ފާޑު ނުކިޔޭ ނަމަ ޑިމޮކްރެސީ ވާނީ ޚުދުމުޚްތާރު އެއްޗަކަށް: އަންސާރީ
ފާޑު ނުކިޔޭ ނަމަ ޑިމޮކްރެސީ ވާނީ ޚުދުމުޚްތާރު އެއްޗަކަށް: އަންސާރީ

ނިއު ދިއްލީ (އޮގަސްޓް 10) - ސަރުކާރުގެ ސިޔާސަތުތަކަށް މިނިވަންކަމާ އެކު ފާޑު ނުކިޔޭ ނަމަ ޑިމޮކްރެސީ ބަދަލުވެގެންދާނީ ޚުދުމުޚްތާރު އެއްޗަކަށް ކަމަށް އިންޑިއާގެ ނައިބް ރައީސްގެ މަގާމުން ވަކިވެވަޑައިގަންނަވާ ހާމިދު އަންސާރީ ވިދާޅުވެއްޖެ އެވެ.

ނައިބް ރައީސްގެ މަގާމުގެ އިތުރުން އިންޑިއާގެ ޕާލަމެންޓުގެ މަތީ ގޭގެ ޗެއާމަންގެ މަގާމުގައި 10 އަހަރު ހޭދަ ކުރެއްވުމަށް ފަހު ދެއްވި ވަދާއީ ތަގްރީރުގައި އަންސާރީ ވިދާޅުވީ އިދިކޮޅު މެންބަރުންނަށް ފާޑު ކިޔުމުގެ ފުރުސަތު ނެތް ނަމަ ޕާލަމެންޓުގެ މަސައްކަތަށް ހުރަސް އެޅޭނެ ކަމަށެވެ. ފާޑު ކިޔުމުގެ ފުރުސަތު ޑިމޮކްރެސީއެއްގައި ނަމަ އޮންނަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. ޑިމޮކްރެސީއެއްގައި މައިނޮރިޓީގެ ހައްގުތައް ރައްކާތެރި ކުރެވި އެ މީހުންގެ ޒިންމާތަކެއް ވެސް އޮންނަ ކަމަށް އަންސާރީ ވިދާޅުވި އެވެ.

އަންސާރީ ވިދާޅުވީ ޕާލަމެންޓުގެ މަތީ ގޭގެ ޗެއާގެ ގޮނޑިއަކީ ކްރިކެޓް މެޗެއްގައި އަމްޕަޔަރުކަން ކުރުން ނުވަތަ ހޮކީ މެޗެއްގެ ރެފްރީކަން ކުރުން ފަދަ ކަމެއް ކަމަށެވެ. އެއީ ކުޅުންތެރިއަކަށް ނުވެ ކުޅުމާއި ކުޅުންތެރިންގެ ކަންކަން ބެލުން ކަމަށެވެ.