10 އޯގަސްޓް 2017 - 21:46

މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ)ގެ ސްޕަޝަލައިޒްޑް ކޯހެއް ސައިރިކްސް ކޮލެޖުން ތައާރަފްކޮށްފި އެވެ.
އެ ކޮލެޖުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތައާރަފްކޮށްފައިވަނީ އެމްބީއޭ އިން އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) އެވެ. އެ ކޮލެޖުން މިހާރު ވެސް އަންނަނީ އެމްބީއޭއިން ޖެނެރަލް މެނޭޖްމަންޓް ކޯހެއް ހިންގަމުންނެވެ.
ކޯސް ތައާރަފްކޮށްދެއްވުމަށްފަހު ވައިސް ރެކްޓާ މުހައްމަދު ޝަރީފް ވިދާޅުވީ މިއަދު ތައާރަފްކުރި އެމްބީއޭ އިންފޮމޭޝަން ޓެންކޮލޮޖީ އަކީ އެ ކޮލެޖުގެ އަމިއްލަ ކޯހެއް ކަމަށެވެ. އެގޮތުން އަންނަ މަހުގެ ތެރޭގައި ކޯހަށް ހުޅުވާލައި ކިޔެވުން ފަށާނެ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާރު ހިންގަމުން އަންނަ އެމްބީއޭ ޖެނެރަލް މެނޭޖްމަންޓު ކޯހަށް ވެސް ދަރިވަރުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އެ ކޯހުން ދަސްވެނިވި ދަރިވަރުން ބޮޑެތި ކުންފުނިތަކާއި އޮފީސްތަކުގެ އިސް މަގާމުތައް އަދާކުރަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ސައިރިކްސް އިން މާސްޓާޒް ނިންމުމަށްފަހު ޕީއެޗްޑީއަށް ދުނިޔޭގެ ބޮޑެތި ޔުނިވާސިޓީތަކަށް ބައެއް ދަރިވަރުން ދާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ޝަރީފް ވިދާޅުވިގޮތުގައި އެ ކޮލެޖުގައި ހިންގަމުން އަންނަ ކޯސްތައް ވަޒަންކޮށް، އެ ޕްރޮގްރާމުތަކުގެ ފެންވަރު ހިފެހެއްޓުމަށް ވަރަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ.
މި ކޯހުގެ ފީއަކީ 45،000ރ. އެވެ. މަހުން މަހަށް ބަހާލައިގެން އަދި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ފައިނޭންޝަލް ސްކީމްގެ ދަށުން ވެސް އެ ކޯހުގެ ފީ ދެއްކޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.
އައިޓީގެ ދާއިރާއިން ފުޅާ ދާއިރާއެއްގައި ކިޔަވަައިދެމުން އަންނަ ސައިރިކްސް އިން އަންނަނީ އެޑިއުކޭޝަނާއި ބިޒްނަސް ފަދަ މުހިއްމު ދާއިރާތަކާ ގުޅޭ އާ ކޯސްތައް ވެސް ތައާރަފްކުން ތައްޔާރުވަމުންނެވެ.