ކުޅުންތެރިން ނުގަނެވޭތީ ބާސެލޯނާގެ ރައީސަށް ފާޑުކިއުން
ކުޅުންތެރިން ނުގަނެވޭތީ ބާސެލޯނާގެ ރައީސަށް ފާޑުކިއުން

ބާސެލޯނާ (އޮގަސްޓް 11) - މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި ބާސެލޯނާ އަށް ކުޅުންތެރިން ނުގަނަވޭތީ އެ ޓީމުގެ ރައީސް ޖޯސެފް ބާޓޮމެއު އަށް ގިނަ ބައެއްގެ ފާޑުކިއުން އަމާޒުވެއްޖެ އެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ބާސެލޯނާގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ ނޭމާ ވަނީ ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވެފަ އެވެ. ބާސެލޯނާއާ އަލަށް މިހާތަނަށް ގުޅުނީ އެ ޓީމަށް ކުރިން ކުޅުނު ޖެރާޑް ޑެލޮފޭއު އަދި ބްރެޒިލްގެ ކަނާތު ބެކް ނެލްސަން ސެމޭޑޯ އެވެ.

ބާސެލޯނާ އިން މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެންނަން ބޭނުންވި ކުޅުންތެރިންނަކީ ޕީއެސްޖީގެ މާކޯ ވެރާޓީ، ލިވަޕޫލްގެ ފިލިއްޕޭ ކުޓީނިއޯ، ރެއާލް ސޮސެއިޑާޑްގެ އިނީގޯ މާޓިނޭޒް އަދި ބޮރޫޝިއާ ޑޯޓްމަންޑްގެ އޮސްމާނޭ ޑެމްބެލޭ އެވެ.

މީގެ ތެރެއިން ވެރާޓީ އާއި ކުޓީނިއޯ ނުވިއްކާނެކަން ޔަގީންވެފައިވާއިރު މާޓިނޭޒާއި ޑެމްބެލޭ ގަންނަން ކުރާ މަސައްކަތުގައި ބާސެލޯނާ އަށް ކުރިއެރުމެއް ލިބިފައިނުވަނީ އެ ކުޅުންތެރިން ވިއްކަން ކްލަބްތަކުން ކިޔާ އަގު ބޮޑުުވުމުންނެވެ.

ރިޕޯޓްތައް ބުނާގޮތުގައި އާ ސީޒަން ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ބާސެލޯނާ ވަރުގަދަ ކުރުމަށް ކުރަން ޖެހޭ މަސައްކަތުގައި އެ ޓީމުގެ ރައީސް ބާޓޮމެއު ނުުކުޅެދިފައިވާ ކަމަށް ބުނެ ސްޕެއިނުގެ މީޑިއާ އާއި ބާސެލޯނާގެ ކުރީގެ ތަރިން އަންނަނީ ފާޑުކިޔަމުންނެވެ.

ދާދި ފަހުން ބާސެލޯނާގެ ކުރީގެ ރައީސް ޔޮއާން ލަޕޯޓާ ވެސް ވަނީ ބާޓޮމެއު އަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. އަދި ބާޓޮމެއުގެ ވިސްނުން ހުރީ ކްލަބަށް ވުރެން އަމިއްލަ ވިޔަފާރި ފުޅާ ކުރުމަށް ކަމަށް ބުނެ ވަނީ ތުހުމަތު ކޮށްފަ އެވެ.

ބާސެލޯނާގެ ބޯޑު މެމްބަރުންނާ ހަވާލާދީ ސްޕެއިނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ޓީމުން ބޭނުންވާ ކުޅުންތެރިން ހޯދުމަށް ކުރަމުން އަންނަ މަސައްކަތް ކާމިޔާބު ނުވެއްޖެނަމަ ބާޓޮމެއު މަގާމުގައި ބެހެއްޓުމާ މެދު ދެ ވަނަ ވިސްނުމަކަށްދާން ޖެހޭނެ ކަމަށެވެ.