10 އޯގަސްޓް 2017 - 13:55

ރާވަލްޕިންޑީ (އޮގަސްޓް 10) - ބޮޑު ވަޒީރުކަމުގެ މަގާމުން ދުރުކުރުމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން މިދިޔަ މަހު ކުރި ހުކުމަކީ ބޮޑު ޖޯކެއް ކަމަށާއި "އެއީ ވޯޓުލާ މީހުންނަށް ކުރި މަލާމާތެއް" ކަމަށް ނަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

އިސްލާމްއާދުން އިރުމަތީގެ ލާހޯރަށް އެއްގަމު މަގުން ކުރައްވާ ދަތުރުގައި ރާވަލްޕިންޑީގައި ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ނަވާޒް ޝަރީފް އިއްޔެ ވިދާޅުވީ އޭނާގެ ބޮޑު ވަޒީރުކަމުގެ ތިން ވަނަ ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތު ލިބިފައި ނުވާ ކަމަށެވެ.

"ޕާކިސްތާނުގެ އެއްވެސް މަދަނީ ބޮޑު ވަޒީރެއްގެ ދައުރު ފުރިހަމަ ކުރުމުގެ ފުރުސަތެއް ނުލިބޭ. މިއީ ބޮޑު ޖޯކެއް. މި ޖޯކް ތަކުރާރުވާތާ 70 އަހަރު ވެއްޖެ. ޕާކިސްތާން މީހުންނަށް މި ގޮތަކަށް ދެން ކެތެއް ނުކުރެވޭނެ. އެއީ ވޯޓުލާ މީހުންނަށް ވެސް ކުރާ މަލާމާތެއް،" މަގާމުން ދުރުކުރި ފަހުން ފުރަތަމަ ފަހަރަށް އާއްމުންނާ ބައްދަލު ކުރައްވާ ނަވާޒް ޝަރީފް ވިދާޅުވި އެވެ.
އިސްލާމްއާބާދުން ރާވަލްޕިންޑީ އަށް ކުރެއްވި 12 މޭލު (20 ކިލޯ މީޓަރު) ގެ ދަތުރަށް 12 ގަޑިއިރު ހޭދަވި އެވެ. އެ ސިޓީގައި ރޭ މަޑުކުރެއްވުމަށް ފަހު ލާހޯރުގެ ދަތުރުފުޅު ފެއްޓެވީ މިއަދު އެވެ. ނަވާޒް ޝަރީފަށް ތާއީދު އޮތްކަން ދެއްކުމަށް އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެފަ އެވެ. ނަވާޒް ޝަރީފް ދަތުރު ކުރައްވަނީ ދަތުރަށް ޚާއްސަކޮށްފައިވާ ވަޒަން އަދި ބޮމުގެ ހަމަލާ ވެސް ނާރާ ވެހިކަލެއްގަ އެވެ.
ނަވާޒް ޝަރީފް އިސްލާމްއާބާދުގެ މަގުތަކުން ވަޑައިގެންނެވިއިރު އެތައް ބަޔަކު ގައުމީ ދިދައާ އެކު ނުކުމެ ތަރުހީބު ދެމުން ދިޔަ އެވެ.
"ސުޕްރީމް ކޯޓުގެ ހުކުމް ގަބޫލް ނުކުރާކަން ރައްޔިތުން ދޭ ތަރުހީބުން ހާމަވޭ،" ނަވާޒް ޝަރީފުގެ ސަޕޯޓަރެއް ކަމަށްވާ އަރްޝާދު އިފްތިކާރު ވިދާޅުވި އެވެ.