10 އޯގަސްޓް 2017 - 12:25

ޓިއުރިން (އޮގަސްޓް 10) – ރޮބާޓޯ ބާޖިއޯ އާއި އަލެސަންދްރޯ ޑެލް ޕިއޭރޯ ބޭނުންކޮށްފައިވާ ޔުވެންޓަސްގެ މަޝްހޫރު 10 ނަމްބަރު ޖާޒީ އެ ޓީމުގެ އާޖެންޓީނާ ފޯވާޑް ޕައޮލޯ ޑީބަލާ އަށް ދީފި އެވެ.
ޔުވެންޓަސް އިން އިއްޔެ އާއްމުކޮށްފައިވާ ގޮތުގައި 21 ނަމްބަރު ޖާޒީގެ ބަދަލުގައި ޑީބަލާ އަންނަ ސީޒަން ފެށިގެން ބޭނުންކުރާނީ 10 ނަމްބަރު ޖާޒީ އެވެ. ޒައިނުއްދީން ޒިދާނާއި އަންދްރޭ ޕިރްލޯ ބޭނުންކުރި 21 ނަމްބަރު ޖާޒީ ދޫކޮށްނުލާނެ ކަމަށް ޑީބަލާ ވަނީ މީގެ ކުރިން ބުނެފަ އެވެ.
ބެލެވޭ ގޮތުގައި ޑީބަލާ އަށް ޔުވެންޓަސް އިން 10 ނަމްބަރު ދިނީ އޭނާ ގެންދަން ބާސެލޯނާ އިން މަސައްކަތްކުރަމުން އަންނާތީ އޭނާ އެ ކްލަބުގައި މަޑުކުރުވުމަށް އިތުރު ބާރެއް އެޅުމުގެ ގޮތުންނެވެ. އަދި މީގެން އަންގައިދެނީ އެ ޓީމުން ޑީބަލާ ވިއްކާނުލާނެކަން ކަމަށް ވެސް ބެލެވެ އެވެ. ރެކޯޑް އަގަކަށް ޕީއެސްޖީ އަށް ބަދަލުވެފައިވާ ނޭމާގެ މަގާމް ފުރުވަން ޑީބަލާ ގެންދަން ބާސެލޯނާ އިން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔުވެންޓަސްގެ 10 ނަމްބަރު ޖާޒީ އެންމެ ފަހުން ބޭނުންކުރީ މިދިޔަ އަހަރުގެ ސީޒަނުގައި ދުނިޔޭގެ ރެކޯޑް އަގަކަށް މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވި ޕައުލް ޕޮގްބާ އެވެ.
ޔުވެންޓަސް އަށް 1993 އިން 2012 އަށް ކުޅެ އެ ޓީމާ އެކު އިޓާލިއަން ލީގު ހަ ފަހަރު އަދި ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބުކޮށްފައިވާ ޑެލް ޕިއޭރޯ ވަނީ ޑީބަލާ އަށް މަރުހަބާ ކިޔައި އިއްޔެ ޓްވީޓްކޮށްފަ އެވެ. ޑީބަލާ ވަނީ 10 ނަމްބަރު ޖާޒީ ލިބުމަކީ ޝަރަފެއް ކަމަށް ބުނެ ޑެލް ޕިއޭރޯ ޖަވާބުދީފަ އެވެ.
ޔުވެންޓަސްގެ 10 ނަމްބަރު ޖާޒީ ބޭނުންކޮށްފައިވާ ކުޅުންތެރިންގެ ތެރޭގައި ބާޖިއޯ އާއި ޑެލް ޕިއޭރޯގެ އިތުރުން ފްރާންސުގެ ކުރީގެ ތަރި މިޝޭލް ޕްލެޓިނީ އާއި އާޖެންޓީނާ ފޯވާޑް ކާލޯސް ޓެވޭޒް ހިމެނެ އެވެ.