އަންހެން ތިން ނައިބް ރައީސުން ރޫހާނީ ހަމަޖައްސައިފި
އަންހެން ތިން ނައިބް ރައީސުން ރޫހާނީ ހަމަޖައްސައިފި

ތެހެރާން (އޮގަސްޓް 10) - އީރާނަށް ތިން އަންހެން ނައިބް ރައީސުން ރައީސް ހަސަން ރޫހާނީ ހަމަޖައްސައިފި އެވެ.

ނައިބް ރައީސުންގެ މަގާމަށް ތިން އަންހެނުން މި ހަމަޖެއްސީ ރޫހާނީގެ ކެބިނެޓުގައި މުޅިން ވެސް ފިރިހެނުން ހިމެނުމުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. ރޫހާނީގެ 18 މެންބަރުންގެ ކެބިނެޓް ޕާލަމެންޓުން ފާސްކުރަންޖެހެ އެވެ. ކެބިނެޓުގައި ސުންނީ މެންބަރުން ވެސް ހިމަނާފައި ނުވާ ކަމަށް ޚަބަރުތައް ބުނެ އެވެ. ޝިއައީންގެ އަޣުލަބިއްޔަތު އޮންނަ އީރާނުގެ އާބާދީގައި ސުންނީންގެ ނިސްބަތަކީ 10 ޕަސެންޓެވެ.

ތިން ނައިބް ރައީސުންގެ ތެރޭން މައުސޫމާ އިބްތިކާރަށް ހަވާލުކޮށްފައި ވަނީ އާއިލީ އަދި އަންހެނުންނާ ބެހޭ ދާއިރާ އެވެ. ލަޔާ ޖޮނޭދީ އަށް ހަވާލުކޮށްފައި ވަނީ ގާނޫނީ ދާއިރާ އެވެ. އަދި ޝަހިންދޮކްތު މައުލަވާދީ އަށް މަދަނީ ހައްގުތަކުގެ ދާއިރާ އެވެ. އިބްތިކާރާއި މައުލަވާދީ އަކީ ކުރިން ވެސް ނައިބް ރައީސުންނެވެ. އީރާނުގައި 12 ނައިބް ރައީސުން ތިބެ އެވެ.

އީރާނަށް 1979 ވަނަ އަހަރު އިސްލާމީ އިންގިލާބު ގެނައި ފަހުން ކެބިނެޓުގައި މިހާތަނަށް ހިމެނިފައި ވަނީ އެންމެ އަންހެނެކެވެ. އެއީ ރޫހާނީގެ ކުރިން ވެރިކަން ކުރެއްވި މަހްމޫދު އަހުމަދީނިޖާދުގެ ހެލްތު މިނިސްޓަރު މަރްޒިއާ ދަސްތުޖާދީ އެވެ. އޭނާ ވަނީ 2009 އިން 2013 އަށް މިނިސްޓަރުކަން ކުރައްވައިފަ އެވެ.

އީރާނުގެ ކެބިނެޓުގައި އަންހެނުން ހިމެނިފައި ނެތުމުން ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ކެބިނެޓް އެކުލަވާލާފައި ވަނީ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ އިރުޝާދުގެ ދަށުން ކަމަށްވެ އެވެ. އެހެންވެ ކެބިނެޓަށް ޕާލަމެންޓުގެ ރުހުން ދޭނެ އެވެ.

ފެބްރުއަރީ މަހު ބޭއްވި އަންހެނުންނާ ބެހޭ ކޮންފަރެންސެއްގައި ރޫހާނީ ވަނީ ސިޔާސީ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރު ކުރުމަށް ގޮވާލައްވައިފަ އެވެ.