10 އޯގަސްޓް 2017 - 12:08

ލަންޑަން (އޮގަސްޓް 10) – ފޯވާޑް ޑިއޭގޯ ކޮސްޓާ ނެތްތަން ދައްކާނެ ކަމަށް ޗެލްސީގެ ކެޕްޓަން ގެރީ ކޭހިލް ބުނެފި އެވެ.
މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު ޗެލްސީން ކާމިޔާބުކުރިއިރު މުހިއްމު ދައުރެއް އަދާކުރި ސްޕެއިން ފޯވާޑް ކޮސްޓާ ބޭނުންނުވާ ކަމަށް އެ ޓީމުގެ ކޯޗު އެންޓޯނިއޯ ކޮންޓޭ ވަނީ ބުނެފަ އެވެ. އޭނާގެ ބަދަލުގައި ޗެލްސީން ވަނީ ސްޕެއިނުގެ އެހެން ފޯވާޑެއް ކަމަށްވާ އަލްވާރޯ މޮރާޓާ ގެނެސްފަ އެވެ. އެކަމަކު ގިނަ ބަޔަކު އެއްބަސްވާ ގޮތުގައި ކޮސްޓާގެ ޖާގަ ފުރަން މޮރާޓާ އަށް ވަގުތު ބޭނުންވާނެ އެވެ.
"ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ނެތްތަން ދައްކާނެ. ޑިއޭގޯ ކޮސްޓާ އަކީ ޑިއޭގޯ ކޮސްޓާ. އޭނާ ލަނޑު ޖަހާނެ. އޭނާ އަކީ ވަރުގަދަ ޝަހުސިއްޔަތެއް ވެސް މެ. ވަރަށް ބޮޑަށް ދައްކާނެ އޭނާ ނެތްތަން. މޮރާޓާ އަކީ ވެސް ޓީމަށް އިތުރުވި މުހިއްމު ކުޅުންތެރިއެއް. އެކަމަކު އަބަދުވެސް މުހިއްމު ކުޅުންތެރިއަކު ޓީމު ދޫކޮށްފި ނަމަ އެ ކުޅުންތެރިއަކު ނެތުމުގެ އިހުސާސް ކުރެވޭނެ،" ކޭހިލް ބުންޏެވެ.
ކޮސްޓާ ބޭނުންވަނީ އޭނާގެ ކުރީގެ ކްލަބް އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމަށެވެ. އެކަމަކު ފީފާ އިން އެ ޓީމަށް ދީފައިވާ އަދަބަކާ ގުޅިގެން، އެ ޓީމަށް އެންމެ އަވަހަށް ވެސް ކުޅެވޭނީ ޖެނުއަރީ މަހު އެވެ. އޭނާ ޖެނުއަރީ މަހުގެ ނިޔަލަށް ލޯން އުސޫލުން ދޫކުރަން އެތުލެޓިކޯ އިން ބޭނުންވި ނަމަވެސް އެހާ ކުރު މުއްދަތަކަށް ލޯން އުސޫލުން ގެންނަން ކްލަބްތަކުން ބޭނުންވާނެ ކަމަށް ނުބެލެވެ އެވެ. އަނެއްކޮޅުން ވޯލްޑް ކަޕް ކުރިއަށް އޮތުމާ އެކު ހަ މަސް ދުވަހު ނުކުޅެ ހުންނަން ޖެހުމަކީ ކޮސްޓާ އަށް ކުރިމަތިވާނެ ގޮންޖެހުމެކެވެ.
ޗެލްސީ އަށް މި ސީޒަނުގައި ޗެމްޕިއަންސް ލީގު ވެސް އޮތުމާ އެކު ޕްރިމިއާ ލީގު ދިފާއުކުރުމުގެ މަސައްކަތުގެ ބުރަބޮޑުވާނެ އެވެ. އެފަދަ ސީޒަނަކާ ކުރިމަތިލާއިރު ކޮސްޓާ އާއި ނެމަންޔާ މަޓިޗް ފަދަ ކުޅުންތެރިން ނެތްތަން ދައްކާނެ ކަމަށް ތަޖުރިބާކާރުން ދެކެ އެވެ. މަޓިޗް މެންޗެސްޓާ ޔުނައިޓެޑަށް ވިއްކާލާފައިވާއިރު ޗެލްސީން ބަދަލުގައި ގެނެސްފައިވަނީ ފްރާންސުގެ މޮނާކޯގައި މިދިޔަ ސީޒަނުގައި ވިދާލި ޓިމް ބަކަޔޯކޯ އެވެ.