ޑެމްބެލޭގެ އަގު ޑޯޓްމަންޑުން ބޮޑުކޮށްފި
ޑެމްބެލޭގެ އަގު ޑޯޓްމަންޑުން ބޮޑުކޮށްފި

ބާލިން، ޖަރުމަން (އޮގަސްޓް 10) - ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅެމުން އަންނަ ފްރާންސްގެ އޮސްމާނޭ ޑެމްބެލޭ ވިއްކަން އެ ޓީމުން ކިޔާ އަގު ބޮޑުކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ފްރާންސްގެ ޕީއެސްޖީން ބާސެލޯނާގެ ނޭމާ 222 މިލިއަން ޔޫރޯ އަށް ގަތުމުން އެ ޓީމުން އަންނަނީ އޭނާ ނެތްތަން ފޫބައްދަން ޑެމްބެލޭ އާއި ލިވަޕޫލްގެ ފިލިއްޕޭ ކުޓީނިއޯ ގެންނަން މަސައްކަތް ކުރަމުންނެވެ. ކުޓީނިއޯ ބާސެލޯނާއިން މިހާތަނަށް ކުރި ދެ ބިޑަށް ވެސް ލިވަޕޫލުން ނޫނެކޭ ބުނެފައިވާއިރު، ރަސްމީކޮށް އަދި ޑެމްބެލޭ އަށް ބާސެލޯނާ އިން ބިޑެއް ނުކުރެ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ޑެމްބެލޭ ވިއްކަން ޑޯޓްމަންޑުން މީގެ ކުރިން ކިޔާފައިވާ އަގަކީ 110 މިިލިއަން ޔޫރޯ އެވެ. މިހާރު އެ ޓީމުން ވަނީ އެ އަގު 130 މިލިއަން ޔޫރޯ އަށް ބަދަލުކޮށްފައި ކަމަށް ޖަރުމަނުގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

އުމުރުން 20 އަހަރުގެ ޑެމްބެލޭ އަކީ ވަރަށް ހުނަރުވެރި ވިންގެކެވެ. އޭނާ އަކީ ބޯޅަ ހިފަހައްޓައިގެން ކުޅޭ ސްޓައިލުގެ ވަރަށް ތަފާތު ހުނަރުވެރިއެކެވެ. ރޭނިސް އިން މިދިޔަ ސީޒަނުގައި ޑޯޓްމަންޑަށް ބަދަލުވި ޑެމްބެލޭ ވަނީ ފްރާންސް ގައުމީ ޓީމަށް ހަތް މެޗު ކުޅެދީފަ އެވެ.

ރިޕޯޓްތައް ބުނާގޮތުގައި ބާސެލޯނާ އިން މިހާރު މަސައްކަތް ކުރަނީ ޑެމްބެލޭ މެދުވެރިކޮށް ޑޯޓްމަންޑުގެ އަގު ދަށްކުރުމަށެވެ. ބާސެލޯނާގެ ބޯޑުން ނިންމާފައިވަނީ ޑެމްބެލޭ ހޯދަން އެންމެ ބޮޑު އަަގަކަށް 100 މިލިއަން ޔޫރޯ ހުށަހެޅުމަށެވެ.

މި މަހުގެ ޓްރާންސްފާ މާކެޓް ބަންދުވުމުގެ ކުރިން ބާސެލޯނާ އިން ތިން ކުޅުންތެރިއަކު ސޮއިކުރުވާނެ ކަމަށް އެ ޓީމުގެ ރައީސް ޖޯސެފް ބާޓޮމެއު ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.