10 އޯގަސްޓް 2017 - 23:04

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ގޯނާކުރުން ހުއްޓާލުމަށް ގޮވާލައި" އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި އެއްވުމުގެ ތެރެއިން ބަޔަކު ހައްޔަރުކޮށްފި އެވެ.

މަޖީދީމަގުގައި، އިވްނިންގްލޯރީ ކަންމަތީ ބޭއްވި އެއްވުމުގައި ބައިވެރިވި މީހުންގެ ތެރެއިން އަށް މީހަކު ހައްޔަރުކުރި އެވެ. ހައްޔަރުކުރި މީހުންގެ ތެރޭގައި މާލޭ ސިޓީ ކައުންސިލްގެ މެންބަރު އަޒްރާ މޫސާ ހިމެނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް އެކި ތުހުމަތުތައް ކޮށް ތަހުގީގު ހިންގާތީ އެކަމާ ދެކޮޅަށް އަޑު އުފުލުމަށް ބޭއްވި އެއްވުމުގެ ތެރެއިން ބަޔަކު ހައްޔަރި ފަހުން އެމްޑީޕީ ހަރުގެ ކުރިމައްޗަށް މީހުން ޖަމާވެ އެތަނުގައި ވެސް ގެންދަނީ އަޑު އުފުލަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގެ މަގާމުން އަބްދުﷲ މަސީހް ވަކިކުރަން، ސަރުކާރާ ދެކޮޅު ފަރާތްތަކުން މަސައްކަތް ފެށުމާ އެކު އެކި ހުރަސްތައް ކުރިމަތިކުރަމުން ގޮސް، މަސީހާ ދެކޮޅަށް ހުށަހެޅި މައްސަލަ ބާތިލްކޮށް މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައި ވަނިކޮށް، މަޖިލީހުގެ އިދާރާއަށް ގަދަކަމުން ވަން ކަމަށް ބުނެ ގިނަ އަދަދެއްގެ މެންބަރުންގެ މައްޗަށް އަންނަނީ ތަހުގީގު ހިންގަމުންނެވެ. މީގެ އިތުރުން ހަތަރު މެންބަރަކު ހައްޔަރު ވެސް ކޮށްފައިވެ އެވެ.
ސަރުކާރާ ދެކޮޅު އެއްވުންތައް އިތުރުވެ ހަލަބޮލި ވެފައި ވާއިރު މި އެއްވުންތައް ރޫޅާލުމަށް ފުލުހުން ނަހަމަ ގޮތުގައި ބާރުގެ ބޭނުންކުރާ ކަމުގެ ޝަކުވާ ބޮޑެވެ.