނަ މޮރީނިއޯ ވަރަށް ތަފާތު ކަމަށެވެ. އަދި ޗޭންޖިން ރޫމުން ފެންނަ މޮރީނިއޯ ވަރަށް އެކުވެރި ކަމަށާއި އޭނާ ގަޔާވަނީ އެ މޮރީނިއޯއާ ކަމަށް ކްރެސްޕޯ ބުންޏެވެ.

"ވަރަށް އުނދަގޫ ކިޔައިދޭން. އެކަމަކު މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ކުޅޭއިރު އިހުސާސް ކުރެވޭ ތިއީ ދުނިޔޭގެ އެންމެ މޮޅު ފޯވާޑް ކަމަށް،" ޕާމާ، ލާޒިއޯ، އިންޓަ އަދި މިލާނަށް ކުޅެފައިވާ ކްރެސްޕޯ ބުންޏެވެ. "އޭނާގެ ޓްރެއިނިން މެތަޑްތަކާއި އޭނާ ކުޅުންތެރިން މޯޓިވޭޓްކުރާ ގޮތް އަދި އޭނާގެ ކިބައިގައި މިކަމަށް ހުންނަ ލޯބި، އެއީ ވަރަށް ފުރިހަމަ ކަންތައްތަކެއް."

ކްރެސްޕޯ ބުނީ އޭނާގެ ނަޒަރުގައި ގަދަ ހަތަރެއްގައި ހިމެނޭނީ މެންޗެސްޓާ ޔުނައިޓެޑާއި މެންޗެސްޓާ ސިޓީ އާއި ޗެލްސީ އަދި އާސެނަލް ކަމަށެވެ. އަދި އެންޓޯނިއޯ ކޮންޓޭ އާއި ޕެޕް ގާޑިއޯލާ އާއި ޔާގެން ކްލޮޕް އަދި މޮރީނިއޯއާ އެކު ޕްރިމިއާ ލީގުގެ ފެންވަރު ރަނގަޅުވެއްޖެ ކަމަށް އޭނާ ބުންޏެވެ.

"މައުރީސިއޯ ޕޮޗެޓީނޯ ވަރަށް ބުރަކޮށް މަސައްކަތްކޮށްފި ޓޮޓެންހަމް ހޮޓްސްޕާސް އެހެން ލެވެލަކަށް ގެންދިއުމަށް. އެކަމަކު އަދިވެސް ކޮންމެވެސް ކަމެއް އެބަ މަދުވޭ،" ޕޮޗެޓީނޯއާ އެކު އާޖެންޓީނާ ގައުމީ ޓީމަށް ކުޅެފައިވާ ކްރެސްޕޯ ބުންޏެވެ.

ކްރެސްޕޯ ބުނީ ޕްރިމިއާ ލީގުގެ އެންމެ މޮޅު ފޯވާޑަކީ ޓޮޓެންހަމްގެ ހެރީ ކޭން ކަމަށާއި އެކަމަކު ޔުނައިޓެޑަށް ބަދަލުވި ބެލްޖިއަމް ފޯވާޑް ލުކާކޫ އަކީ މި ފަހަރުގެ އެންމެ ވަރުގަދަ ޓްރާންސްފާ ކަމަށެވެ.

"އޭނާގެ ކިބައިގައި ޕްރިމިއާ ލީގުގެ ތަޖުރިބާ އެބަހުރި. އޭނާ އެވަޓަންގައި ވަރަށް ގިނަ ގޯލް ޖެހި. މިހާރު އޭނާ ބޭނުންވާނެ އޭނާގެ ނަފުސަށާއި އެހެން މީހުންނަށް ވެސް ސާބިތުކޮށްދޭން މެންޗެސްޓާ ޔުނައިޓެޑް ފަދަ ބޮޑު ކްލަބެއްގައި ވެސް އޭނާ އަށް މޮޅަށް ކުޅެވޭނެކަން، ހާއްސަކޮށް ޗެލްސީގައި ފެއިލްވެފައިވާތީ،" ކްރެސްޕޯ ބުންޏެވެ.

ކްރެސްޕޯ ބުނީ އޭނާ އަކީ ޕްރިމިއާ ލީގު ކޯޗަކަށް ވެފައި އަދި ލުކާކޫ އާއި ޗެލްސީ އަށް ބަދަލުވި އަލްވާރޯ މޮރާޓާ އަދި އާސެނަލަށް ބަދަލުވި އަލެކްސެންޑާ ލަކަޒެޓޭގެ ތެރެއިން ފޯވާޑެއް ނަގަން ޖެހިއްޖެ ނަމަ ނަގާނީ ލުކާކޫ ކަމަށެވެ.