ނަދީމް މަރާލި މައްސަލާގައި ނުރައްކާތެރި ކުށްވެރިޔަކު ހައްޔަރުކޮށްފި
ނަދީމް މަރާލި މައްސަލާގައި ނުރައްކާތެރި ކުށްވެރިޔަކު ހައްޔަރުކޮށްފި

މިދިޔަ މަހުގެ 27 ވަނަ ދުވަހު މާލޭގައި ކެފޭއެއްގެ ތެރޭ ހަމަލާދީ ނަދީމް އަބްދުއްރަހީމް މަރާލި މައްސަލާގައި ފުލުހުން މިރޭ ގެއެއް ފާސްކޮށް މީހަކު ހައްޔަރުކޮށްފި އެވެ.

ނަދީމް މަރާލި މައްސަލާގައި ނުރައްކާތެރި ކުށްވެރިޔަކު ހައްޔަރުކޮށްފި
ނަދީމް މަރާލި މައްސަލާގައި ނުރައްކާތެރި ކުށްވެރިޔަކު ހައްޔަރުކޮށްފި

އުމުރުން 24 އަހަރުގެ ނަދީމްގެ ބޮލަށް ވަޅި ހަރައި މަރާލި މައްސަލާގައި ފާސްކޮށްފައި ވަނީ ގަލޮޅު ސަބުދެރިޔާ މަގުގައި ހުންނަ ގ.ޖެލީ ފިޝް އެވެ. މަރުގެ މައްސަލާގައި އެ ގެއިން ހައްޔަރުކުރީ ކާކު ކަމެއް ފުލުހުން ނުބުނެ އެވެ. ނަމަވެސް އެނގިފައިވާ ގޮތުގައި އެ މީހަކީ މީގެ ކުރިން ވެސް ނުރައްކާތެރި އެކި ހަމަލާތަކާ ގުޅިގެން ހައްޔަރުކޮށްފައިވާ، މުހައްމަދު މަފާޒް ގ. ޝާރާޒް އެވެ.

މީގެ ކުރިން ފުލުހުން އާންމުކުރި ނުރައްކާތެރި ކުށްވެރިންގެ ލިސްޓުގައި ހިމެނޭ މަފާޒަކީ ހޯމް މިނިސްޓަރަކަށް އުމަރު ނަސީރު ހުންނެވި އިރު ވެސް މޮނިކޮން އަމުރުގެ ދަށުން ޓެގު އެޅުވި މީހެކެވެ. އެ އަމުރާ ހިލާފު ވެގެން އޭނާގެ މައްޗަށް ވަނީ ދައުވާކޮށް، ޝަރީއަތް ނިމެންދެން ޖަލުގައި ބަހައްޓަން ވެސް އަމުރުކުރި އެވެ. ނަމަވެސް އޭނާ މިނިވަން ވެފައި ހުރީ ކީއްވެ ކަމެއް ނޭނގެ އެވެ.

ޖެލީ ފިޝްގެ ފާސްކޮށް، މަރުގެ މައްސަލާގައި މީހަކު ހައްޔަރުކުރި އިރު އެ ގެއިން އެހެން މައްސަލައެއްގެ ތުހުމަތުގައި ވެސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ހއ. ތަކަންދޫ ޒުވާނެއް ކަމަށްވާ ނަދީމަށް ދިން ހަމަލާއަށް ފަހު މަރުވީ އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުން އަންނަނިކޮށް މިދިޔަ މަހުގެ 29 ވަނަ ދުވަހު އެވެ.

ނަދީމްގެ މަރަށް ފަހު މި މަހުގެ 1 ވަނަ ދުވަހުގެ ރޭ ވެސް މީހަކު މަރާލާފައިވެ އެވެ. ފުލުހުން ބުނި ގޮތުގައި މަރުގެ މައްސަލަތަކާއި މާރާމާރީއާ ގުޅިގެން ވަނީ ބަޔަކު ހައްޔަރުކޮށްފަ އެވެ.