އަނަސްގެ މަރުގެ މައްސަލަ ބަލާ ކޮމެޓީ ސިއްރުކޮށްފި
އަނަސްގެ މަރުގެ މައްސަލަ ބަލާ ކޮމެޓީ ސިއްރުކޮށްފި

ވަޅި ހަރައި މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލަ ބެލުމަށް މިއަދު ބޭއްވި ގައުމީ ސަލާމަތުގެ ކޮމެޓީގެ ބައްދަލުވުން ސިއްރުކޮށްފި އެވެ.

މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ އަނަސް 25، މަރާލި މައްސަލަ ބެލުމަށް އިދިކޮޅު އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ ތިން މެމްބަރަކު ވަނީ ގައުމީ ސަލާމަތުގެ ކޮމެޓީގެ އިތުރުން ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމެޓީ އަށާއި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީ އަށް ހުށަހަޅައިފަ އެވެ. މީގެ ތެރެއިން މިއަދު ބޭއްވީ ގައުމީ ސަލާމަތުގެ ކޮމެޓީ އެވެ.

އަނަސްގެ ހަށިގަނޑުގެ 37 ތަނަކަށް ވަޅި ހަރައި މަރައިލި މައްސަލަ ބަލައިދިނުމަށް ރައްޔިތުންގެ މަޖިލިހުގެ ތިން ކޮމެޓީއަކަށް ހުށަހެޅުއްވީ މައްޗަންގޮޅީ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އާއި ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް މުހައްމަދު ދީދީ އާއި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އާއި ގަމު ދާއިރާގެ އެމްޑީޕީގެ މެމްބަރު ފައްޔާޒް އިސްމާއިލާއި އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމާއި މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހާއި ޖުމްހޫރީ ޕާޓީގެ ކެޔޮދޫ ދާއިރާގެ މޫސާ ނިޒާރާއި ތޮއްޑޫ ދާއިރާގެ އިބްރާހިމް ހަސަނެވެ.

ރ. އަތޮޅުގައި ދުއްވާ ލޯންޗެއްގެ ކެޕްޓަނަކަށް އުޅޭ އަނަސް އަށް ވަޅިން ހަމަލަދީ މަރާލީ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ހުއްޓަ އެވެ. އޭނާ މަރާލިއިރު އައީ އަލަތު ކައިވެންޏަށް ތައްޔާރުވަމުންނެވެ.

އަނަސްގެ ގާތިލުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 8-10 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެއީ ކިތައް މީހުންނެއް ކަމެއް ފުލުހުން އަދި ނުބުނެ އެވެ