28 ޖޫން 2016 - 08:20

އޭނާ ދިރިއުޅުއްވާ އެޕާޓްމެންޓުން ބަޑިއެއް ފެނުނު މައްސަލަ ސާބިތުވެ މުހައްމަދު ނާޒިމްގެ މައްޗަށް 11 އަހަރުގެ ހުކުމެއް އިއްވިތާ އަހަރެއްހާ ދުވަސް ފަހުން، އެ ބަޑިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބްގެ ޑީއެންއޭ ފެނުނު ކަން ފުލުހުން ޔަގީންކޮށް ދިނުމުން އެތައް ބައެއްގެ ހިތުގައި މިހާރު ވަނީ، ނާޒިމްގެ ހުކުމާ މެދު، ޝައްކު އުފެދިފަ އެވެ. އެކަމަކު އަލުން އެ މައްސަލަ ތަހުގީގުކުރާ ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ނުބުނެ އެވެ.

ނާޒިމްގެ އިސްތިއުނާފު ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން ގޮތެއް ނިންމުމުގެ މަރުހަލާ ކުރިއަށް ދަނިކޮށް އަދީބުގެ ޑީއެންއޭ ފެނުނުކަން ފުލުހުން ކަށަވަރުކޮށްދިނުމުން ނާޒިމްގެ ހުކުމް ބާތިލްކޮށްފާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރި އެވެ. އެކަމަކު ސުޕްރީމް ކޯޓުން ނިންމީ ހައި ކޯޓުގެ ހުކުމް ރަނގަޅު ކަމަށާއި އެ މައްސަލަ ބަލާނެ ޖާގަ ނެތް ކަމަށް ބުނެ އެވެ. މި ހިސާބުން ވެސް ނާޒިމަށް ކުރި ހުކުމުގެ ސައްހަކަމާ މެދު ގާނޫނީ ވަކީލުންގެ ކަންބޮޑުވުންތަކާއި އުފައްދާ ޝައްކުތައް މިވަނީ ގިނަވެފަ އެވެ.

ފުރަތަމަ ތަހުގީގާ ހިސާބުން ފެށިގެން ވެސް އަދީބަށް ތުހުމަތުތަކެއް ކުރެވުނު އިރު އެ ތުހުމަތުތައް އެއްވެސް މުއައްސަސާއަކުން ބަލާފައި ނުވާ ކަމަށް ނާޒިމްގެ ވަކީލުން ވިދާޅުވެ އެވެ.

ސުޕްރީމް ކޯޓަކީ އިސްތިއުނާފްގެ އެންމެ ފަހު މަރުހަލާ ކަމަށް ވުމުން ނާޒިމްގެ ހުކުމަށް މިހާރު އެ އޮތީ ގާނޫނީ ބާރު ލިބިފަ އެވެ. އެ އަދަބުން ނާޒިމަށް ދެން ސަލާމަތްވެވޭނީ މައާފް ދިނުމާއި އަދަބު ލުއިކޮށް ދިނުމުގެ ގާނޫނުގެ ދަށުން އޭނާއަށް ރައީސް އަބްދުﷲ ޔާމީން މައާފް ދެއްވުމުން ނުވަތަ އަދަބު ލުއިކޮށް ދިނުމުންނެވެ.

ކުރީގެ ބަންޑާރަ ނައިބު އަދި ނާޒިމްގެ ވަކީލް ހުސްނުއްސުއޫދު ވިދާޅުވީ ނާޒިމްގެ މައްސަލާގައި އިތުރު ހެކިތަކެއް ލިބިފައި ވަނިކޮށް، އޭނާ އަށް އިންސާފު ލިބެން ހުރި ހުރިހާ ދޮރުތަކެއް ބަންދުކުރުމަކީ ހިތާމަހުރި ކަމެއް ކަމަށެވެ. އިންސާފާ ހަމައަށް ވާސިލްވުމުގެ ފުރުސަތު ނާޒިމަށް ދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ނާޒިމް ކުށްކުރި ކަމާ މެދު ޝައްކުތަކެއް ހުރި ކަމަށް ވަންޏާ އެ ޝައްކުތައް ފިލުވާލަން ޖެހޭނެ. އެއީ އަޅުގަނޑު ދެކޭ ގޮތުގައި ދައުލަތުގެ މުއައްސަސާތަކުގެ ވާޖިބެއް. ޝައްކުތައް އެގޮތުގައި ހުއްޓައި ހުކުމް ދަމަހައްޓަން ނިންމުމަކީ ރަނގަޅު ގޮތެއް ނޫން،" ސުއޫދު ވިދާޅުވި އެވެ.
ނާޒިމްގެ ކޮޓަރިން ފިސްތޯލަ ފެނުނީ، ސްޕެޝަލް އޮޕަރޭޝަންސް (އެސްއޯ) ފުލުހުން ލައްވައި މާލޭގައި ހުރި ފެން ފޯއް ރުއްތައް ކަނޑާލި މައްސަލާގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ދެމެދު ހޫނު ޒުވާބެއް ހިނގާފައި ވަނިކޮށެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އަދީބް ކުރެއްވި ކޮންފަރެންސް ކޯލެއްގައި އެމަނިކުފާނު ނާޒިމަށް އިންޒާރު ދެއްވި ކަމަށް ވެ އެވެ.
ނާޒިމްގެ ދިރިއުޅޭ އެޕާޓްމެންޓުން ފިސްތޯލަ ފެނުމުގެ ކުރިން ރާއްޖެ އިން ބޭރު ނަމްބަރަކުން އޭނާ އަށް މެސެޖްތަކެއް ވެސް ކުރި ކަމަށް ވަކީލުން ވިދާޅުވެ އެވެ. ކާކުކަން ނޭނގުނަސް، ފިސްތޯލަ ފެނުނު ފަހުން ލިބުނު މެސެޖެއްގައި ބުނެފައި ވަނީ، ނާޒިމަށް "އެ ހާލަތު" މެދުވެރިވީ އެސްއެމްއެސް އަށް ޖަވާބު ނުދެއްވުމުން ކަމަށެވެ.
ނާޒިމްގެ ވަކީލުންނާއި އާއިލާ އިން ބުނާގޮތުގައި، ފިސްތޯލަ ފެނުނު ކަމުގެ ތުހުމަތުގައި ނާޒިމް ހައްޔަރުކުރުމުގެ ދެ ދުވަސް ކުރިން، އަދީބް ގުޅުއްވައި ނާޒިމް ދިރިއުޅުއްވާ ފްލޯ އާއި އެޕާޓްމެންޓްގެ މައުލޫމާތު ސާފުކުރެއްވި އެވެ.
ނާޒިމްގެ ކޮޓަރީގައި ބަޑިއެއް އޮތް ކަން ފުލުހުންނަށް ރިޕޯޓްކުރީ ވެސް އަދީބް ކަމަށް ވަކީލުން ވިދާޅުވެ އެވެ. އަދި ނާޒިމް ހައްޔަރުކުރި ރޭ އަދީބާއި ޕޮލިސް ކޮމިޝަނަރު ހުސެއިން ވަހީދު މަގުމަތީގައި ތިއްބެވި ކަމަށް ވެސް ޝަރީއަތުގެ މަޖިލީހުގައި ވަކީލުން ވަނީ ވިދާޅުވެފަ އެވެ.
"މި ހުރިހާ ވާހަކަތަކެއް ވެސް ޝަރީއަތުގައި ނާޒިމް ވިދާޅުވެ ދެއްވި. ކޮންފަރެންސް ކޯލަކުން އިންޒާރު ދެއްވި މައްސަލާގައި ހެއްކެއްގެ ގޮތަށް އުމަރު ހާޒިރުކޮށްދޭން ވެސް އެދުނު. އެކަމަކު އެ ފުރުސަތު ވެސް ދެއްވާފައެއް ނުވޭ،" ނާޒިމްގެ ވަކީލަކު ވިދާޅުވި އެވެ.
އަދީބްގެ ޑީއެންއޭ ފެނުމާ އެކު މި މައްސަލައިގެ އިތުރު ކުރިތައް މިވަނީ ފަޅައިފަ އެވެ. އާ ހެކިތައް ލިބިފައިވާތީ އެ މައްސަލަ ތަހުގީގުކުރުމަކީ ފުލުހުންގެ މައްޗަށް ވާޖިބެއް ކަމަށް ސުއޫދު ދެކެވަޑައިގަންނަވަ އެވެ.
"ނާޒިމްގެ ފިންގަ ޕްރިންޓެއް ނެތް، ޑީއެންއޭއެއް ވެސް ނެތް. އެހެން މީހެއްގެ ޑީއެންއޭ އާއި ފިންގާ ޕްރިންޓް މިހިރީ. އެހެންވީމަ ނާޒިމް ކުށްކުރިކަމާ ދޭތެރޭގައި އެކަށީގެންވާ ޝައްކުތަކެއް އެބަހުރި. އެ ޝައްކުތައް ފިލުވާލަން ޖެހޭ،" ސުއޫދު ވިދާޅުވި އެވެ.
"މިކަން ކުރި މީހަކު ހޯދައިގަނެވޭނެ ވަސީލަތްތައް ފުލުހުންގެ އަތުގައި އެބަހުރި. އެއީ މިކަން މިދަނީ ކޮން ދިމާލަކަށް ކަން އެންމެންނަށް ވެސް އެބަ އެނގޭ. އެހެންވެއްޖިއްޔާ ފުލުހުން މިކަން ތަހުގީގުކޮށް މިކަން ކުރި ބަޔަކު ހޯދަން ޖެހޭ."
މިހާރު ހުރި ހެކިތަކަށް ބަލާއިރު ވެސް އެކަން ހޯދޭނެ ވަސީލަތްތައް ފުލުހުންގެ އަތުގައި ހުރި ކަމަށް ސުއޫދު ގަބޫލުކުރައްވަ އެވެ. ރަނގަޅު ތަހުގީގެއް ހިންގިއްޖެ ނަމަ ނާޒިމް "ފްރޭމްކުރަން" ކުރި ހުކުމް "ނުފުށުން" ޖެހޭނެ ކަމަށް ސުއޫދު ދެކެވަޑައިގަންނަވަ އެވެ.
ވަކީލުން ގަބޫލުކުރައްވާ ގޮތުގައި އަދީބްގެ ބައިވެރިވުމެއް ނެތް ނަމަ، ނާޒިމްގެ ކޮޓަރިން ފެނުނު ހަތިޔާރަކުން އެމަނިކުފާނުގެ ޑީއެންއޭ ފެންނަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ އެވެ.
"އަދީބަކީ އެ ގޭގައި އުޅޭ މީހެއް ނޫން. އެހެން ކަމަށް ވާ ނަމަ، އަދީބްގެ ޑީއެންއޭ ފެންނާކަށް ނުޖެހޭ. މިއީ ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ބާރުލިބިދޭ ހެއްކެއް،" ވަކީލް ވިދާޅުވި އެވެ.
"ފުލުހުން މެދުވެރިކޮށް އެކި ރިޕޯޓް ހެދުމާއި ކަންކަން ކުރިއަށް ގެންގޮސްފައިވޭ. އެހެންވެއްޖެ ނަމަ އެބޭފުޅުންގެ މަސްލަހަތު ވެސް އޮންނާނެ، އެ ހާލަތުގައި ތަހުގީގު މިނިވަންކޮށް ކުރިއަކަށް ނުގެންދެވޭނެ."
މައްސަލަ އިތުރަށް ތަހުގީގުކުރާއިރު ނުފޫޒެއް ނެތި މިނިވަންކަމާ އެކު ތަހުގީގު ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖައްސަން ޖެހޭ ކަމަށް ވެސް ވަކީލުން ދެކެވަޑައިގަންނަވަ އެވެ. އެއީ ނާޒިމްގެ ކޮޓަރި އަށް ފިސްތޯލަ ވެއްދީ އަދީބުގެ ނުފޫޒުން ފުލުހުންގެ ބަޔަކު ލައްވައި ކަމަށް ތުހުމަތުކުރެވޭތީ އެވެ.
ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވި ގޮތުގައި ނާޒިމްގެ ކޮޓަރިން ފެނުނު ކަމަށް ބުނާ ބަޑިން އޭނާގެ ޑީއެންއޭއާ ގުޅުމެއް ނުވާއިރު އޭނާ އަށް އެ ދައުވާ އުފުލައިގެން ވެސް ނުވާނެ އެވެ. ތަހުގީގުގައި ފުލުހުންގެ އިހުމާލު އިންތިހާ އަށް އޮތް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭނާ ތުހުމަތުކުރައްވާ ގޮތުގައި ތަހުގީގުގައި ބަލަން ޖެހޭ ކަންކަން ގަސްތުގައި ނުބަލައި ދޫކޮށްލުން ނުވަތަ ޝަރީއަތަށް އޮޅުވާލަން ގިނަ ކަންތައްތަކެއް ފުލުހުން ހިންގާފައިވެ އެވެ.
"ބަޑިން ޑީއެންއޭ ފެންނަން ޖެހޭނީ މިއަދަކު ނޫން. އޭރު ވެސް ފުލުހުންގެ ވަސީލަތްތައް ބޭނުންކޮށްގެން މި މައްސަލަ ތަހުގީގުކުރެވެން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
އޭރު އަދީބްގެ ޑީއެންއޭ ނުފެނުނީ، މައުމޫން ވިދާޅުވި ގޮތުގައި، ތަހުގީގުކުރަން ޖެހޭ ވަރަށް އެ މައްސަލަ ތަހުގީގު ނުކުރުމުންނެވެ.
ނާޒިމަށް ހުކުމް އިއްވާފައިވީ ނަމަވެސް އެ މައްސަލަ މުޅިން އެހެން ގޮތަށް އެނބުރިގެންދާ ފަދަ ހެއްކެއް ފެނިފައިވުމުން ނާޒިމްގެ ހުކުމް ދެމެހެއްޓިގެން ވާނެ ކަމަކަށް "މިހާރު"އާ ވާހަކަ ދެއްކެވި ވަކީލުން ގަބޫލެއް ނުކުރައްވަ އެވެ. މިސާލެއް ދައްކަވަމުން ވަކީލަކު ވިދާޅުވީ މިފަދަ ބައެއް މައްސަލަތަކުގައި ޕްރޮސިކިއުޓަ ޖެނެރަލް އަމިއްލަ އިސްނެންގެވުމުގެ މަތިން ހައި ކޯޓުގައި އިސްތިއުނާފްކުރައްވާފައިވާ ކަމަށެވެ.
"ނާޒިމްގެ މައްސަލަ ރީއޯޕަން ކުރަން ނުވަތަ ހުކުމް ބާތިލްކުރަން ޕްރޮސިކިއުޓަ ޖެނެރަލް ހުށަހަޅުއްވަން ޖެހޭ،" ވަކީލް ވިދާޅުވި އެވެ.
ނާޒިމްގެ މައްސަލައާ ގުޅޭ ގޮތުން ކޮމެންޓެއް ހޯދަން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް އަށް ތަކުރާރުކޮށް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. މިހާރުގެ ޕީޖީ އަކީ އޭނާގެ ޒިންމާތަކާ މެދު ވާހަކަ ދައްކަވާ ބޭފުޅެއް ނޫނެވެ.
ގާނޫނު އަސާސީގެ 133 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ޕީޖީގެ ދައުރަކީ އަދުލުއިންސާފު ގާއިމްކުރުމާއި ގާނޫނު އަސާސީ ނެގެހެއްޓުމާއި ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމެވެ.
"ސަރުކާރުގެ ދައުރު ދެމެހެއްޓުމެއް ޕީޖީގެ ދައުރުގެ ތެރޭގައި ނޯންނާނެ. އެހެންވީމަ ރައްޔިތަކު ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައި ހުރި ކަން ޕީޖީ އަށް އެނގިވަޑައިގަންނަވާ ކަމަށް ވާ ނަމަ ނުވަތަ ތުހުމަތުކުރެވޭ ނަމަ އެކަން ތަހުގީގުކުރަން އޭނަ އަށް ފުލުހުންނަށް އެންގުމުގެ ބާރު އޮންނާނެ،" ސުއޫދު ވިދާޅުވި އެވެ.
ނާޒިމްގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތުމާ މެދު ގޮތެއް ނިންމުގެ ކުރިން ބޭއްވި ފަހު އަޑުއެހުން ކުރިއަށް ދިޔައިރު ވެސް އަދީބްގެ ޑީއެންއޭ ފެނުނުކަން ޕީޖީ އަށް އެނގިވަޑައިގަންނަވާ ކަމަށް ސުއޫދު ތުހުމަތުކުރެއްވި އެވެ. އެކަމަކު "ޕީޖީ އެކަން ވަންހަނާ ކުރެއްވީ" ކަމަށް ވިދާޅުވި އެވެ.
"ޝަރީއަތުގެ މަޖިލިސް ބޭއްވުމުގެ ކުރިން ޕީޖީ އަށް މި މައުލޫމާތު ލިބި ހުރެ ސުޕްރީމް ކޯޓުގެ ސަމާލުކަމަށް އެ ދުވަހުގެ ޝަރީއަތުގައި ނުގެނައުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ޕީޖީ އިސްތިއުފާ ދެއްވަން ޖެހޭވަރުގެ ކަމެއް. އެއީ ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމަށްޓަކައި ހުވާކޮށްގެން ހުރި މީހަކު އޭނަ އަށް އެނގި ހުރި މައުލޫމާތުތަކެއް ޝަރީއަތުގެ މަޖިލީހަށް ހާމަނުކޮށް ހުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އުސޫލެއްގެ ގޮތުން ސުލޫކީ މައްސަލައެއް،" ސުއޫދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މައްސަލައިގައި ހުރި ޝައްކުތައް ފިލުވާލަން ކުރަން ޖެހޭ ހުރިހާ ކަމެއް ވެސް ކުރަން ޖެހޭ ކަމަށެވެ. އެކަމަކު އަހަރެއް ވީއިރު އެއްވެސް މުއައްސަސާއަކުން އެ ޝައްކުތައް ފިލުވާލަން މަސައްކަތް ނުކުރާ ކަމަށް ވިދާޅުވެ ސުއޫދުު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.
"މިނިވަން ތަހުގީގެއް ހިންގިއްޖެ ނަމަ ނާޒިމަކީ ކުށެއް ނެތް މީހެއް ކަން ސާބިތުވާނެ. އެވަރަށް ހެކި އެބަހުރި،" ސުއޫދު ވިދާޅުވި އެވެ.