ފާރިސްގެ ޝަރީއަތުގެ އަޑުއެހުން އަންނަ ހަފުތާ އަށް ފަސްކޮށްފި
ފާރިސްގެ ޝަރީއަތުގެ އަޑުއެހުން އަންނަ ހަފުތާ އަށް ފަސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަށް ކުރާ ޝަހްސު އޮޅުވާލުމުގެ ދައުވާގެ އަޑުއެހުން އަންނަ ހަފުތާ އަށް ފަސްކޮށްފި އެވެ.

ޕީޕީއެމްގެ ދިދަ އާއި ލޯގޯ ގަވާއިދާ ޚިލާފަށް ބޭނުން ކުރި ކަމަށް ބުނެ ފާރިސް އަށް ކުރާ އެ ދައުވާގެ އަޑުއެހުމެއް މިއަދު ހެނދުނު ބާއްވަން ހަމަޖެއްސުމަށް ފަހު އެ އަޑުއެހުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ފަސްކުރީ ބައެއް ލިޔުންތަކާ ގުޅޭ އިދާރީ ކަންކަން ހަމަޖައްސަން ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

މިއަދު ބާއްވަން ހަމަޖެއްސީ، އެ ދައުވާގެ އަސްލު ޝަރީއަތުގެ އަޑުއެހުންތައް ފެށުމުގެ ކުރިން ދެ ފަރާތުން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ބާއްވާ އަޑުއެހުމެވެ.

ޖިނާއީ އިޖްރާއަތުގެ ގާނޫނު އޮންނަ ގޮތުން ދައުވާއެއް ކުރިއަށް ގެންދެވޭނެ ކަމަށް ކޯޓުން ނިންމައިފި ނަމަ އެ މައްސަލައެއްގެ ޝަރީއަތުގެ ކުރިން ދެ ފަރާތުން ހުށަހަޅަން ބޭނުންވާ ހުށަހެޅުންތައް ހުށަހަޅަން ޖެހެ އެވެ. އެ ހުށަހެޅުންތައް އެގޮތަށް ހުށަހެޅުމުން 30 ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝަރީއަތުގެ އަޑުއެހުންތައް ފަށާނެ އެވެ.

އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ކުރިން ބާއްވާފައިވާއިރު އެ އަޑުއެހުންތަކުގައި ކޯޓުން ވަނީ އެ ދައުވާ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފަ އެވެ. ޖިނާއީ އިޖްރާއަތުގެ ގާނޫނު އޮންނަ ގޮތުން ކޮންމެ މައްސަލައެއް ވެސް ހުށަހެޅުމުން މަދަނީ މިންގަނޑުން ބަލާއިރު އެ ދައުވާއަކީ ކުރިއަށް ގެެންދެވޭނެ ދައުވާއެއް ކަން ނުވަތަ ނޫންކަން އިބްތިދާއީ އަޑުއެހުމުގައި ކޯޓުން ކަނޑައަޅަން ޖެހެ އެވެ.

އެ މައްސަލައިގެ އިބްތިދާއީ މަރުހަލާގައި މައްސަލަ އަށް ތައްޔާރުވާން އެކަށީގެންވާ ވަގުތާއި ވަސީލަތްތައް ނުލިބޭ ކަމަށް ބުނެ އެ ޝަރީއަތް މަޑުޖައްސާލުމުގެ އަމުރަކަށް އެދި ފާރިސްގެ ފަރާތުން ވަނީ ހައި ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތް ކަމެއް ސާފެއް ނުވެ އެވެ.

ޝަހްސު އޮޅުވާލުމުގެ މައްސަލައިގެެ އިތުރުން މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ފާރިސް އަށް ވަނީ ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. އެ މައްސަލައިގެ ތަހުގީގު ދަނީ ކުރިއަށެވެ.