ޝުހާދުގެ ގާތިލް ފަރީދު މަރަން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި
ޝުހާދުގެ ގާތިލް ފަރީދު މަރަން ކުރި ހުކުމަށް ހައި ކޯޓުން ތާއީދުކޮށްފި

ޏ. ފުވައްމުލަކުގައި ހިންގި މާރާމާރީއެއްގައި އެރަށު މެކޯ އަބްދުﷲ ޝުހާދު މަރާލިކަން ސާބިތުވެ ހަސަން ފަރީދު މެރުމަށް ކުރި ހުކުމަށް ހައި ކޯޓުން މިއަދު ތާއީދުކޮށްފި އެވެ.

ޖެނުއަރީ، 2010 ގައި އެރަށު ދެ އަވަށެއްގެ ޒުވާނުންތަކެއްގެ މެދުގައި ހިންގި މާރާމާރީއެއްގައި ޝުހާދަށް ތޫނު އެއްޗެހިން ދިން ހަމަލާތަކުގެ ސަބަބުން މަރުވި މައްސަލާގައި ފަރީދު މެރުމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ މެއި، 2015 ގަ އެވެ. އެ މައްސަލަ ފަރީދުގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުން މިއަދު ނިންމީ ދަށު ކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

ހައި ކޯޓުގައި މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި ހުކުމް އިއްވަވަމުން ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ޝުހާދުގެ ގަޔަށް ފަރީދު ވަޅި ހެރި ކަމަށާއި އެކަމުގެ ސަބަބުން މަރުވެފައިވާތީ ޝުހާދު މަރާލިކަން ފަރީދުގެ މައްޗަށް "އެއްވެސް ޝައްކެއް ނެތް މިންވަރަށް" ސާބިތުވާ ކަމަށް އެ މައްސަލަ ބެލި ހުރިހާ ފަނޑިޔާރުންނަށް އެއްވެސް ޚިލާފެއް ނެތި އެއްބަސްވެވޭ ކަމަށެވެ. އަދި ގަސްދު މަރުގައި ފުރިހަމަ ވާންޖެހޭ ހުރިހާ ރުކުނެއް އެ މައްސަލާގައި ފުރިހަމަ ވެފައިވާތީ އާއި ޝުހާދުގެ ހުރިހާ ވާރިސުން ބޭނުންވަނީ މަރަށް މަރު ހިފަން ކަމަށްވާތީ އިސްލާމީ ޝަރީއަތުގެ ދަށުން ފަރީދަށް ދޭންޖެހޭ އަދަބަކީ މަރުގެ އަދަބު ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.

އެ މައްސަލަ ބެލި ތިން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު ސަމީރު ވިދާޅުވީ ޝުހާދު ގަޔަށް، ފަރީދު ވަޅިހެރިތަން ދުށް ކަމަށް ހަތް މީހަކު ޔަގީންކަމާ އެކު ދަށު ކޯޓުގައި ހެކިބަސް ދީފައިވާ ކަމަށެވެ. އެ މާރާމާރީގެ ބައެއް ކުދިކުދި ހަނދާން ނެތް ކަމަށް ބައެއް ހެކިވެރިންގެ ބުނެފައިވިޔަސް، އެއީ ފަރީދު ވަޅި ހެރިތަން ދުށް ކަމަށް އެ ހެކިވެރިން ބުނެފައިވާ ބުނުން ނަފީ ކުރެވޭނެ ކަމެއް ނޫން ކަމަށް ފަނޑިޔާރު އެވެ. އަދި އެ ހަތް މީހުންގެ ހެކިބަހުގެ އިތުރުން އެ ހެކިބަހަށް ބާރު ލިބޭ އިތުރު ގަރީނާ ވެސް ދައުލަތުން ހުށަހަޅާފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

ފަރީދުގެ ދިފާއީ ހެކިންގެ ހެކިބަސް ނަގާފައިނުވާ މައްސަލަ ފަރީދުގެ ފަރާތުން ފާހަގަ ކޮށްފައިވާތީ އެކަމާ ގުޅިގެން ފަނޑިޔާރު ސަމީރު ވިދާޅުވި ގޮތުގައި ފަރީދުގެ ހެކިންގެ ހެކިބަސް ނުނެގުމުގައި މައްސަލައެއް ނެތެވެ. ސަބަބެއްގެ ގޮތުގައި ފަނޑިޔާރު ވިދާޅުވީ ދިފާއީ ހެކިން ހާޒިރު ކުރިޔަސް ދައުލަތުގެ ހެކިވެރިންގެ ހެކިބަސް ނަފީ ކުރެވޭނެ ވަރުގެ ކަމެއް ނެތުމެވެ.

ފަނޑިޔާރު ސަމީރު އިތުރަށް ވިދާޅުވީ ދަށު ކޯޓުގައި ފަރީދަށް ލިބެންޖެހޭ ހުރިހާ ހައްގެއް ލިބިފައިވާ ކަމަށެވެ. ވަކީލެއްގެ އެހީ ހޯދުމުގެ ހައްގު ފަރީދަށް ދަށު ކޯޓުން ދިނުމުން އޭނާ އަމިއްލަ އަށް އެ ހައްގު ދޫކޮށްލީ ކަމަށާއި އަދި ހެކިންނާ ސުވާލު ކުރުމުގެ ހައްގު ވެސް ފަރީދަށް ދަށު ކޯޓުގައި ލިބިފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ. އަދި ތަހުގީގުގައި ފަރީދު ބޭނުން ކުރީ ހަނު ހުރުމުގެ ހައްގު ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

ފަނޑިޔާރު ސަމީރުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމެވެ.

ފަރީދު މަރަން ދަށު ކޯޓާއި ހައި ކޯޓުން ހުކުމް ކުރިޔަސް އޭނާ އަށް މަރުގެ އަދަބު ދެވޭނީ ސުޕްރީމް ކޯޓުން އެ ހުކުމް ދަމަހައްޓައިފި ނަމަ އެވެ. ހައި ކޯޓުގެ އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން 30 ދުވަހުގެ މުއްދަތެއް ފަރީދަށް ލިބޭނެ އެވެ. އެ މުއްދަތުގައި އޭނާ އިސްތިއުނާފް ނުކޮށްފި ނަމަ އެ ހުކުމުގެ ސައްހަކަން ކަށަވަރު ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހަޅަން ޖެހޭނެ އެވެ.